އަންނަ ސެޕްޓެމްބަރު މަހު ސިނަމާތަކަށް އަންނަ ތައްޔާރުވަމުންދާ ފެންޓަސީ އެކްޝަން އެޑްވެންޗާ ފިލްމު "ބްރަމަސްތްރާ" ގައި ރަންބީރު ކަޕޫރަށް ތެލުގޫ ބަހުން އަޑުއަޅައިދޭން ދެކުނު ޗިރަންޖީވީ ހަމަޖައްސައިފިއެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޗިރަންޖީވީ އަކީ ދެކުނުގެ ސުޕަރސްޓާރުން ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ފަންނާނެވެ.
އިންޑިއާގައި ވާހަކަ ދައްކާ ފަސް ބަހަކުން މި ފިލްމު ގެނެސްދޭން ވަނީ ނިންމާފައެވެ. އެއީ ހިންދީ ، ތަމަޅަ، މަލަޔާލަމް، ތެލުގޫ އަދި ކަނަޑާއެވެ.
ލީޑް ރޯލުން އާލިއާ ބަޓް ރަންބީރު ފެންނަ މި ފިލްމަކީ މި ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ މަސައްކަތް މި ދެތަރިން ފަށާފައިވަނީ ދެ ލޯބިވެރިންގެ ގޮތުގައި ތިބި ދުވަސްވަރުއެވެ. އޭގެފަހުން މިއަހަރުގެ ކުރީކޮޅު މި ދެތަރިންވަނީ ކައިވެނިވެސްކޮށްފައެވެ. އެހެންކަމުން މި ފިލްމު ވަރަށް ޚާއްޞަވާނެކަމަށް އާލިއާ މީގެކުރިންވެސް ވަނީ ބުނެފައެވެ.
CHIRANJEEVI DOES VOICEOVER FOR 'BRAHMASTRA' TRAILER... #Chiranjeevi has done voiceover for the #Telugu trailer of #Brahmāstra... Stars #AmitabhBachchan, #RanbirKapoor, #AliaBhatt, #MouniRoy and #NagarjunaAkkineni... Directed by #AyanMukerji. pic.twitter.com/DiSw3b5oso
— taran adarsh (@taran_adarsh) June 13, 2022
އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން އަމީތާބު ބަޗަން އާއި މޯނީ ރޯއީވެސް ފެނިގެންދާނެއެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ މި ފިލްމުގެ ވާހަކަ ފުރަތަމަ އިޢުލާންކޮށްފައިވަނީ ކަރަން ޖޯހަރް އޭނާގެ ޓްވިޓަރ އެކައުންޓުގައި 2017 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު މި ފިލްމުގެ މަސައްކަތް ފަށާފައިވީނަމަވެސް ފިލްމު ރިލީޒްކުރެވޭގޮތް އަދިވެސް ވަނީ ނުވެފައެވެ. ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން 2019 ވަނަ އަހަރު ވަނީ ފިލްމުގެ ޓައިޓުލް ލޯގޯވެސް ނެރެފައެވެ.
މީގެ ޓްރެއިލާ މިއަދު ނެރެން ޕްރޮޑަކްޝަން ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.