ގއ. ވިލިގިނލި ފަޅަށް ވަންނަން އުޅެނިކޮށް ނެރުގެ ފައިކަށީގައި ޖެހި ހިންގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި އަނިޔާ ލިބި އިތުރު ފަރުވާއަށް މާލެ ގެނައި 3 މީހުންގެ ތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެނީ މިހާދިސާގައި ނިޔާވި ގއ ވިލިނގިލި ދޫރެސް މިސްބާޙްގެ އެއްބަޑު އެއްބަފާ ކޮއްކޮ އިސްހާގް އަށެވެ. އިސްހާގު އިތުރު ފަރުވާއަށް މާލެ ގެނަތާ ތިން ދުވަސްވެފައިވާއިރު، އޭނާ އިތުރުފަރުވާއަށް މާލެއަށް ގެނައީވެސް ވެންޓިލޭޓަރުގެ އެޙީގައެވެ.
އިސްޙާގުއަށް ފަރުވާ ދެމުންދާ ޑޮކްޓަރުންގެ ޓީމާ ހަވާލާ ދީ އޭނާގެ އާއިލާއިން ބުނީ އިސްހާގު އަދިވެސް އޮތީ ކްރިޓިކަލް ހާލަތުގައިކަމަށެވެ. މާލެއަށް ގެނައި އިރު ގިނަ ޒަހަމް ތަކަކާއެކު އޭނާގެ ހަށިގަނޑުގެ އެކިތަންތަން ހުރީ ދުޅަވެފައެވެ. އެހެން ނަމަވެސް ދުޅަތައް މިހާރު މަޑުމަޑުން ތިރިވަމުންދާކަމަށް އާއިލާއިން ވާހަކަ ދެއްކި ހަސަން ނިޒާމް ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި އަނެއް ދެމީހުންނަށް ފަރުވާ ދެމުންދަނީ ވޯޑްގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
މި ޙާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވީ ވިލިނގިލި ދޫރެސް މިސްބާޙް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ. ލޯންޗު ނެރު ފައިކަށީގައި ޖެހުނު ވަގުތު މި ދެމީހުން ކަނޑަށް ވެއްޓުނުކަމަށާއި، މި މީހުން ނަގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގް ކުރަމުންނެވެ.