ޚަބަރު

މައިންބަފައިންގެ ހުވަފެން ހަޤީގަތަކަށް. އުމުރުން އެންމެ 11 އަހަރުގައި ހާފިޒަކަށް


2017 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުން ފެށިގެން އޭދަފުށިން އިވޭ ކީރިތި ޤުރުއާން ކިޔަވާ އަޑު އަހާލާ އެރަށު ބޮޑު މިސްކިތް މަސްޖިދުލް މުޢިނުއްދީނުގައި ތަރާވީޙް ނަމާދު ކުރުމަކީ ވަރަށް ގިނަ ދިވެހިން ބޭނުންވާކަމެކެވެ. ވަކިން ޚާއްސަކޮށް ދީނީކަންކަމަށް ލޯބި ކުރާ ފަރާތްތަކުން ބޭނުންވާކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. އެއީ އެމިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާ ދަމުނަމާދު ކުރާ ކުޑަކުއްޖާއާ ބައްދަލުކޮށްލުމަށާއި، އެކުއްޖާގެ ކިޔެވުމުގައި ހުންނަ ރީތިކަން އަޑުއަހާލުމުގެ ބޭނުމުގައެވެ.

މަޑުމައިތިރި ބަސްމަދު މިކުޑަކުޑަ ކުއްޖާއަކީ އޭދަފުށީ ޒުވާނުންނަށާއި ކުޑަކުދިންނަށް މިސްކިތުގެ ދޮރު ހުޅުވާލަދީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށްދިން ކުއްޖެއްވެސްމެއެވެ. އޭދަފުށީ މީހުން ބުނާގޮތުންނަމަ މިއީ އޭދަފުށީ ބޮޑު މިސްކިތައް ރޯދަމަހު ލިބޭ އަލިގަދަ ނޫރެކެވެ.

ރޯދަމަހެއްނަމަ މި އަޑަކީ އަބަދުވެސް އޭދަފުށީ ބޮޑު މިސްކިތް މަސްޖިދުލް މުއިނުއްދީންއިން އަބަދުހެން އިވޭ އަޑެކެވެ. މީ އޭދަފުށީ މީހުން އަބަދުހެން ފަޚްރުވެރިވާ އަދި އެމީހެއްގެ ފަހަތުގައި ނަމާދުކޮށްލުމަށް ބޭނުންވާ އަޑެކެވެ. މިދައްކަނީ އުމުރުން އެންމެ 11 އަހަރުގައި ކީރިތި ޤުރުއާން ހިތު ދަސްކޮށް ހާފިޒް ކަމުގެ ސަނަދު ނަގައިގެން ހުރި ބ.އޭދަފުށީ އެރޯވިލާ މުހައްމަދު ނަޝީދުއާއި މާޖިދާގެ ދެ ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު އަލްޙާފިޒް މުހައްމަދު މުސްތަފާގެ ވާހަކައެވެ. އޭނާގެ އެ ރީތި އަޑާ ވިސްނުން ތޫނުކަމުގެ ވާހަކައެވެ. ދީނީކަންކަމަށް ބަހައްޓާ ލޯތްބާ އަޅާލުމުގެ ވާހަކައެވެ.

މުސްތަފާ އެންމެ ފުރަތަމަ ތައުލީމް ހާސިލް ކުރީ އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޭނާގެ ދިރިއުޅުން މަންމަގެ އުފަން ގައުމަށް (އިންޑިއާގެ ކެރެލާ) އަށް ބަދަލުކުރީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ އަޒުމްގައެވެ. އޭގެ ކުރިންވެސް އެކަން ކުރަން ބޭނުންވާކަމަށް މުސްތަފާއައީ ބުނަމުންނެވެ. އަދި ޤުރުއާން ހިތުދަސްކޮށް އިމާވެ ނަމާދުކުރުމުގެ އަޒުމް ކަނޑައަޅާ މަންމައާއި ބައްޕަ ކައިރީގައި އެވާހަކަ ބުނުމުން އެއްވެސް އިއުތިރާޒެއްނެތި އެފުރުސަތު މުސްތަފާއަށް ފަހިކޮށްދިނެވެ. އެއަށްފަހު މުސްތަފާގެ އާއިލާ އެއްކޮށް އިންޑިއާއަށް ބަދަލުވިއެވެ.

އޭގެ ދެއަހަރުފަހުން މުސްތަފާ ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދު ހިފައިގެން އައިސް އޭދަފުށީ ބޮޑުމިސްކިތުގައި ރޯދަމަހު ތަރާވީހް ނަމާދު އިމާވެ ކުރުމުގެ ހުއްދައަށް އެދުނީ 2017 ވަނަ އަހަރުގެ މޭމަހުގެ 8 ވަނަދުވަހުއެވެ. މި ވާހަކަ ރަށުތެރޭގައި ފެތުރުމުން އެކަން ވީ ބައެއް މީހުންނަށް ބުނެދޭން ނޭނގޭ ކަހަލަ ވާހަކަތަކެއް ހިތަށް ވެރިވި ކަމަކަށެވެ. އަދި އެހާ ކުޑަކުއްޖަކަށް އެހާ ބޮޑު ޖަމާއަތެއް ދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތްތޯ މީވެސް އެތައް ރައްޔިތެއްގެ ހިތުގައި އުފެދުނު ސުވާލެކެވެ.

އިންޑިއާއަށް ބަދަލުވުމުގެ ކުރިންވެސް މުސްތަފާވަނީ ޤުރުއާނުގެ 2 ފޮތް ދަސްކޮށްފައެވެ. އެއީ މުސްތަފާގެ އުމުރުން އެންމެ 8 އަހަރުގައެވެ. ގްރޭޑް 3 ގައި ކިޔެވުން ނިންމާލުމަށްފަހު އިންޑިއާއަށް ބަދަލުވި މުސްތަފާ ހަމައެކަނި އަންނަނީވެސް ރޯދަމަހަށެވެ. ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ ރޯދަމަސް ފިޔަވައި އިމާމުވެ ނަމާދުކުރަން ފެށިފަހުން ނާންނަ އެންމެ ރޯދަމަހެއްވެސް ނުދެއެވެ.

މުސްތަފާގެ މަންމަ މާޖިދާ ބުނިގޮތުންނަމަ މިކަން ހާސިލް ކުރީ ވަރަށް ބުރަ މަސައްކަތުން އެތައް ގޮންޖެހުމަކާއެކުއެވެ.

"ކޮންމެ ހަފްތާއެއްގެ ދެ ދުވަސް ނުވަތަ ތިންދުވަސް މުސްތަފާގެ ކަންކަމަށް ހުސްކުރަންޖެހޭ ކޮލެޖަށް މުސްތަފާ ކައިރިއަށްގޮސް އޭނާގެ ޒަރޫރީ ބޭނުންތައްކޮށްދިނުމަށް ދާންޖެހޭތީ މީ ވަރަށް ބުރަމަސަކަތުން ހާސިލްވިކަމެއް" އުފަލުގެ ކަރުނަ ލޮލުން އޮހެމުންދިޔަ މުސްތަފާގެ މަންމަ ޕީއެސްއެމްނިއުސްއަށް މިވާހަކަތައް ކިޔައިދެމުންބުންޏެވެ.

މިހާރު އުމުރުން 17 އަހަރުގެ މުސްތަފާ، ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދުނަގާ އިމާމުވެ ތަރާވީޙް ނަމާދު ކުރުމުގެ ޝަރަފް މުޅިރާއްޖެއިން އެންމެ ފުރަތަމަ ހޯދީ އުމުރުން އެންމެ 11 އަހަރުގައެވެ. އެއާއެކު މިކުއްޖާ ދެކެލަން ބޭނުންވެ ބައްދަލުކޮށްލުމަށް އެތައް ބަޔަކު އެގޭދޮށަށް ދިޔައެވެ. މިކަން ވީ މުސްތަފާއަށް ބުނަންވެސް ނޭނގޭ އިޙްސާސެއް ކުރުވިދުހަކަށެވެ.

"ދެން ވަރަށް އުފާވި އެފުރުސަތު ލިބުނީމަ" ވަރަށް ކުރުކޮށް ބަސްމަދު މުސްތަފާ ޕީއެސްއެމްނިއުއަށް މިވާހަކަތައް ހިއްސާ ކުރަމުން ބުންޏެވެ.

މުސްތަފާގެ އަޑު މަޚްރަޖްގެ ރީތިކަމާ ކީރިތި ޤުރުއާން ކިޔެވުމުގައި އޭނާ ގެންގުޅޭ ރާގަކީ އަޖައިބެއްފަދަކަމެކެވެ. މުސްތަފާގެ ޤަބޫލްކުރާ ގޮތުގައި އޭނާގެ މިކާމީޔާބީގެ އަސްލަކީ އޭނާގެ މައިން ބަފައިން ދީނުގެ ކަންކަމަށް ބަހައްޓާ އަޅާލުމާ ލޯބީގެ ސަބަބުން ﷲ އޭނާއަށް ދެއްވި ނިއުމަތެކެވެ.

"ބައްޕައާއެކު ނަމާދަށް ވަރަށް ކުޑައިރު ދާންފެށިން ބައްޕަ އަބަދުވެސް ކޮންމެ ނަމާދަކަށްފަހު ކީރިތި ޤުރުއާން ކިޔަވަން މިސްކިތުގައި އިންނާނެ، ދެން އަޅުގަނޑުވެސް ބައްޕައާއެކު ކިޔަވަން އިންނަނީ، މިހެން ކިޔެވުމުގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމުގެ އަޒުމް ކަނޑައެޅީ ވަރަށް ފަސޭހައިން ދަސްވާނެކަން އެނގޭތީ" މުސްތަފާ ބުންޏެވެ.

2017 ވަނަ އަހަރު އުމުރުން އެންމެ 11 އަހަރުގައި ތަރާވީޙް ނަމާދު މުސްތަފާ އިމާމުވެހުރެ ކުރަން ފެށުމުން މުޅި ޤައުމުގެ ސަމާލުކަން އެކަމަކަށް ހުއްޓުނެވެ. ހެޔޮލަފާ ބަސްތައް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔައެވެ. އޭނާއާއެކު ފޮޓޯ ނެގުމަށާ ބައްދަލުކޮށްލާ އޭނާގެ ފަހަތުގައި ނަމާދު ކުރުމަށް އެތައް ބަޔަކު ބޭނުންވިއެވެ. އެހެންކަމުން މުސްތަފާ ވަނީ އެއަހަރު ބ.އަތޮޅުގެ ބައެއް ރަށްރަށުގައާ ރ.އަތޮޅުގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައިވެސް އިމާމުވެ ތަރާވީޙް ނަމާދުކޮށްފައެވެ. އޭނާގެ މަންމަ ބުނީ ކޮންމެ ރޯދަމަހަކުވެސް ރާއްޖޭގެ އެކި ރަށްރަށުން މުސްތަފާ ގެންދިއުމަށް އެދޭކަމަށާ، އެހެން ނަމަވެސް އޭދަފުށި ފިޔަވައި އެހެން ރަށަކަށް ރޯދަމަސް އެއްކޮށް ބަދަލުވުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށެވެ.

އޭދަފުށީ މީހުން ޤަބޫލް ކުރާގޮތުންނަމަ މި ވޭތުވެދިޔަ އަހަރު ތަކުގައި މިސްކިތަށް ޒުވާނުން އެރުންމަދެވެ. އެހެން ނަމަވެސް މުސްތަފާ އިމާމުވެ ނަމާދު ކުރަން ފެށުމުން ޒުވާނުންނާ ކުޑަކުދިންގެ ހިތްތަކުގެ ނަމާދާ ޤުރުއާނަށް އޮންނަ ލޯބި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އެކަން މިއަދު އޭދަފުށީ މިސްކިތްތަކުން ފެންނަމުންދެއެވެ.

މުސްތަފާގެ މަންމަ އާ ބައްޕަ އެވީ ޤުރުބާނީ މިއަދު މިވަނީ ހާސިލްވެފައެވެ. އަދި އޭނާ ބޭނުންވަނީ ވީހާވެސް ގިނަ ކުދިންނަށް ޤުރުއާން ހިތުދަސްކޮށްދިނުމަށް މަގުފަހިކޮށްދޭށެވެ. އެކަން ކުރަން ބޭނުންނަމަ އެކަން ކުރުމުގެ ޤާބިލިއްޔަތު ހުރިކަން ވަނީ ދައްކުވައިދީފައެވެ. އެއީ މުސްތަފާގެ ޤުރުއާން ކިޔަވާ އަޑުއިވި އެކަން ކުރަ ބޭނުންވި އެހެން ކުއްޖަކަށް ގުރުއާން ދަސްކޮށްދީ ހާފިޒްކަމުގެ ސަނަދު މިއާއިލާ މެދުވެރިވެގެން ވަނީ ނަގައިދީފައެވެ. އެއީ މިހާރު ހާފިޒް މުސްތަފާގެ ދަރިވަރު އަދި އޭދަފުށީ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު މުސްތަފާއާ އެކީ ކުރާ ހާފިޒް ޒާން މުހައްމަދު ޒަމީލްއެވެ. އޭނާގެ އުމުރަކީވެސް 17 އަހަރެވެ. މި ދެކުދިންނަކީ މިއަހަރުގެ ރޯދަމަހު އޭދަފުށީ މިސްކިތުގައި ތަރާވީޙް ނަމާދާ ދަމު ނަމާދު ކުރާ ދެކުދިންނެވެ.

ކީރިތި ޤުރުއާނަކިީ ކިޔެވިވަރަކަށް އިންސާނާގެ ހިތް އަލި ކޮށްދޭ މާތްﷲ ގެ މަތިވެރި ކަލާންފުޅެވެ. މި ފޮތް ދަސްކޮށް ޤުރުއާނުގައި ބުނާއެއްޗެއް ދެނެގަނެ ޤުރުއާން ކިޔަވަން ހިތުލައިފި ކޮންމެ މީހަކަށް މިކަން ހާސިލްވާނެކަން މި ދެކުދިން މިވަނީ ދައްކަދީފައެވެ. މިއީ ކުޑަކުޑަ މުސްތަފާ އާއި ޒާންގެ އާއިލާއަށް ލިބުނު ބޮޑު އުފަލެކެވެ.

ކީރިތި ގުރުއާން ދަސްކުރަން ބޭނުންވާ ކޮންމެ މީހަކަށް މުސްތަފާގެ އާއިލާގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެޙީވާން އެތިބީ ތައްޔާރަށެވެ.