ބޭރުގެ ޖަމިއްޔާއެއްކަމަށްވާ "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން"އާ ގުޅިގެން ރާއްޖޭގައި ފެށި "ނޫ ރާއްޖޭ" ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު ދިރާސީ މަސައްކަތެވެ. މި ސަރވޭއަކީ ކަނޑުތަކުގައި ދިރުން ހުރި މިންވަރާއި، އަދި ކަނޑުފަޅުގެ ސަރަޙައްދުތައް ބޭނުންކުރާ މިންވަރާއި، ބޭނުންކުރާ ގޮތްތައް ދެނެގަތުމަށް ހިންގާ ސާރވޭއެކެވެ.
ސަރވޭގެ އެންމެ ބޮޑު ބޭނުމަކީ މެރިން ސްޕެޝަލް ޕްލޭން ނުވަތަ ކުރިމަގުގައި ރާއްޖޭގެ ކަނޑު ފަޅުތައް ޙިމާޔަތްކުރުމާއި މި ސަރަޙައްދުތައް ބޭނުންކުރާނެ ގޮތްތައް، ކަރުދާހަށް ތިރިކުރުމެވެ. ސަރވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް އޮފީހުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
ނޫ ރާއްޖެ ޕްރޮގްރާމަކީ ރާއްޖެ ނޫ އިޤްތިސާދަށް ކުރާ ދަތުރުގެ އެންމެ މުހިންމު މަސައްކަތެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ %20 ޙިމާޔަތްކުރުމަކީ ނޫ އިޤްތިޞާދުގެ ތެރޭގައި ހިމަނާފައިވާ އެންމެ ބޮޑު މަސައްކަތެވެ. މިމަސައްކަތަށް އެންމެ ބޮޑު އެހީއަކަށްވާނީ ނޫ ރާއްޖޭ ސަރވޭގެ ހޯދުންތަކާއި، އެއް ކުރެވޭ މަޢުލޫމާތުތަކެވެ.
މި ޕްރޮޖެކްޓްގައި ހިމެނޭ ފުރަތަމަ ދިރާސާގެ މަސައްކަތް ފެށީ 2019ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ކުރިއަށްގެންދިޔައި ރާއްޖޭގެ ކަނޑާއި ފަރުތަކުގެ ދިރުންހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަރވޭއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ޢަމަލީ ދިރާސާތައް މިހާރުވަނީ ނިމިފައެވެ. މީގެތެރެއިން ފުރަތަމަ ދިރާސާގެ ހޯދުންތައްވެސްވަނީ އާއްމުކޮށްފައެވެ.
"ނޫ ރާއްޖެ" ޕްރޮގްރާމްގެ ފަރާތުން ބުނެފައިވަނީ މި ސަރވޭއިންވެސް އެނގިގެން ދިޔައީ ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ދިރުންތަކަށް ލިބިފައިވާ ގެއްލުންތައް އަލުން އިއާދަވާން ފަށާފައިވާކަންކަމަށެވެ. މިއާއެކު ފަރުތައް ޙިމާޔަތްކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ސްޕެޝަލް ޕްލޭން އެކުލަވާލުމަށް ފަސޭހަވެފައިވާ ކަމަށެވެ.
"ނޫ ރާއްޖެ" ޕްރޮގްރާމްގެ ދެވަނަ ސަރވޭއަކީ "އޯޝަން ޔޫސް ސަރވޭ" ނުވަތަ ކަނޑު ފަޅުގެ ސަރަޙައްދު ބޭނުންކުރާ ގޮތުގެ ސަރވޭއެވެ.
އެގޮތުން ރާއްޖޭގައި ކަނޑާއި ފަރުމަހުގެ މަސްވެރިކަން ކުރާ ސަރަޙައްދުތަކާއި، ވެލި ނެގުމާއި މޫދު ކުޅިވަރަށް ބޭނުންކުރާ ސަރަޙައްދުތަކާއި، ކަނޑުގެ އެކި ބާވަތުގެ ދިރުންތައް ބަލާލުމަށް ފަތުރުވެރިން ގޮވައިގެން ދިއުމަށް ޚާއްސަ ސަރަޙައްދުތަކާއި ދަތުރު ދިއުމާއި މޫދަށް އެރިއުޅުން އަދި ބޮނބި ފާ ހަދާ ސަރަޙައްދުތަކުގެ މަޢުލޫމާތުފަދަ މުހިންމު މަަޢުލޫމާތުތައް މި ސަރވޭގައި އެއްކުރަމުންދެއެވެ.
"ނޫ ރާއްޖެ" ޕްރޮގްރާމުން ބުނެފައިވަނީ މިހާތަނަށް މި ސަރވޭއަށް 3700އަށްވުރެ ގިނަ މީހުން މަޢުލޫމާތު ދީފައިވާކަމަށެވެ. އެއީ ޖުމްލަ 20000 މީހުންނަށްވުރެ ބޮޑު އާބާދީއެއް ރަމްޒުވާގޮތަށެވެ. މިސަރވޭގައި، މިހާތަނަށް ކަނޑުގެ ގިނަ ސަރަޙައްދުތަކެއް ދެނެގަނެވި އެތަންތަން ބޭނުންކުރާ ގޮތުގެ މަޢުލޫމާތުވަނީ މެޕްކޮށްފައެވެ.
Do you want to help the Maldives build a prosperous blue future? Tell us how you use and value the ocean! Visit https://t.co/P7SeXckHN8 to complete the survey, schedule a meeting with one of our Survey Facilitators, or learn more.
— Noo Raajje (@NooRaajje) April 19, 2022
ނޫ ރާއްޖެ ދިރާސާތަކުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާނެއެވެ. އަދި މިހާތަނަށް އެއްކުރެވުނު މަޢުލޫމާތަށް ބަލާ ސްޕެޝަލް ޕްލޭން އެކުލަވާލަން ވަނީ ފަށާފައެވެ.
ކަނޑު ފަޅުގެ ސްޕެޝަލް ޕްލޭން އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކުރައްވަނީ ފިޝަރީޒް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއެވެ. އަދި މި މަސައްކަތުގައި ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރާ އެންޖީއޯތަކާއި މޫދު ކުޅިވަރާއި ރެކްރިއޭޝަނަލް ހަރަކާތްތަކުގައި އުޅޭ ފަރާތްތައްވެސް ބައިވެރިވެއެވެ.
ސްޕެޝަލް ޕްލޭން އެކުލަވާލާއިރު ކަނޑުފަޅުން އެކި ބޭނުންތަކަށް ޚާއްސަ ކުރެވޭ ސަރަޙައްދުތަކާއި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ދެނެގަނެވޭނެއެވެ.
މި ޕްލޭން އެކުލަވާލާ މި އަހަރުގެ ފަހުކޮޅު އާއްމުންގެ ޚިޔާލަށް ހުޅުވާލާނެ ކަމަށް ނޫ ރާއްޖެ ޕްރޮގްރާމްގެ ފަރާތުން މަޢުލޫމާތުދެއެވެ.
އޮންލައިންކޮށް ކުރިއަށްދާ މި ސަރވޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ މަޢުލޫމާތު ޙިއްސާ ކުރުމަށް ޕްރޮގްރާމްގެ ފަރާތުން އެދެއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކަނޑުފަޅު ޙިމާޔަތްކޮށް، ތިމާވެށި އިއާދަ ކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތެވެ.