އެޗްޑީސީއިން ހިޔާ ސަރަޙައްދުން 150 ޓަނުގެ ކުނި ނަގާ އެސަރަޙައްދު ސާފުކޮށްފިއެވެ. އެޗްޑީސީއިން މިފަހަރު އެންމެ ފުރަތަމަ ސާފުކޮށްފައިވަނީ H5 ޓަވަރު ކުރިމަތީގައި ހުރި ކުނިފުންޏެވެ.
އެކުންފުނިންވަނީ މީގެކުރިންވެސް ހިޔާ ޓަވަރުތައް ކައިރިއަށް އަޅާފައިވާ ކުނިތައް ނެގުމުގެ މަސައްކަތްކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ސަރަޙައްދުގެ ކުނީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެސަރަޙައްދުގައި ބޮޑެތި ކުނި ފުނިތައް ކޮންމެ ފުލެޓެއް ކުރިމަތީގައި ހުރިއިރު ކުނީގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ. ހިޔާއަށް ބަދަލުވިއިރު އުކާލި ގިނަ ޢަދަދެއްގެ ކުންޏާއި ގޭތެރޭގައި ޢާއްމުކޮށް އުކާލަންޖެހޭ ކުނިތަކުން މުޅި ސަރަޙައްދު ތަޣައްޔަރުވެފައިވުމާ ގުޅިގެން އެޗްޑީސީއިންވަނީ މިހާރު އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ ސާފުކޮށްފައިވަނީ H5 ޓަވަރު ކުރިމަތީގައި ހުރި ކުންޏެވެ. އެޗްޑީސީން ވިދާޅުވީ އެތަނުން އެކަނިވެސް 150 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގާފައިވާކަމަށެވެ.
ހިޔާގެ ގިނަ ޓަވަރުތަކެއްގެ ކުރިމަތީގައި ގިނަ ޢަދަދެއްގެ ކުނި ބަހައްޓާފައިވާއިރު އެތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީން މިވަނީ ފަށާފައެވެ. އަދި ބާކީހުރި ޓަވަރުތަކުގެ ކުރިމަތީގައި ހުރި ކުނިތައްވެސް ނަގާނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
ހިޔާ ސަރަޙައްދުގެ ކުނީގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ކުނި އެޅުމަށް ޓަވަރުތަކުގެ ކުރިމަތީގައި ބޮޑެތި ޑަސްބިން ހުރިނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ޖެހުނު ކޮންމެ ދިމާލައަށް ކުނި އަޅަމުންނެވެ. އަދި ގެބަދަލުވުމުގެ ސަބަބުން އުފެދޭ ކުނީގެ އެކި ބާވަތްތައް ވެމްކޯގެ ކެޕްސްގެ ޚިދުމަތް މެދުވެރިކޮށް އުކުމުގެ ބަދަލުގައި ގިނަ މީހުން އަންނަނީ ޓަވަރުތައް ކުރިމައްޗަށް މިފަދަ ކުނި އަޅަމުންނެވެ.
ހިޔާގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އަދި އަންނަ މަހުންފެށިގެން ކުނި ނެގުމަށް ބިލްކުރަމުންދާނެކަމަށް މާލެ ސަރަޙައްދުގައި ކުނި ނެގުމުގެ މަސައްކަތްކުރަމުން އަންނަ ވެމްކޯއިންވަނީ ވިދާޅުވެފައެވެ. ވެމްކޯއިން މިހާރުވަނީ ހިޔާގެ 13، 14، 15 އަދި 16 ވަނަ ޓަވަރުން ކުނި ނެގުމަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން ޓަވަރުގެ ތިރީގައި ޤާއިމުކޮށްފައިވާ ވެމްކޯގެ ވޭސްޓް ޔުނިޓަށް ކުނި ގެންދިޔުމަށްވަނީ އެދިފައެވެ. މިގޮތަށް ގެންދާއިރުވެސް ކުނިވާޒާތުގެ ކުންޏާއި އެހެން ކުނި ވަކިކޮށްގެން ގެންދިޔުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.