ޚަބަރު

"ނޭވާ 2" ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫންމަހު ހުޅުވާލަނީ


ވޯލްޑް ރެކޯޑެއް ޤާއިމްކުރުމަށް ކުރިއަށްގެންދާ "ނޭވާ 2"ގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫންމަހު ހުޅުވާލާނެކަމަށް ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

މިހަރަކާތް އިންތިޒާމުކޮށް ހިންގާ ފްރީ ޑައިވް މޯލްޑިވްސްއިން ބުނީ 2019 ވަނަ އަހަރުބޭއްވުނު "ނޭވާ" ހަރަކާތަށްވުރެ އެތައްގޮތަކުން މިހަރަކާތް ތަފާތު ވާނެކަމަށެވެ. މި ހަރަކާތް އޮންނާނީ މިއަހަރުގެ އޮކްޓޫބަރުމަހުއެވެ.

ރާއްޖޭގެ މަޝްހޫރު ޑައިވް ސްކޫލް "ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރާ "ނޭވާ 2" ހަރަކާތަކީ އަނެއްކާވެސް ރާއްޖޭގެ ނަން ވޯލްޑް ރެކޯޑް ފޮތަށް އެރުވުމަށް ހިންގާ ބޮޑު ހަރަކާތެކެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓުކުރި އެމީހުންގެ އެންމެ ފުރަތަމަ ހަރަކާތަކީ "ނޭވާ"ގެ ނަމުގައި 2019 ވަނަ އަހަރު ކުރިއަަށްގެންދިޔަ އެއްފަހަރާ އެންމެ ގިނަ ބަޔަކު އެތަނަކަށް ޑައިވް ކުރުމުގެ ހަރަކާތެވެ. މިރެކޯޑް ހެދީ 521 ބައިވެރިންނާއެކު ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ފްރީ ޑައިވްކުރުމުގެ ހަރަކާތުގެ ގޮތުގައެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ފްރީ ޑައިވް ސްކޫލްގެ ވެރިޔާ ފަހުދު ފާއިޒް ބުނީ ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލާ ގުޅުވައިގެން ހިންގާ މިހަރަކާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއަކީ ފްރީޑައިވް ކުރުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުންކަމަށެވެ. އަދި މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމުން ދުނިޔޭގެ ސަމާލުކަމަށް ރާއްޖޭގެ މިރީތި މަންޒިލް އަންނާނެކަމަށްް ގަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ.

"މިފަހަރު މިހަދަނީ މުޅިން އަލަށް ހަދާ ރެކޯޑެއް މިހާތަނަށް މިފަދަކަމެއް އެއްވެސް ބަޔަކު ކޮށްފައި އޮތްކަމަށް ރެކޯޑްތަކަކުން ނުދައްކާ އެހެންވެ މިފަހަރުގެ ހަރަކާތް މި ގޮތަށް ރާވާލީ މި ހަރަކާތަކީ އެންމެ ގިނަބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުއަޑީގައި ނޭވާހިފަހައްޓާލައިގެން ތިބެންޖެހޭ ހަރަކާތެއް"

މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަމަކަށާ، މިފަހަރުގެ "ނޭވާ2" މިހަރަކާތުގައި ބައިވެރިވުމަށް 11 ރިސޯޓަކުން މިހާރުވެސް ވަނީ ބައިވެރިވެފައިވާކަމަށް ފަހުދު ބުންޏެވެ. އެގޮތުން އެފަރާތްތަތަކަށް ހާއްސަ އިސްކަމެއް ދޭނެކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ އަހަރުގެ ހަރަކާތް ކުރިއަށްގެންދިޔައީ އެ ސަރަހައްދެއްގައި އެހެންނަމަވެސް މިއަހަރުގެ ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ދާކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަހުދު ފާއިޒް ބުންޏެވެ.

މި ބޮޑު ހަރަކާތުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ވަނީ ހަމަޖައްސާފައެވެ. މިހަރަކާތުގައި ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ނުވަތަ ތިލަ ހިސާބެއްގައި ނޭވާ ހިފަހައްޓައިގެން އޮންނަން ޖެހޭނެއެވެ.

"ނޭވާ 2" ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފުރޭ ރަންޔޫބީލް ހަރަކާތާ ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީން ފްރީ ޑައިވްގެ ހަރަކާތެއް ހިންގުމަށް ދިންފުރުސަތުގައި ރާއްޖެ އިތުރަށް އިސްތިހާރުކޮށް ދުނިޔޭގެ މަޤްބޫލް މަންޒިލަކަށް މިތަން ހެދުމަށް ކުރިއަށްގެންދާ ކަމެކެވެ. މިފަދަ ހަރަކާތެއް 2019 ވަނަ އަހަރު ފާހަގަކުރި ޓޫރިޒަމް ޑޭގެ ހަރަކާތުގެ ދަށުން ފްރީ ޑައިވް މޯލްޑިވްސްއިން ވަނީ ކުރިއަށްގެންގޮސްފައެވެ. އެފަހަރު "ނޭވާ"ގެ ނަމުގައި ބޭއްވި ހަރަކާތުން ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއްވަނީ ހަދާފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ބައިވެރިވި އެވެ. އެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ.

"ނޭވާ 2" ހަރަކާތުގައި ރިސޯޓުތަކުގެ މުވައްޒަފުންނާއި ޓޫރިޒަމް ދާއިރާގެ ބޭފުޅުން ބައިވެރިވާއިރު މި މީހުންނަށް ހާއްސަކޮށް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ. އަދި މިހަރަކާތް ވީޑިއޯކޮށް ޑޮކިއުމެންޓްރީ ހަދާ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް އާއި ޔޫޓިއުބްގައިވެސް އާއްމުކުރުމަށް ހަމަޖެހިފައިވެއެވެ.