އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންގެ ނުކުންނަން ތައްޔާރުވަމުން އަންނަ ލަވަ އެންމެ ހާއްސަ ވާނެ ބަޔަކީ ދިވެހިންކަން ޔަޤީންނެވެ. އަބަދުވެސް ރީތި ލަވަތަކެއް ގެނެސްދޭ ޝާންގެ މި ލަވަ ދިވެހިންނަށް ހާއްސަވާނެ ބޮޑު އެއް ސަބަބު އެބައޮތެވެ.
"ދިލް އުޅެޔާ" ގެ ނަމުން ނަންދީފައިވާ މި ލަވަ ދިިވެހިންނަށް ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މި ލަވައިގައި ޝާން އާއެކު ފެނިގެންދާނީ ދިވެހި މިއުޒިކީ އުދަރެހުގައި އެންމެ އަލިގަދަ އެއްތަރިކަމުގައިވާ އުނޫޝާއެވެ.
"ދިލް އުޅެޔާ" މި ލަވައަކީ ޑާންސް ފީލް ހިމެނައިގެން ރެގޭ މިއުޒިކަށް އުފައްދާފައިވާ ލަވައެކެވެ. އުނޫޝާ އާ އެކު ޝާން ގެނެސްދޭ މި ލަވައިގައި ދިވެހި ބަހުން ޝާންގެ ރެޕް ބައެއް ހިމެނެއެވެ. މި ބައި ލިޔެފައިވަނީވެސް އުނޫޝާއެވެ. ނަށާ ނަށާ ވަރުބަލިވާނެ މިއުޒިކަށް އުފައްދާފައިވާ މި ލަވައިގައި ދިވެހި ބޮޑުބެރުގެ ފޯރިގަދަ އަޑުތައްވެސް ވަނީ ހިމަނާފައެވެ.
އުނޫޝާ އާ ޝާން ފެނިގެންދާ މިލަވަ އެއްކޮށް ޝޫޓްކޮށްފައިވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓަލްގައެވެ.
މި ލަވައިގެ ވާހަކަތައް ކިޔާދީ އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުގައި ޝާން ވަނީ އުނޫޝާގެ ހުނަރަށް ވަރަށް ތައުރީފުކޮށްފައެވެ. އެގޮތުން މި ލަވައިގައި ހިމެނޭ ބައެއް ހިންދީ އަދި އުރުދޫ ބަހުން އުނޫޝާ ހުށައަޅާދިން މޮޅުކަމުން ހައިރާންވާކަން ޝާން ފާހަގަކުރިއެވެ. ޝާން ބުނީ އުނޫޝާ އެކު މަސައްކަތް ކުރުމުން އުނޫޝާގެ މޮޅުކަމުން ހައިރާންކޮށްލިކަމަށެވެ.
އަދި އުނޫޝާއެކު މަސައްކަތް ކުރުމަށް ލިބުމުން ހިތްހަމަޖެހޭކަން ފާހަގަކުރަމުން ޝާން ބުނީ ލަވަ ޝޫޓްކުރުމުގައި ދިވެހި ފަންނާނުގެ ހުނަރު ފެނިގެންދިޔަކަމަށްވެސް ޝާން ވަނީ ބުނެފައެވެ.
މި ލަވައިގައި ޝާން ދިވެހި ބަހުން ރެޕްކުރި ބައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް އުނޫޝާގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ޝާން ވަނީ ފާހަގަކޮށްފައެވެ.
އުނޫޝާ އާ ޝާންގެ މި ލަވަ ނުކުންނާނެ ވަކި ތާރީހެއް ޝާން ނުބުނެއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް މިލަވަ ފެންނާނެކަމުގެ ޔަޤީންކަން ޝާން ވަނީ ދީފައެވެ.