އާނާ އެދުގައި އޮވެ ދެފަރާތަށް ފުރޮޅި ފުރޮޅި ވަރުބަލި ވެއްޖެއެވެ. ލޮލަކަށް ނިންޖެއްނައެވެ. ނިދިވަނީ އޭނާގެ ލޮލާއި ރުޅިވެ މާ ދުރަށް ގޮސްފައެވެ. ވިސްނާ ވިސްނާ ސިނކުޑި ސުމަކަށްދާ ވަރު ވެއްޖެއެވެ. އޭނާގެ ސިކުނޑި ވަނީ މާޒީގެ ހިތި ހަދާން ތަކުން ފުނިޖެހި ބާރުވެފައެވެ. މާޒީގެ ފުންކަނޑުގައި އާނާ ގެބެމުންދިޔައިރު ދެލޯ ދިޔައީ ލޭ ކަރުނުންފުރެމުންނެވެ. ނުވިސްނަސް އުޅުނަސް އެ ހިޔާލުތައް ވަނީ އާނާގެ ސިކުޑީގައި ވަކި ހިއްޕާލާފައެވެ. އޭނާ އެތަކެއް ފަހަރު ދަތުރު ކެންސަލް ކޮށްލަންވެސް ނިންމިއެވެ. ނަމަވެސް އެނިންމުމަށް އޭނާގެ ހިތް ކިޔަމަނެއް ނުވިއެވެ. މިހާރު ގަނޑީގެ ކަށީގެ މިސްރާބު އެހުރީ ފަތިހު ފަހަކާއި ދިމާއަށެވެ. ސިކުންތު ކަށި ހިގާވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ. ހިތްތެޅޭވަރު ބާރު ވަމުންނެވެ. އޭނާއަށް އޮތީ ދެގޮތެވެ. ނަމަވެސް ދަތުރު ދިއުމަށް އެޒުރުވެރި ވެއްޖެ ނަމަ އޭނާ މިހުރިހާ ދުވަހު ކުރި މަސައްކަތުގެ ބޭނުމެއް ނެތުނީއެވެ. މިދަތުރު ގޮސްފި ނަމަ އޭނަގެ ހިތް އިތުރައް ޒަހަމްވާނެވެ.
ގަނޑިއަށް ބަލާލުމަށްފަހު އާނާ ފުންނޭވާއެއް ދޫކޮއްލިއެވެ. މަޑުމަޑުން އެދުން ތެދުވެ ގޮސް ތައްޔާރު ވެލިއެވެ. އޭނާގެ ހިތް ބުނަނީ ކީކޭ ކަމެއް ޙުދު އޭނާއަށްވެސް ނޭގެއެވެ. ފޯނު އަތްދަބަހަށް ލައިލައި ހުރި އާނާ ސިއްސައިގެން ދިޔައީ މަންމަގެ އަޑަށެވެ. މަންމަ ރަނގަޅަށް އާނާއަށް ބަލައިލިއެވެ. ކަޅު ކުލައިގެ ޖިލްބާބުގައި ހުރި އާނާ ފެންނަނީ ނުހަނު ޗާލުކޮށެވެ. ކަޅުބުރުގާގެ ތެރެއިން ހަދެއްފަދަ އާނާގެ މޫނާއި ޒުވާންކަމުގެ އަލިން ވިދަވިދާ ހުރި ދެލޯފެނި އޭނާގެ މަންމަގެ ލޯ ކަރުނުން ފުރުނެވެ. އާނާ ނޭގޭކަމަށް ހަދަމުން މަންމަގެ ނިތްކުރީ ގައި ބޮސް ދިނުމަށްފަހު ދާން ހިގައިގަތެވެ. މަންމަ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ހަމަ ހިތް ކުދިކުދި ކުރަން ދަނީހޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ކާރުގެ ބަރުގޮނު އަޑުއިވުނެވެ. ކާރު އައީކަން އެގުމުން އާނާ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ކާރުގައި އިށީދެ ގޭގެ ދޮރުމަތީ ހުރި މަންމައަށް ބަލާލީއަސަރުން ފުރިގެންވާ ނަޒަރަކުންނެވެ.
ރޭގަނޑުގެ އަދިރިކަން ފިލާ ފަތިހުގެ ހިތްގައިމުކަމަށް ދުނިޔެ ތަންދީފިއެވެ. ތެތްފިނިކަން ކެޑި ދުނިޔެ ހޫނުވަމުން ދިޔައެވެ. ދުވާލުގެ ހަލަބޮލިކަމަށް މަރުހަބާ ކިޔަމުންދިޔަ ވަގުތު މާލޭގެ ފަޅުން ނުކުމެ ކ.ގުރައިދޫއަށް މިސްރާބު ޖެހި ހައި ސްޕީޑް ލޯންޗުގައި އާނާ އިންއިރު އެޓީމުގެ އެހެން މެންބަރުން ލޯން ޗުގައި ވާކަން އޭނާއަށް ނުވެސް އެނގޭ ކަހަލައެވެ. ދުރުން މާދުރުން ބޯހިއްލަމުންދާ ކުދި ރާޅުތަކަށް ނަޒަރު ހުއްޓާލައިގެން އިން އާނާގެ ބުރުގައި ވަޔާއެކު އޭނާގެ ހަމަހިމޭންކަމަށް ހުރަސް އަޅަމުން ދިޔައެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅި ތަކާއެކު ވާހަކަ ގޮވަމުންދާ ރާޅުތަކުގެ ބުރަކަށި މަތީގައި ފިރުމަމުން އޭގެ އެންމެ ހަލުވި ދުވެލީގައި ލޯންޗުދުއްވަމުން ދިޔައެވެ. އާނާގެ ކުރިމަތީގައި ސިފަވެ ކުލަވަމުން ދިޔައީ މީގެ ދިހަ އަހަރު ކުރިއެވެ. ބައްޕައާއި މަންމަގެ އޯގާވެރި ފިރުމުންތަކެވެ. އެކުވެރިންގެ ދަރުބާރުގައި ރަނިކަން ކުރި ދުވަސްވަރެވެ. އެންމެ ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި އިޝްޤީ ލޯބީގެ ހުޅުކޮޅު ދިއްލުނު ދުވަހެވެ. އެލޯތްބައްޓަކައި އާއިލާ ދޫކޮށްލެވުނު ގޮތެވެ. ލޯބީގެ ކައިވެއްޏަކަށްފަހު ލިބުން ލޯތްބާއި އަޅާލުމެވެ. އެލޯބީގެ ގަހުގައި ފުރަތަމަ މޭވާ އެޅުމާއެކު ހަޔާތްބަދަލުވި ހިތްދަތި ގޮތެވެ. އެލޯބިން ދުރުވާން ޖެހުނު ގޮތެވެ. މަރުގެ ތުންފަތް މަތީ ހޭދަކުރި ދުވަސްތަކެވެ. އާނާ މިހުރިހާ ހިޔާލަކަށް ގެއްލިފައި އިންއިރު އޭނާގެ އެޖަންބެއްފަދަ މޫނަށް އަރަފައިބަމުންދިޔަ ކުލަވަރު ބަލަން ނިޔާޒް އިން ކަމެއް ނޭނގެއެވެ. ނިޔާޒަށް އާނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ހިތުގައި އާނާއަށްޓަކައި އާވިންދެއްޖަހަން ފެށިއެވެ. ހިތުގެ ކަނެއްގައި އެނަން ބިން ވަޅުނެގި ލިޔެވު ނެވެ. ދުވަހަކުވެސް ނުފޮހެވޭނޭ ގޮތަށެވެ.
" އާނާ! ކޮންހިޔާލެއްގައި. މިޔޮށް އާދެވުނީއޭ" މަރީ އާނާއަށް ގޮވާލިއެވެ. ނިޔާޒާއި އާނާ ދިޔައީ ސިއްސައިގެންނެވެ. އާނާ ނިޔާޒްގެ މޫނަށް ބަލައިލީ ސުވާލުންފުރިގެންވާ ނަޒަރަކުންނެވެ. އެރަށުގައި ފުރަތަމަ ފައިތިލަ ޖެހުމާއި އެކުވެސް އާނާގެ ގައިން ހީބިހި ނަގައި ހިތް ތެޅިގަތެވެ. މީ އެފަސްގަނޑެވެ. އެލޯބި ފެށި ކަފުންކުރި ފަސްކަނގަޑެވެ.
އަލަށް އާބާދު ވަމުންދާ ގުރައިދޫގެ އުތުރު ފަރާތުގައި ހުރި ގެއެއްކަމަށްވާ "މޫންލައިޓް"ގެ ދޮރުމަށްޗަށް ކާރު މަޑުކުރުމުން އާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަމަ އެސިކުންތުގައި ނިޔާޒު ވަރަށް ޖޯޝާއިއެކީ ބުނެލި އަޑު އިވުނެވެ. "މީ ވަރަށް ހިތްފަސޭހަ ތަނެއްދޯ؟ މީ އަހަރެން ބައްޕަގެ ގެ." މިއަޑު އިވުމާއި އެކު އާނާގެ ކަންފަތައް ހީވީ ހޮނު ގުގުރި އެޅިހެނެވެ.މީގެ ދިހަ އަހަރު ކުރިން ކޮންމެވެސް އެހެން މީހަކުވެސް ހަމަ އެޖުމްލަ އާނާގެ ކަންފަތް ބުނޑުގައި ބުނި އަޑު ގުގުމަމުން އަދިވެސް ދާ ކަހަލައެވެ. މީހަމަ އެގެއެވެ. ތަފާތަކީ އާބާތުރަ ފިލުވައި އިތުރަށް ޒީނަތްކޮށްފައި ވާކަމެވެ. މީ އޭނާގެ ލޯބީގެ ބިންގާ އެޅި އަދި އެބިންގާ ފުޑުފުޑުވެ ބިމާހަމަވި ގެވެސްމެއެވެ. އެހަދާންތައް އޭނާގެ ހިތުން ފޮހެވޭނީ ކިހިނަކުން ހެއްޔެވެ. މިއަންނަން އުޅެނީ ކޮންފަދަ ބޮޑު ތޫފާނެއްބާވައެވެ. އޭނާގެ ހިތް ތެޅިގަތެވެ. އާނާއަށް އަންނަމުންދާ ބަދަލްތައް ނުހަނު ގާތުން ބަލަން ހުރި ނިޔާޒުގެ ފިޔަވަޅުތައް އަވަސްކޮށްލީ ދެއަތުން ބޮލުގަ ހިފަހައްޓައިގެންހުރި އާނާ އަރިއަޅައިލީމައެވެ. ނިކަން ހުޝިޔާރު ކަމާއި އެކު ނިޔާޒު އާނާ ހިފަހަށްޓައި އަތްދަނޑި މަށްޗަށް ލިޔެވެ. ނިޔާޒުގެ ހިއްސުތައް ހޭލި ކަހަލައެވެ. ހިތް ތެޅެން ފެށިއެވެ. އޭނާގެ ހިތު ވިންދު ނޭވާގެ އިހުސާސްވާހާ ކައިރީ ވުމުން ނިޔާޒްގެ އިހްސާސްތަށް ކެކި އުތުރެމުންދިޔައެވެ. ނަމަވެސް އިހުސާސްތައް އެއްކައިރި ކޮށްލުމަށްފަހު އާނާ ގެންގޮސް އެނދުގައި ބޭއްވިއެވެ.
ނިޔާޒުގެ މަސައްކަތުން އާނާ ހޭއެރިއެވެ. ސިކުންތުތައް މިނެޓުތަކަށް މިނެޓުތައް ގަނޑިތަކަށް ބަދަލުވަމުންގޮސް އިރުއޮއްސި ހައެއް ޖަހައިފިއެވެ. އާނާގެ ހާލުވެސް މިހާރު ރަނގަޅެވެ. ނަމަވެސް އެހިތުގައި ބޮޑު ހައިޖާނެއް ހިގަމުންދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. އަހަރެންމީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ ދިރިއުޅުން އާރާސްތުކުރަން ކުރި މަސައްކަތް ބޭކާރު ވިއެވެ. ދުރުވާން އުޅުނު ހިޔާލުތައް އައިސް އުނގު ތެރެއަށް ވަނީއެވެ. ސިކުނޑިން ފޮހެލަން އުޅުނު ހަދާންތައް އައިސް ސިކުނޑީގައި ވަކިހިއްޕާލީއެވެ. ހިތުގެ ޒަޙަމްތައް އިތުރުވެ ފާރުތައް ފުން ވީއެވެ. މިކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ މިފަދަ އެތައް ޙިޔާލުތަކެއް އާނާގެ ހިތައް އަރާ ފައިބަމުން ދިޔައެވެ. މިގޮތުގައި ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތު އާނާ ގޭގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައެވެ. ބަލާލި ކޮންމެ ދިމާއަކުން އާލާ ވަނީ މާޒީގެ ހަދާންތަކެވެ. ހިތައް ލިބެނީ އަނިޔާއެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ހުނުމުގެ އަޑާއި ރޮއުމާއި އާދޭހުގެ އަޑެވެ. ނަމަވެސް އާނާގެ ކުރިމަ ތީ އިން ނިޔާޒުގެ ހިތް ދަނީ އުފަލުން ފުރި އުތުރި އަރަމުންނެވެ. އޭނާގެ ކުރިމަތީ އޭނާގެ ހިތުގެ މަލަކާ އިނުމުންނެވެ. އެކީ ވަގުތު ހޭދަ ކުރެވޭނެތީއެވެ. ފޮނި ހުވަފެންތަކެއް ބަލަމުންދާ ނިޔާޒަށް އާނާގެ ހިތުގެ ހާލެއް ނޭގެއެވެ. އާނާގެ ގާތު ނިޔާޒުގެ ހިތުގެ ހާލު ބަޔާން ކުރުމެއްނެތި އޭނާ އުންމީދާއިއެކު ނުހަނު ފޮނި ހުވަފެންތަކެއް ދެކެނީއެވެ.
ހެނދުނު ހެނދުނާ ޓީމުގެ މެންބަރުން މަސައްކަތައް މައްޣޫލު ވެއްޖެއެވެ. މަސައްކަތުގެ އެމާހައުލުންވެސް އާނާގެ ހިތައް ލިބެމުން ދިޔައީ އަނިޔާއެވެ. ހިތަށް ނޭނގޭ ތަދެއް ވަމުންދިޔައެވެ. އިއްޔެ ހިނގި ކަމެއްހެން މަންޒަރުތަށް ސިފަވަމުން ދިޔައެވެ. ފުންނޭވާތައް ދޫކޮށް މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހިތި ހަނދާންތައް އޭނާ އަށް އުދަނގޫ ކުރަމުން ދިޔައެވެ.
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި އެކި އުމުރުގެ މީހުންގެ ހެލްތު ޗެކަޕް ހަދާ ނިމުން އިރު އަސުރުން ތިރިވެ، އިރުއޮއްސެން ދާދިގާތްވެއްޖެއެވެ. ހެނދުނު ފެށި ގޮތައް އެހާ އިރުވަންދެން މަސައްކަތް ކުރުމުން އެންމެންވެސް ތިބީ ވަރުބަލިވެ ޖައްސާލަން ބޭނުން ވެފެއެވެ. އެހެން ކަމުން އެންމެންވެސް ބެލީ ރޭގަނޑުގެ ކެއުމަށްފަހު އެމީހެއްގެ ކޮޓަރިއަށްވަދެ ނިދޭތޯއެވެ. ނަމަވެސް އާނާގެ ލޮލަކަށް ނިންޖެއްނައެވެ. އެގޭގައިވާ ހަދާންތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެއަނޑުތައް އަދިވެސް ކަންފަތުގައި ހަރުލައިފާ ވާ ކަހަލައެވެ. ބަލާލި ކޮންމެ ދިމާއަކުން ސިފަވެ ކުލަ ޖެހެމުން ދިޔައީ މާޒީގެ ސޮފްހާ ތަކުގައެވެ.
އެންމެން ނިދާ ހަމަހިމޭންވެއްޖެއެވެ. އާނާ ފުރުސަތުގެ ބޭނުން ހިފީ ވަރަށް ވިސްނާފައެވެ. ގޭގެ ބޮޑު ކޮޓަރިތެރެއަށް ނުކުމެ އެތަނުގައިވާ ފޮޓޯތަކަށް ނަޒަރުހިންގާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައި ގަތީ އިސްކޮޅާ އެއްވަރަށް ބޮޑު ކޮށްފައިވާ ތުއްތު ކުއްޖެއްގެ ފޮޓޯގަނޑެވެ. އެ ފޮޓޯ ފުރޭމް ކުރީ ޙުދު އޭނާގެ ދެ އަތުންނެވެ. އާނާއަށް އިޙްތިޔާރަކާ ނުލާ ގޮސް އެފޮޓޯގަނޑުގައި ފިރުމަ ފިރުމާފައި ބޮސް ދޭން ފެށުނެވެ. އެއީ އޭނާގެ ދަރިފުޅު ޒާރާއެވެ. އެ ލޯބީގެ ނިޝާނެވެ. އެއީ އެދަރިފުޅަށް ހަތަރު މަސްވީ ދުވަހު ޒައިކް ނެގި ފޮޓޯއެކެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ނިޔާޒުގެ އަޑަށެވެ. "ތިޔައީ އަހަރެންގެ ބޭބެގެ ދަރިފުޅު" ލިބުނު ސިހުމާއެކު އާނާއަށް ނިޔާޒްގެ މޫނަށް ބަލާލެވުނެވެ. މައިވަންތަ ކަމުގެ ލޯބި އުތުރި އަރަމުންދިޔަ އާނާގެ ހިތް އިތުރަށް ޒަހަމްވިއެވެ. އަހަރު ތަކަކަށްފަހު އިތުރު ފިރިހެނަކަށް އެ ހަޔާތުން ފުރުސަތެއް ދޭން އާނާ ނިންމީ ވަރަށް ވިސްނުމަށްފަހުއެވެ. ނަމަވެސް އޭނާގެ ނަސީބުގައި ލޯބި ނެތީ ކަންނޭގެއެވެ. ދެން ނިޔާޒް އަށް އެފުރުސަތެއް ނުދެވޭނެއެވެ.
ނިޔާޒު ކުރިމަތީގައި ބޭޒާރު ވެދާނެތީ އާނާ މޫނު އަބުރާލީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ސިއްރުކުރަމުންނެވެ. ނަމަވެސް މިއަދު އާނާއަށް އެސުވާލުތަކަށް ޖަވާބުދޭން ޖެހޭނެއެވެ. އެސިއްރު ފާޅުކުރަން ޖެހޭނެއެވެ. ނިޔާޒު ހައިރާން ކަމާއިއެކު އާނާ ގާތު އެފޮޓޯޔާ އާނާ އޮތީ ކޮން ގުޅުމެއްތޯ އަހާލިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޒާރާއަކީ އޭނާގެ ކޮއްކޮއެވެ. އާނާއަކީ އޭނާގެ ހިތުގައި ރަނިކަން ކުރަމުންދާ މަލިކާއެވެ. އެދެމީހުންގެ އޮތް ގުޅުން ނިޔާޒު ހޯދަން ބޭނުމެވެ.
އާނާ ދެލޯ ފޮހެލިއެވެ. ވަރަށް ހިތްވަރު ކޮށްފައި އޭނާގެ މާޒީގެ ސޮފްހާތައް ނިޔާޒްގެ ކުރިމަތީގައި ހުޅުވައި ފަތުރަމުން ދިޔައެވެ. "އެއީ އަހަރެންގެ ދަރިފުޅު. އަހަރެންގެ ލޮލުގެ ނޫރު. އަހަންނާ ޒައިކްގެ ލޯބީގެ ނިޝާން. މިހިތުގެ ވިންދު." މިހާ ހިސާބަށް ބުނެވުނު ތަނާ އޭނާއަށް ގިސްލެވިއްޖެއެވެ. ނިޔާޒުގެ ދެލޯ ބޮޑުވިއެވެ. "އެކަމަކު ކިހިނެއް ތިހެން ވާނީ. ބޭބެ އިނދެގެން އުޅެނީ އިޓަލީކުއްޖަކާ." ނިޔާޒް މަޑުމައިތިރި ކަމާއި ހައިރާންކަމާއެކުގައި ބުންޏެވެ.
އާނާ ހިތްހަމަ ނުޖެހި އަޑައް ކުޑަކޮށް ބާރުލަމުން ބުންޏެވެ. " ނިޔާޒު ހީކުރީ އަހަރެން މިހުރީ މޮޔަވެފާ ކަމަށްތަ؟ އެހިތި މާޒީ އަޑު އަހަން ބޭނުންތަ؟ އަޑުއަހަން ކެއްވާނެތަ؟" ދެލޯ ފޮހެލަމުން ހަމަޖެހިލަމުން އަނާ ފުންނޭވާއެއް ދޫކޮއްލިއެވެ. "ޒައިކާއި އަހަރެން ބައްދަލުވީ މީގެ ދިހަ އަހަރު ކުރިން މިފަސްގަނޑުން. އަހަންނަށް ފުރަތަމަ ނަޒަރުންވެސް ޒައިކް އަށް ހިތްދެވުން. އޭނާގެ ދިގު އިސްކޮޅާއި، ފުޅާ ބައިމަތި އަހަންނަށް ވަރަށް ކަމުދިޔަ. އަދި އޭނާ އަމަލުތަށް ހުރި ގޮތުން އޭނާއަށް އަހަރެން ކަމު ދިޔަކަން އެނގުނު. އަހަރެން ރައްޓެއްސެއްގެ އެހީގައި ދެމީހުން ވާހަކަ ދައްކަން ފެށިން. އޭރު އަހަންނަށް އެއީ ކޮން ގެއެއްގެ ކާކު ކަމެއްވެސް ނޭގެ. އަހަރެމެން ލޯބީގެ ގުލްޝަންގައި ލޯބީގެ އެތައް ގަޑުވަރެއް ބިނާކުރިން. އަހަންނަށް އޭރު އޭނާ ސިފަވިގޮތުގައި އެއީ ވަރަށް މަޑުމައިތިރި އަޙުލާޤު ރަނގަޅު ޒުވާނެއް. އެލޯބީގައި ޖެހި އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެބެމުން ދިޔަ އިރު އަހަރެންގެ މައިންބަފައިންނަކަށް މިކަމެއް ނޭގޭ. އަހަރެމެން އެކިރޭރޭ އެކި ތަންތާ ގައި ބައްދަލު ކުރިން. އިރު ހަނދާ ތަރިތައް ހެކިކޮށް އުމުރަށް އެކީ އުޅުމަށް ވައުދުވިން. ހިތް ފުރި ބަންޑުންވާ ވަރަށް ޒައިކް އަހަންނަށް ލޯބިދިން" އާނާ ނިޔާޒުގެ މޫނަށް ބަލައިލިއެވެ. އެމޫނުން ފެންނަނީ ހުސް ސުވާލެވެ. ނިޔާޒުގެ ހިތުގައި އެތައް ލަކުނެއްލަމުން ދިޔައެވެ. އޭނާގެ ތަގުދީރާ މެދު ހިތުގައި އެތަށް ޝަކުވާއެއް ކުރެވުމުންދިޔައެވެ.
"އަހަރެމެންނަށް މައިންބަފައިންނާ ސިއްރުން މާ ގިނަ ދުވަހަކު ނޫޅެވުން. މަންމަގެ ރައްޓެއްސަކަށް އެއްރޭ އަހަރެމެން ތުނޑިއަށް ދަނިކޮން ފެނިގެން އެވާހަކަ ދެއްކި ފަހުން ގެއިން ބޭރައްދިއުން މަނާކުރި. ފޯނު އަތުލައި ޒައިކާއި ވާހަކަ ނުދެއްކުމަށް އަމުރު ކުރި. މަންމަ ބުނި ގޮތުގައި ޒައިކަކީ އަހުލާގު ރަނގަޅު މީހެއް ނޫން. އަހަރެންގެ އުމުރުން އެންމެ އަށާރަ އަހަރު ކަމުން ޒައިކް ފަދަ އުމުރުން ދޮށީ މީހަކާ އެކު އުޅޭކަށް ގަބޫލެއް ނުވި. ނަމަވެސް މަންމަމެންނާއި ވަގަށް މަންމަމެންގެ ފޯނުން ޒައިކްއާ ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައިން. ޒައިކް ގެ ލޯބީގައި ޖެހި އަހަނަން މަންމަމެނަށް ބީރު ކަންފަތެއް ދެވުނީ. އެ ލޯބީގެ މަޅީގައި ޖެހި ހައްޔަރުވި. ދެން އަހަންނަށް ނެގުނު ފިޔަވަޅުވީ އަހަރެންގެ ހަޔާތުގައި ކުރެވުނު އެންމެ ބޮޑު ކުށަށް. އެ ކުށުގެ ސަޒާވީ އުމުރަށް ނިމުމެއް ނެތް ކަމަކަށް" އާނާއަށް ގިސްލެވެން ފެށިއެވެ. ނަމަވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އަނެއްކާވެސް ފެށިއެވެ. "އަހަރެން ގާތު ޒައިކް ކައިވެންޏައް އެދުމުން އާއެކޭ ބުނީ ވަރަށް އުފަލުން. ނަމަވެސް ބައްޕަ ވަލީއެއް ނުދިން. އަހަރެން އެންމެ ފަހުން އަހަރެންގެ ބައްޕައެއް އަދި އެއްވެސް އާއިލާ މީހެއް ނެތްކަމަށް ބުނެ ކައިވެނި ކުރިން. އަހަރެންގެ ދިރިއުޅުމުގެ ހަޔާތް ފެށުނުނަމަވެސް އާއިލާ ވަނީ އަހަރެންނާ ދުރަށް ގޮސް އަހަރެން މަތިން ފޫހިވެ އަހަރެން ދޫކޮށްލާފާ."
"ދެން ތިހާ ލޯބިން އުޅެފައި ދެމީހުން ވަކިވީ ކީއްވެ؟" ހައިރާންކަމާ އެކު ނިޔާޒަށް އެހެން ބުނެވުނީ ބޭއިޙްތިޔާރުގައެވެ. " ފުރަތަމަ ކޮޅު ވަރަށް އުފާވެރި. ތަފާތު މަޖާ އެތައް ވަގުތު ތަކެއް ހޭދަ ކުރިން. ޒައިކް އަހަންނަށް ދޭލޯބިން އަހަރެންގެ ހިތް ފުރި އުތުރި އަރާ. އަހަންނަށް އެއްވެސް ކަމެއް މަދުކަމުގެ އިހުސާސެއް ނުވޭ. އަހަރެންނަށް މައިންބަފައިން ގާތުގައި ނެތްކަމުގެ އިޙުސާސްވެސް ނުވޭ. އެހާ ވަރަށް ޒައިކް އަހަންނަށް ވަގުތާއި ލޯބި ދޭ. އަދި އަހަރެން ޒާރާއަށް ބަނޑުބޮޑުވުމުން އެއުފާ އެތައް ގުނައެއް އިތުރުވި. އަހަރެންގެ ބަނޑުގައި ކަތްފަތްޖަހައިގެން އެތައް އިރަކު ވާހަކަ ދައްކަށް ހުންނާނެ. ނަމަވެސް އަހަރެންގެ ބަނޑަށް ދުވަސްވާ ވަރަކަށް ޒައިކްގެ އަޅާލުން ކުޑަ ވާންފެށި. ގެއަށް އަންނަ ގަޑި ލަސްވެ އަހަންނާ ދުރުވާން ފެށި. ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަން. އަހަރެން އެކަނި ދަންވަރު އެކެއްދޭއް ޖަހަން ދެން ޒައިކްގެ އިންތިޒާރުގައި އިންނަން." އާނާގެ ކަރު ހިކުނެވެ. ވާހަކަ ދައްކަން ދަތިވިއެވެ. އެއާއެކު އޭނާ މޫނުމަތީ އަތްއަޅާ ރޯންފެށިއެވެ. ނިޔާޒަށް އެމަންޒަރު ބަލަން ކެތްނުވެގެން ފެންތައްޓެއް ގެނެސް ދިނުމަށްފަހު ހިތްވަރު ކުރުމަށް ބުންޏެވެ. ފެންފޮދެއް ބޯލަމުން އާނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އެއީ އެއްރެއެއްގެ ދަންވަރު. އޭރު އަހަރެންގެ ބަޑަށް ހަތްމަސްފުރި އަށްމަހަށް އޮތީ. އެރޭވެސް އެހެން ރޭރެއެކޭ އެއްގޮތައް އަހަރެން އިނީ ޒައިކްގެ އިންތިޒާރުގައި. އަހަރެން ސިއްސައިގެން ދިޔައީ އަންހެނެއްގެ ހުނުމުގެ އަޑަށް. ދޮރާ ދިމާ ބަލާލިއިރު ފޮއްޓެއް ހިފައިގެން ހުރި އިޓަލީ އަންހެނަކު ޒައިކްއާއެކީ ހުރި. އެއަންހެން ކުއްޖާއަށް އަހަރެން ދައްކާލަމުން ބުނީ އަހަރެން މީ އެދެމީހުންގެ ހުވަފެން ހަގީގަތަކަށް ހަދާދޭ ފަރާތް ކަމަށް. އެދެމީހުންގެ ދަރިފުޅުގެ މަންމަ ކަމަށް. ސަރަގޭޓް މަދާ ކަމަށް. އެއީ އޭރު ރާއްޖެއަށް މުޅިން އާކަމެއް. ދީނީ ގޮތުން ރަގަނޅު ކަމެއްވެސް ނޫން. ހުދު އަހަރެންނަށްވެސް އެކަމާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނޭނގޭ."
" އަހަންނަން ބޭއިޙްތިޔާރުގައި ބަނޑުގައި ފިރުމާލެވުން. އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ބަނޑުގައި ވިންދުޖަހަމުން އެދަނީ އަހަންނާއި ޒައިކްގެ ލޯބީގެ ނިޝާނެ. އެހެންވީއިރު އެދަރިފުޅު އަހަރެންގެ ރުހުމާ ނުލާ އެހެންމީހަކަށް ދިމުނުގެ ހައްޤު އޭނައަށް ދިނީ ކާކު ހެއްޔެވެ؟ އަހަންނަށް ގުޑިލާންވެސް ނޭނގި އެދެމީހުންގޮސް ކޮޓަރިއަށް ވަންނަންދެން ހުރެވުނީ." އާނާގެ އަޑު ކުރެހުނެވެ. "ޒައިކް ނިދަނީ އެއަންހެން މީހާއާއި އެކީ. އަހަންނަސް އެހެން ނުހެދުމަށް ބުނުމުން ޒައިކް އަހަންނަށް އަނިޔާ ކުރަން ފެށި. އެތައް ދުވަހަކު ލިބޭ ވޭނަށް ކެއްނުވެގެން އެނދުން ނުތެދުވެ އޮންނަން. މަންމަމެންނަށް އަހަރެންގެ ހާލު އަންގަން އަހަރެން ލަދުގަތް. ޒައިކްގެ ޝިކާރަޔަކަށް އަހަރެން ވަމުން ދިޔަ. ގައިގެ އެތައް ތަނެއް ފެޅި ނޫފައިގަތް، އެވަރުންވެސް އަހަރެން އިތުރު މީހަކަށް ނާންގަން. އެކަނިމާ އެކަނި އަށް މަހުގެ ބޮޑު ބަޑާ އެކީ ގޭގެހުރިހާ ކަމެއް ކުރަމުން ކުރަމުން ދިޔައީ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން ހިތް ކުދި ކުދި ވަމުން ދިޔަ"
"އެއްރޭ އެދެމީހުން ކޮޓަރިޔަށް ވަންތަނާ އަހަރެންގެ ބަނޑުގައި ރިއްސަން ފެށި. އަހަރެން ވަރަށް ގިނަ އިރުވަންދެން ރޮއެ ރޮއެފާ ދޮރުގައި ތެޅިން. އެންމެ ފަހުން އަޅާ ވޭނަށް ކެއްނުވެގެން އަހަރެން ދޮރު ބުޑަށް ވެއްޓުނުކަން އެގޭ. ދެންހޭއެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގަ. ނަރުސް ބުނީ އަހަރެންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް. އަހަރެންނަށް އެކުއްޖާގެ މޫނު ފެންނަނީ ހަމައެކަނި ގާތުންދޭ ގަޑީގަ. އެކުއްޖާގެ މަންމައަށްވެ ހުރެ އަހަރެން ހުރީ އެނަސީބުންވެސް މަހުރޫމްވެފަ. އެމައުސޫމް ކުއްޖާއަށް މަންމަ ކިޔައިދެނީ އެޔޫރަޕް މީހާއަށް. އެއިން ކޮންމެ އަޑަކީ އަހަންނަށް އެތައް ރިހުމަކާއި ތަދެއް ލިބުނު އަޑެއް. ހިތުގައި އެތައް ޒަހަމްތަކެއް އުފެދި ހިތް ކަތިލެވި ލޭ ކޮށެމުންދިޔަ ދުވަހެއް. ޒާރާއަށް ހަމަސްވެ ކާންދޭ ވަރުވުމުން ޒައިކް އަހަރެން ވަރިކުރުމަށްފަހު ގެއިން ނެރެލި. ލާނެ އަންނައުނެއް ނުދޭތާ ކާއެތިކޮޅުވެސް ދިއްކޮއްނުލާ. އަހަރެން މިގޭ ފާރު ބުޑުގައި އިންދާ އެދެމީހުން ޒާރާ ގޮވައިގެން ދިޔައީ. އަހަރެންނަން ދަރިފުޅު ދިނުމަށް ޒައިކް ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރިން."
"އަހަރެން މުޅި ރަށަށް ގިނަވެ ވަންނާނެ ގެދޮރެއްނެތް. އެންމެ ފަހުން އަހަރެން ގެންދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް. އެތާ އެކަނިމާއެކަނި އެތަށް ދުވަހެއް ހޭދަކުރިން. އެތާ ހަވަރަކަށް މަސްވި ފަހުން ރަށުބައެއްގެ ފަރާތުން މަންމައަށް ހުރިހާ އެއްޗެއް އެނގުން. އަހަރެން އެބަޔަކަށް އެންމެ ދެރަގޮތްހެދި އަހަރެންގެ އާއިލާއިން އަހަންނަށް ހިޔާވަހިކަމާއި އެހީތެރިކަންދިން. އަޅާލުމާއި ލޯތްބާއި ހިތްވަރު ދިން. އަހަރެންގެ ފަނާވެފައިވާ ދިރިއުޅުމުގައި އާ ކުލަތަށް ޖައްސައިދިން. އެމީހުންގާތަށް މާލެ ގެންގޮސް ފަރުވާ ހޯދަދިން" ނިޔާޒުގެ ހިތް ކުދިކުދިވިއެވެ. އޭނާގެ އެންމެ ލޯބިވާ ބޭބެދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. މިހުރިހާ ދުވަހު ބިނާކުރި ހިޔާލީ ލޯބީގެ ގަނޑުވަރު ފުނޑުފުނޑުވެ ބިމާ ހަމަވިއެވެ.
"އަހަރެން މިހިތާމައިން މިންޖުވާން ވަޒީފާއަށް ވަނީ ވެސް. މަސައްކަތުގައި މަސްޣޫލުވުމުން ޙިޔާލުތަކާއި ދުރުވާނެތީ. އެކަމަކު އެންމެ ވަގުތު ކޮޅެއްވެސް ނުދޭ އަހަރުން ޒާރާ މަތިން ހަނދާން ނުވާ. އެ ދަރިފުޅުގެ މޫނުދެކިލަން ބޭނުން ނުވާ. އެ ދަރިފުޅު އުރާލާ ބޮސްދޭން ބޭނުން ނުވާ. ނަމަވެސް ހިތްވަރާއެކު ކުރިއަށް ދިޔައީ މަންމައަށްޓަކައި. އެކަމަކު އެންމެ ދަތުރަކުން އަހަރެން މި ދިހަ އަހަރު ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެއްޖެ. އެ ހަނދާންތަށް އަލުން އަހަރެންގެ ހިތުގެ ފާރުތަށް ފުންކޮއްފި. އަހަރެންނަށް އެނގޭ ދެން މިކެހިވެރި ދުނިޔޭގައި އަހަންނަށް ވަގުތު ނެތްކަން. އޭރުން ފެށިގެން ނުކައި ނުބޮއެ ކުރަމުން އައި ހިތާމައިގެ ނަތިޖާއަކަށްވީ އަހަރެން ކެންސަރު ބަލީގެ ޝިކާރައަކަށް ވުން. މިއަދު އަހަންނަކީ ލިވާ ކެންސާގެ ފަހު ސްޓޭގުގައިވާ ދިރިހުރުމުގެ އުންމީދު ނެތް އިންސާނެއް. ހިތުގައިވާ ޒަހަމްތައް އަހަރެންގެ މަރު ބަލީގެ ޝިކާރައަކަށް ވީވެސްކަންނޭނގެ. އަހަރެންގެ ލޯބި އަހަރެންގެ ހަޔާތް ބަރުބާދުކުރީ. އަމިއްލަ ދަރިފުޅު އަހަރެންގެ އަތުން ޖަހައިގަތީ. މައިވަންތަކަމުގެ ލޯބިން މަހުރޫމްކޮށް އަހަރެން މަރުގެ ތުންފަތް މަށްޗަށް ހާޒިރުކުރީ. މައިންބަފައިންގެ އަޑުނާހާ އެމީހުންގެ ހިތް ރޮއްވުމުގެ ސަޒާގައި އުމުރުނިމެގެން ދަނީ" އާނާގެ އަޑު ބެދިއްޖެއެވެ. ނޭވާތައް ކުރުވާން ފެށިއެވެ. މޭގައި އަތްއަޅައިގެން ހުރި އާނާ މަޑުމަޑުން ބިންމަށްޗަށް ތިރިވާން ފެށިއެވެ. އެދަނޑިވަޅުގައި ނޭ ފަތުންނާއި އަގައިން ދުނިޖަހާފައި ލޭ އަންނަން ފެށިއެވެ. ނިޔާޒު ނުލާހިކު ހުޝިޔާރު ކަމާއެކު އާނާ ހިފެހެއްޓި ނަމަވެސް އެއްވެސް އުންމީދެއް ނެތެވެ. ބަސް ބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިޔާޒާއި އާނާގެ ހަށިގަނޑު ލޭން ކަޅިވިއެވެ. " އަހަރެން ނިޔާ ދެކެ ލޯބިވިން. އެކަމަކު ދެން އެކީގައި އުޅެވޭކަށް ނެތް. ނިޔާ އަހަރެންގެ ދަރިފުޅަށް އޭނަގެ އަސްލު މަންމަ ބުނެދެއްޗޭ. ބުނޭ މަންމަ އަބަދުވެސް ވަރަށް ލޯބިވެއޭ." އާނާގެ އަޑު މަޑުވަމުން ދިޔައެވެ. ފުން ނޭވާތަކަކަށް ފަހު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނިޔާޒުގެ އަތުތެރޭ އޮވެ އާނާ ހިމޭންވިއެވެ.
"އާނާ...!!!"ނިޔާޒަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. ކޮޓަރިތަކުގައި ތިބި އެންމެން އެތަނަށް ޖަމާވިއެވެ. އެންމެން ތިބީ ވާނުވާ ނޭގިފައެވެ. "އާނާ... ތެދުވެބަލަ... ދެލޯހުޅުވާލަބަލަ. އަހަރެން އެކަނި ކޮއްފައި ނުދޭ. އަހަރެން އަނާގެ ދަރިފުޅުވެސް ހޯދަދޭނަން. އާނާ.." ނިޔާޒު މޮޔައަކު ފަދައިން އޭނާގެ ގައިގާ އޮޅުލަ އޮޅުލައިފާ ގޮވަމުން ދިޔައެވެ. ނަމަވެސް ދެނެއް އޭނާއަކަށް ނުތެދުވެވޭ ނެވެ. ނިޔާޒުގެ ލޯބީގެ ހުވަފެނީ ގަނޑުވަރު ފުޑުފުޑު ވީއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ހިޔަނީގައޭވެސް ބުނެވިދާ ނެއެވެ. ތަޤުދީރު ގެ ނިޔާ ނިކަން ދެކިބަލާށެވެ. ބޭބެ ޒަހަމްކޮށްލި ހިތް ބޭނުން ވެގެން މިއެދެވުނީ އެބޭބެގެ ލޮލުގެ ނޫރުފަދަ ކޮއްކޮއަށެވެ.
-ނިމުނީ_
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ އައިޝަތު ސަނާ، ސަންސަންގެ / ހއ. ކެލާއެވެ. ވާހަކަ ހުށައަޅަދިނީ މަރިޔަމް ޝާއިބާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 17 ރަމަޟާން 1443 އެވެ.