ދިވެހި ރާއްޖެއަކީ އެފެއްދުންތެރިކަން މަދު، ދުނިޔޭގެ އެކި ޤައުމުތަކަށް ބަރޯސާވެފައިވާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ރާއްޖޭގެ ޒަމާންވީ ދިގު މާޒީގައިވެސް ދިވެހިންގެ ޚާރިޖީ ސިޔާސަތަކީ ދުނިޔެއާއި ގުޅިގެން، އެއްބައިވަންތަކަމާއިއެކު އުޅުމެވެ. ޚާއްސަކޮށް އަވަށްޓެރި ޤައުމުތަކާއި މެދު އޮންނަ ގުޅުން ބަދަހި، ކޮންމެ ދަނޑިވަޅެއްގައި ގޮވާލިޔަސް އަތްދިއްކޮށްލެވޭހާ ގާތް ޤައުމެކެވެ.
އަދުގެ ދުނިޔޭގައި ގިނަ ގައުމުތަކުގެ އެތެރޭގެ މަސްލަހަތާއި، އަދި ތަރައްގީއާއި ގުޅިފައި އޮތް އެންމެ މުހިންމު އެއް ގުޅުމަކަށް ވެގެން ގޮސްފައިވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކެވެ. އަދި މި ގުޅުންތަކަކީ، ހަމައެކަނި، ދެގައުމެއްގެ މެދުގައި އޮންނަ ސިޔާސީ ގުޅުމަށްވުރެ ބޮޑަށް، ގައުމުތަކުން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުންތަކެއްވެސް މެއެވެ.
އަދި ޑިޕްލޮމެޓިކް ގުޅުންތައް ތަރުތީބު ވެފައި އޮންނަ ގޮތްތަކަށް ބަލާއިރު، ކޮންމެ ދެގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމަކީވެސް، އެހެން ގައުމުތަކާއެކީ އޮންނަ ގުޅުންތަކަށްވެސް އޭގެ އަސަރު އެކި ގޮތްގޮތުން ކުރާ ގުޅުންތަކެކެވެ، މި ގުޅުންތައް ދެމެހެއްޓުމަށްޓަކާ، ބައިނަންއަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރުން ވެގެންދަނީ، ގައުމުތަކުގެ މައްޗަށް އޮންނަ މަޖުބޫރީ ހާލަތަކަށެވެ.
ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައިވާ އިންޑިއާ އައުޓު ހަރަކާތަށް ބަލާއިރު، މި ހަރަކާތް ސީދާ ގޮތެއްގައި ގޮސް ހުއްޓެނީ އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްވެފަ އޮތް ސިޔާސީ ގުޅުންތަކާއި ހަމައިންނެވެ. މީގެ އިތުރުން ދިވެހިންގެ އެތައްބަޔަކު އިންޑިއާއިން ހޯދަމުންދާ އަސާސީ ޚިދުމަތްތަކާއި ހަމައިގައެވެ.
ބޭރުގެ ގައުމުތަކުގައި ގާއިމްވެފައި ހުންނަ މިޝަންތަކަށް ބައިނަލްއަގުވާމީ ގޮތުން ޚާއްސަ އިމްތިޔާޒުތަކެއް ލިބިދެނީ ވިއެނާ ކޮންވެޝަންތަކުގައި ގައުމުތަކުން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށެވެ. މީގެ އެއް ކޮންވެންޝަނަކީ، 1963 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހުން އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު "ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ކޮންސިއުލާރ ރިލޭޝަންސް"އިން އެކުލަވާލާ، އެއަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ޔޫއެންގެ ހުރިހާ މެމްބަރު ގައުމުތަކުން ބަލައިގެންފައިވާ ކޮންވެންޝަނެކެވެ.
ޖުމްލަ 79 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި ކޮންވެންޝަންގެ 31ވަނަ މާއްދާ (އާރޓިކަލް 31)ގައި ބަޔާން ކުރަނީ، އެމްބަސީއެއް (ނުވަތަ ކޮންސިއުލާ މަސައްކަތް ކުރާ އިމާރާތެއް) ހުންނަ ގައުމަކުން އެއިމާރާތަށް، އެމްބަސީ ނިސްބަތްވާ ގައުމުގެ ހުއްދައަކާ ނުލާ އެއްވެސް މީހަކު ވަނަނުދީ، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭނެ ކަމުގައެވެ. އަދި މި އިމާރާތައް އެއްވެސް ގެއްލުމެއްވެސް ލިބުނަނުދީ ބެލެހެއްޓުމަކީވެސް އިމާރާތް ހުންނަ ގައުމެއްގެ މައްޗަށް މި ކޮންވެންޝަންއިން ލާޒިމް ކޮށްފައިވާ ކަމެކެވެ.
އަދި މީގެ އިތުރުން 1961 ވަނަ އަހަރު ވުޖޫދު ކޮށްފައިއޮތް، "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"އިން ވަނީ، ދޭދޭ ގައުމުތަކުގެ މެދުގައި އެކަށައެޅިފައި އޮންނަން ޖެހޭ ބައިނަލްއަގިވާމީ ގުޅުންތަކުގެ މައިގަޑު އަސާސްތައް އެކަށައަޅާ ދީފައެވެ. 2007ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2ވަނަ ދުވަހު ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މި މުއާހަދާގެ މައިގަޑު އަމާޒަކީ، ދޭދޭ ގައުމުތަކުގެ މެދުގައި ބައިނަލްއަގްވާމީ ގުޅުންތައް ދަމަހައްޓާ ތަރައްގީވުމުގައި އެންމެންނަށް އެއްބަސްވެވޭ އެއް އުސޫލަކަށް އެއްބަސް ވުމެވެ.
އަދި މި މުއާހަދާގައި ވާގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައި ސިޔާސީ ގުޅުންތައް ގާއިމް ކުރުމަށްފަހު، ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް، އެއްވެސް ބިރަކާއި ނުލާ، ދިމާކުރުންތަކާއި، މަސްލަހަތުގެ ފުށުއެރުންތަކުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެ ގައުމެއްގެ މައްޗަށްވެސް މި މުއާހަދާއިން ލާޒިމްކުރާ ކަމެކެވެ.
އިންޑިއާ އައުޓު ހަރަކާތް މަނާކޮށް، ރައީސުލްޖުމުހޫރިއްޔާ ނެރުއްވާފައިވާ ގަރާރުގައިވެސް ރާއްޖެއިން އެމައްޗަށް އަމަލްކުރުން ލާޒިމްކުރާ މުއާހަދާތަކުގެ ތެރޭގައި "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961)" އާއި، "ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963)އާއި، އަދި މީގެ އިތުރުންވެސް ރާއްޖެއިން ސޮއި ކޮށްފައިވާ، ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅު ބައިނަލްއަގުވާމީ މުއާހަދާއާއި، މަދަނީ އަދި ސިޔާސީ ހައްގުތައް ކަށަވަރުކުރާ ބައިނަލްއަގުވާމީ މުއާހަދާގެނަން ވަނީ ފާހަގަ ކުރައްވާފައެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް"ކެމްޕޭނުގެ ސަބަބުން ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުން ބޮޑުކަމަށް ތަކުރާރުކޮށް ޤައުމީ ސަލާމަތީ ބާރުތަކުން ދިޔައީ ހާމަ ކުރަމުންނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކަން މަނާކުރުމާއި ހަމައަށް ރާއްޖޭގައި މިހަރަކާތް ވަނީ ވަރަށް ފުޅާކޮށް ހިންގާފައެވެ.
މިހަރަކާތުގައި ސަލާމަތީ ބާރުތަކުން ފާހަގަކޮށްފައިވާ ނުރައްކާތެރި ކަންތައްތަކުގެ ތެރޭގައި ޑްރަގުގެ ނުރައްކާތެރި އެތައް ނެޓްވޯކްތަކެއް މިހަރަކާތުގެ އަޑީގައި ތިބިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާގެ ޚިދުމަތްތެރިންނަށް ބޮޑު ނުރައްކަލަކާއި ކުރިމަތިވެފައިވާކަމުގެ އެތައް ޝަކުވާއެއް ވަނީ ސަލާމަތީ ބާރުތަކަށް ހުށަހަޅާފައެވެ. މާލޭގައި އެއްވެ އުޅުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދު ތަކެއް ކަނޑައަޅާފައިވާއިރު، މިހަރަކާތް ވަނީ މިހުރިހާ ސަރަހައްދެއްގައިވެސް ހިންގާފައެވެ.
ނަމަވެސް ދެން އިތުރަށް މިހަރަކާތަށް ޖާގަދެވެން ނެތްކަން ސަރުކާރުން ހާމަކުރީ މިކަމުގެ ނުރައްކާތެރިކަން އޮތް މިންވަރާއި، މިހަރަކާތުގެ ސަބަބުން ރާއްޖޭގައި ނަފްރަތުގެ ހުޅުގަނޑު ފަޅައިގެންގޮސް "ނަފްރަތު" އުފައްދައިގެން ރައީސް ނަޝީދަށް ދިންފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ޖާގަ ތަކުރާރުވިޔަ ނުދިނުގެ ބޭނުމުގައިވެސް މެއެވެ.
އެއްވެސް ޤައުމަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން ދުނިޔެއަށް ދައްކުވައިދިން އެންމެފަހުގެ މިސާލަކީ ނިމިދިޔަ ކޯވިޑްގެ ނުރައްކާތެރި ވަބާއެވެ. ދުނިޔެއާއި އެކަހެރިވެ ބިކަވެގެން ނުތިބެވޭނެކަން މިވަބާއިން ވަނީ ހާމަވެފައެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ ދުނިޔެއާއި ބީރައްޓެހި ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތަކުންވެސް ވަކިވެފައެވެ. މިގޮތުން ދިވެހިރާއްޖެއިން ކޮމަންވެލްތާއި ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ޞާލިހުވަނީ ޤައުމުތަކާ އެކު ޚާރިޖީ ގުޅުން ހަރުދަނާކުރަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއެކު އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކޮށްގެންކަމަށް ވިދާޅުވެފައެވެ.
މިއާއެކު ޚާރިޖީ ގޮތުން ދުނިޔެއާއި ބީރައްޓިހި ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މީގެ ކުރިން ދުނިޔޭގެ އެތައް ގައުމަކާއި ކެޑިފައި އޮތް ގުޅުން އިޔާދަކޮށް ރާއްޖެވަނީ އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓާއިއެކު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ހޯދާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޚާރިޖީ ގޮތުން ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބެވެ.
މީގެ އިތުރުން ހަތް އަހަރު ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު 2019 ވަނަ އަހަރު ރާއްޖެއިން ވަނީ އދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރައްވާފައެވެ. އދ.ގައި ތަޤްރީރްކުރެއްވި ރާއްޖޭގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ފާއިތުވި ދައުރުގައި ރާއްޖޭގެ ރައީސަކަށް ހުންނެވި ރައީސް ޔާމީން އދ.ގައި ތަޤްރީރްކުރައްވާފައެއްނުވެއެވެ.
ރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް ހޯދާ ކާމިޔާބީތަކާއި، ޚާރިޖީ ދާއިރާގައި ރާއްޖޭގެ އަޑަކީ މިއަދު ދުނިޔޭގައި ނުފޫޒު ގަދަ އަޑަކަށް ވަނީ ވެފައެވެ. މިކަން ހާސިްލ ކުރެވުނީ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ޚާރިޖީ ގޮތުން ދުނިޔެއާއި އެކަހެރި ވެފައި އޮތް އޮތުން ރާއްޖެ ވަނީ ނިމުމަކަށް ގެނެސް ޤައުމުތަކުން ބަލައި ގަންނަ ދުނިޔޭގެ އިޚްތިރާމް ލިބިފައިވާ ޤައުމަކަށްވެފައެވެ.