ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ވައިޓް އެލަޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި މިކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެއޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނީ މެދުރާއްޖެތެރޭގައި 5 ފޫޓާއި 8 ފޫޓު ދެމެދު ކަމަށާއި، އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓު ދެމެދު ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރައްވައެވެ.