މުނިފޫހިފިލުވުން

ވިހެއުމަށްފަހު އަނެއްކާވެސް އަނުޝްކާ ފިލްމު ސެޓަށް


އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމުގެ މަސައްކަތް އަނުޝްކާ ޝަރުމާ ފަށައިފިއެވެ. މިއީ ދަރިއަކު ލިބުނު ފަހުން އަނުޝްކާ ފުރަތަމަ ކުޅޭ ފިލްމެކެވެ.

"ޗަކްދާ އެކްސްޕްރެސް" ގެ ނަން ދީފައިވާ މި ފިލްމުގައި އަނުޝްކާ ފެންނާނީ ޖޫލާންގެ ރޯލުންނެވެ. އިންޑިއާއާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް އަނުޝްކާ އިނގިރޭސިވިލާތަށް ފުރަންވެސް ވަނީ ހަމަޖެހިފައެވެ. މި ފިލްމަށް އަނުޝްކާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެސް ވެފައެވެ. ކްރިކެޓް ޕްރެކްޓިސްތައްވެސް މާކުރިން ވަނީ ފަށާފައެވެ.

އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓްކުރާނީ އޭނާ ކުޅެ، އެ ސްޓޫޑިއޯ އިން 2018 ގައި ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ. ފިލްމެއްގައި އަލަށް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅޭ އިރު މިއީ އަނުޝްކާގެ ފުރަތަމަ ބައޮޕިކް ވެސް މެ އެވެ.

ޖޫލާން ނިޝިޓް ގޯސްވާމީ އަކީ އޯލް ރައުންޑަރ ކްރިކެޓް ކުޅުންތެރިއެކެވެ. އަދި އިންޑިއާގެ އަންހެން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަންވެސްމެއެވެ. 2018 ވަނަ އަހަރު އޯގަސްޓުގައި ޖޫލާން ވަނީ އޭނާ ރިޓަޔަރ ކުރިކަން އިޢުލާން ކޮށްފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނުނީ 2018 ވަނަ އަހަރު ދެއްކި "ޒީރޯ" އެވެ. މީގައި އަނުޝްކާ އާއިއެކު ޝާހުރުކްޚާނުވެސް ފެނެއެވެ.