ލަފާ ފުރުމުގެ ދަތިކަމާ ހުރެ އެތައް ބަޔަކު ތިބީ ބ.ކިހާދޫއަށް ދާން ބޭނުންވެ ނުދެވިއެވެ. އެރަށެއްގެ ފޮޓޯ ސޯޝަލް މީޑިއާއިން ފެނުމުން އެކަން ތަޖުރިބާކުރުމުގެ ފުރުސަތު ބަނދަރެއް ނެތުމުގެ ސަބަބުން މިހާތަނަށް އޮތީ ބަންދުވެފައެވެ.
ބ.އަތޮޅު ކިހާދޫގައި އޮންނަ މޫދަށް އެރޭ ސަރަހައްދު، ނުވަތަ ވޯޓަރ ޕާކް ބަލާލުމަށާއި އެ ރީތި މޫދަށް އެރިލަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އެހެންނަމަވެސް އެރަށުގައި އޮންނަ މި ހިތްގައިމު މަންޒިލަށް މީހުން ދިއުން މަދުވާ އެއް ސަބަބަކީ އެރަށުގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ނެތުމެވެ. މިހާރު އެރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހަދާފައި އޮތްއިރު، މިއަހަރުގެ ބޮޑު އީދު ވެގެންދާނީ ކިހާދޫއަށް ވަރަށް ބޮޑު ޢީދަކަށެވެ.
ބަނދަރެއް އޮތުމަކީ އެރަށެއްގެ އިޤްތިސާދަށްވެސް ވަރަށް މުހިންމު ކަމެކެވެ. ބަނދަރެއް ނެތްނަމަ ނުވަތަ ދަތުރު ފަތުރުގެ ފަސޭހަކަމެއް ނެތް އެތަނަކަށްދާ މީހުން މަދުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެގޮތުން ކިހާދޫގައި ލަފާ ފުރޭނެ ރަނގަޅު ބަނަދަރެއް ޤާއިމްވެފައިވާތީ މިފަހަރު ބޮޑު އީދަށް ކިހާދޫގައި އޮންނަ ވޯޓަރ ޕާކަށް ދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ލަފާކޮށްފައެވެ.
ކިހާދޫގައި އޮންނަ ވޯޓަރ ޕާކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި އޮންނަ އެންމެ ބޮޑުު ވޯޓަރ ޕާކެވެ.
ކިހާދޫގައި ވޯޓަރ ޕާކެއް ޤާއިމްކުރީ މިތަން މިހާ މަގުބޫލް ވާނެކަމަށް ބަލާފައެއްނޫނެވެ. ރަށުގައި ތިބި ޒުވާނުންތަކެއް އިސްނަގައިގެން ޑިޒައިންކޮށް ފުރަތަމަ އެޅީ ދަނޑި އާ ލަކުޑި ބޭނުންކޮށްގެން 50 ފޫޓް ހުންނަވަރުގެ ކުޑަވަރެއްގެ ފާލަމެކެވެ. އެއީ އެމީހުން ޕިކްނިކް ގޮސްލާ މޫދަށް ފުންމުމަށް އެޅި ފާލަމެވެ. އެއަށްފަހު ފާލަމުގެ ކޮޅުގައި ކުޑަ ހަޓެއްޖަހައި ހިޔާކުރީ ދަނޑިއާ ފަނުންނެވެ. އެއީ 2011 ވަނަ އަހަރުއެވެ.
އޭރުވެސް އަތޮޅު ތެރެއިން ކޮންމެސް ވަރަކަށް މޫދަށްއެރުމަށް މިތަނަށް މީހުން ޒިޔާރަތް ކުރެއެވެ. އެގޮތަށް އެތަން ހުރެ، އެޒުވާނުން ވަޒީފާތަކަށް ރަށުން ބޭރަށް ދިއުމާ ގުޅިގެން އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން އެތަން 2015 ވަނަ އަހަރު ފާލަމާ ހަޓް އެއްކޮށް ހަލާކުވިއެވެ.
އެތަން ނެތުމުން ރަށަށް މީހުން އަރާވަރު މަދުވާ ކަމަށް ފާހަގަވާން ފެށުމުން 2017 ވަނަ އަހަރު ރަށުގެ ރައްޔިތުންގެ ބައިވެރިވުމާ އެކު އެތަން ތަރައްޤީ ކުރިއެވެ. ހެޔޮއެދޭ އެތައް ފަރާތެއްގެ ދީލާތި އެހީއާއެކު އެތަން މަރާމާތު ކޮށް މިހާރު އަޅާފައި އޮތް ފާލަން އެޅީ ކޮންކްރީޓް ތަނބު ޖަހައިގެންނެވެ. ފާލަމާ ހަޓް ތަރައްޤީ ކުރީ ރިސޯޓެއްގެ ފާލަމަކުން ނެގި ލަކުޑިތަކެއް ބޭނުންކޮށްގެންނެވެ. މިތަނަށް އޮންނަ މަޤްބޫލްކަން އިތުރުވުމާ ގުޅިގެން އެތަން އެރަށު ޕިކްނިކް އޭރިއާގެ ގޮތުގައި 2018 ވަނަ އަހަރު ކަނޑައެޅިއެވެ. މި ސަރަހައްދަށް މޫދަށް އެރުމަށް އެތައް ބަޔަކު އޭރުވެސް ދެއެވެ.
އަދި އެތަން ކައުންސިލުން ބަލަހައްޓަން ފެށުމުން އެތަން ތަރައްޤީ ކުރުމަށް ގިނަ މަގުތައް ފަހިވެގެން ދިޔައެވެ. އެގޮތުން ރ.އަތޮޅު ސްޓޭންޑެޑް މޯލްޑިވްސް ރިސޯޓުން ބޭނުންކޮށްފައި ހުރި ވޯޓަރ ޕާކްގެ ސާމާނުތައް ބޭނުންކޮށްގެން އެތަން ތަރައްޤީކޮށް ކުޑަކުދިން ގޮވައިގެން މޫދަށް އެރިލަން ރަނގަޅު މަންޒިލެއްގޮތުގައި އެތަން ބަދަލުކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން އަރަށް ދާ މީހުން ގިނަވެ ރަށުގެ އިޤްތިސާދުވެސް ރަނގަޅުވާން ފެށިއެވެ.
އެހެންނަމަވެސް ކިހާދޫއަކީ ބަނދަރު ހަލާކުވެފައި އޮތްރަށެއްކަމުން އެރަށަށް ދާ މީހުންގެ އެންމެ ބޮޑު އެއްޝަކުވާއަކަށްވީ ލަފާ ފުރޭނެ ރަނގަޅު ގޮތެއްނެތުމެވެ. ވޯޓަރ ޕާކަށް ދާންބޭނުންވި ނަމަވެސް މިސަބަބާ ހުރެ އެރަށަށް މީހުން ދިއުން މަދުވިއެވެ. ނަމަވެސް މިހާރު އެރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދި ލަފާފުރުމަށް އުފުލި ތަކުލީފް މިވަނީ ނިމި ގޮސްފައެވެ.
ބޮޑު އީދާ ދިމާކޮށް ކިހާދޫ ވޯޓަރ ޕާކް އިތުރަށް މަރާމާތުކޮށް އެސަރަހައްދު ތަރައްޤީ ކުރުމަށް ކައުންސިލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަތުރު ވެރިކަމުގެ ޚިދުމަތްދޭ އެއް ގެސްޓް ހައުސް ހުންނަ ކިހާދޫ ވޯޓަރ ޕާކަށް ފްލޯޓިން ސްޓްރަކްޗަރތައް ލުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އަދި އެސަރަހައްދުން ވިޔަފާރި އުސޫލުން ބިންދޫކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތްތަކެއްވެސް ކައުންސިލުން ދަނީ ހޯދަމުންނެވެ.
ރާއްޖޭގައި ވޯޓަރ ޕާކެއްގެ ތަޖުރިބާ ކޮށްލުމަށް ކިހާދޫ ވޯޓަރ ޕާކަކީ ރަނގަޅު ތަނެކެވެ.