އާމިރު ހާންގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަނީ އޭނާގެ ކުރިއަތް ފިލްމަށެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ފިލްމުގެ އެއްވެސް މަންޒަރެއް ދައްކަން އާމިރު އެހާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ސަޕޯޓަރުންނަށްޓަކައި އާމިރު މި ވަނީ ފިލްމު "ލާލް ސިންގް ޗައްޑާ"ގެ ފުރަތަމަ ޓްރެއިލަރ ދޫކޮށްލާފައެވެ.
ފިލްމުގެ ޓްރައިލަރ ނެރުނުމުންވެސް ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރާން އެގިގެން ހިގައްޖެއެވެ. ޓްރައިލަރ އާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް 17 މިލިއަނަށްވުރެ ގިނަ މީހުންވަނީ ބަލާފައެވެ. ޓްރެއިލަރ ބަލާލުމުންވެސް މި ފިލްމުންވެސް އާމިރު ސަޕޯޓަރުން މާޔޫސް ނުކުރާނެކަން އެނގޭކަމަށްވެސް އާމިރުގެ ފޭނުން އަންނަނީ ބުނަމުންނެވެ.
މީ " ތްރީ އިޑިއެޓްސް" އަށް ފަހު އާމިރު ހާނާއި ކަރީނާ އެއްކޮށް ފެންނަ ފުރަތަމަ ފިލްމެވެ. މި ދެތަރިންގެ އެކުގައި ފެންނަ ތިންވަނަ ފިލްމެވެ.
ފިލްމުގެ ޓްރެއިލަރގެ ކުރިން އާމިރު ވަނީ މި ފިލްމުގެ ޓައިޓަލް ލަވަ މިދިޔަ މަހުގެ ތެރޭގައި އާއްމުކޮށްފައެވެ. "ކަހާނީ"ގެ ނަން ދީފައިވާ މި ލަވަ ފޭނުންނަށް އާމިރު ދޫކޮށްލީ ހަމައެކަނި އޯޑިއޯއެވެ. މޯހަން ކަންނާ ކިޔާދީފައިވާ މި ލަވަައިގެ މިއުޒިކް ހަދާފައިވަނީ މަޝްހޫރު ކޮމްޕޯސަރ ޕްރިތަމްއެވެ. މީ އާމިރުގެ ފިލްމެއްގެ ޓްރެއިލަރގެ ކުރިން ލަވައެއް ފޭނުންނަށް ދޫކޮށްލި ފުރަތަމަ ފަހަރުވެސް މެއެވެ.
މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އޮގަސްޓްމަހުގެ 11 ވަނަދުވަހުއެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އާމިރުގެ މި ފިލްމަކީ 1994 ވަނައަހަރު ނުކުތް އަދި އެހާމެ ކާމިޔާބުވި ޓޮމް ހޭންކްސްގެ "ފްރޮސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.
އެންމެ ފަހުން އާމިރުގެ ފެނިގެންދިޔައީ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ. މި ފިލްމު ވެގެންގޮސްފައިވަނީ އާމިރުގެ ކެރިއަރގައިވެސް އެންމެ ބޮޑު ޕްލޮޕަށެވެ. ފިލްމަށް ލިބުނު ނާކާމިޔާބީގެ ސަބަބުން ފިލްމީ ހަޔާތާ ދުރަށް ދާންވެސް އޭރު އާމިރު ވިސްނިއެވެ.
މި ފިލްމުން އާމިރާ ކަރީނާ ފެނިގެންދާއިރު މި ދެތަރިން އެކުގައި ފެންނަ ތިން ވަނަ ފަހަރެވެ. މީގެކުރިން މި ދެތަރިން ފެނުނު "ތްރީ އިޑިއެޓްސް" އަދި "ތަލާޝް" ވަނީ ސުޕަރހިޓް ވެފައެވެ.