ޓިކްޓޮކް ޕްލެޓްފޯމްގައި މިހާރު އެންމެ މަޝްހޫރު "ޓޮއިލެޓް ބޯއީސް" އަކީ އާންމުންގެ މަޤުބޫލުކަން ހޯދާފައިވާ ބައެކެވެ. މިޓީމްގައި ހިމެނޭ 4 ޒުވާނުން ކަމުގައިވާ އަހްމަދު ބައްޝާރު، ރަޒާން ރަމްޒީ، ނާއިލް ނާހިދު އަދި އިބްރާހިމް ލޫތު އަކީ އެމީހުން ކުޅޭ ޓިކްޓޮކް ވީޑިއޯތަކުން އާންމުންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ބައެކެވެ.
"ޓޮއިލެޓް ބޯއީސް" އޭ ބުނުމުން ރާއްޖޭގައި ނުދަންނަ މީހަކު މަދުވާނެއެވެ. މީގަ ހިމެނެނީ ތ. އަތޮޅު ގުރައިދޫއަށް ނިސްބަތްވާ ގާތްގަނޑަކަށް އެއް އުމުރުގެ 4 ޒުވާނުންނެވެ. މި 4 މީހުންވެސް ވަޒީފާ އަދާކުރަމުން އަންނަނީ އެ އަތޮޅުގެ ކޮމޯ މާލިފުށި ރިސޯޓުގައެވެ. ރިސޯޓުގެ ސްޓާފް ފާޚާނާ ބަރިއެއް ތެރޭގައި ކުޅެ ޕޯސްޓްކުރަމުން އަންނަ ޓިކްޓޮކް ވީޑިއޯތަކަކީ ތަފާތު އަދި ބެލުންތެރިން ހެއްވާލާފަދަ ވީޑިއޯތަކެކެވެ.
ފާޚާނާގައި ވީޑިއޯ ކުޅެން އެންމެ ފުރަތަމަ ޚިޔާލަށް އައީ ކިހިނެއްތޯ ސުވާލު ކުރުމުން ރަޒާން ބުނީ އެއީ ބޮޑަށް ޕްރައިވެސީ އޮންނާތީ ކަމުގައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ތަނަކުން ޓިކްޓޮކް ވީޑިއޯތައް ކުޅެފައި ބެލުންތެރިންނަށް ފެނިދާނެ ކަމުގައި އޭނާ ބުންޏެވެ.
"އަސްލު މިއީ ފޫހިވެގެން ކުރަން ފެށި ކަމެއް. ޑިއުޓީ ނިންމާފަ އައިއްސަ ކުރާނެ ކަމެއް ނެތިގެން މަޖަލަކަށް އަސްލު ފުރަތަމަ މިކަން ކުރަން ފެށީ" ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މިގްރޫޕްގެ ރަޒާން ރަމްޒީ ބުނިއެވެ.
އެންމެ ފުރަތަމަ "މަ ހޭނެތި ދާނޭ" ލަވައިގެ ތަންކޮޅަށް ކުޅުނު ޓިކްޓޮކްއަކީ އެންމެންގެ ތެރޭގައި މަޤްބޫލްވާން ދިމާވި ސަބަބު ކަމުގައި ރަޒާން ބުންޏެވެ. މަޖަލަކަށް ކުރި މި ކަންތައް އެންމެ ފަހުން ވީ މީހުންގެ އެންޓަރޓެއިންމަންޓަކަށް ކަމަށާއި އެ ވީޑިއޯއަށް ލިބުނު ތަރުޙީބުގެ ސަބަބުން އިތުރު ޓިކްޓޮކްތައް ހަދަން ހިތްވަރު ލިބި ޝައުގުވެރިވީ ކަމަށް ރަޒާން ބުންޏެވެ.
އޭގެ ފަހުން ބެލުންތެރިންނަށް ދޫކޮށްލި ކޮންމެ ވީޑިއޯއެއްވެސްވީ، ޓިކްޓޮކްގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުންގެ މެދުގައިވި "ހިޓް"އަކަށެވެ. އޮރިޖިނަލް ލަވައިގެ ސީންތަކާއި އެއްގޮތަށް ކުޅެފައިވާ ކޮންމެ ވީޑިއޯއެއްވެސް ބެލުންތެރިންނަށް ދޫކޮށްލާއިރު މަދު މިނިޓްކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ވައިގަ ހިފައިގެންދެއެވެ.
"ޓޮއިލެޓް ބޯއީސް"ގެ ވީޑިއޯތަކުގެ ލީޑް އެކްޓަރ އަކީ ނާއިލްއެވެ. އަދި ލީޑް އެކްޓްރެސްއަކީ "މޮޕް ބޯއީ"ގެ ނަމުން މަޝްހޫރުވެފައިވާ ލޫތުއެވެ. މިގްރޫޕުން ބެލުންތެރިންނަށް އެންމެ ފާހަގަވީ އެއްކަމަކީ ވީޑިއޯތައް ކުޅުމުގައި ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކެވެ. އެގޮތުން ވީޑިއޯތަކުގައި އަންހެން އެކްޓްރެސްގެ ރޯލް އަދާކުރާ ލޫތުގެ ބޮލުގައި އަޅާފައި އޮންނަ މޮޕް ފާހަގަކުރެވެއެވެ. މިއީ އެންމެ ގިނަ ބަޔަކު ހެއްވާލި އެއް ކަމެވެ.
"އަސްލު ވީޑިއޯ ކުޅޭއިރު އެއްވެސް ސަމާލުކަމެއް ނުދެން ކޮސްޓިއުމްއަކަށް. ފާޚާނާ ތެރޭން އެގަޑީ ލިބެން އޮތް އެއްޗެއް ބޭނުންކޮށްގެން ކުޅެނީ." މިގްރޫޕްގެ އެކަކު ކަމުގައިވާ އަހްމަދު ބައްޝާރު ބުންޏެވެ.
ބައްޝާރު ބުނީ ކުޅެފައިވާ އެއްވެސް ވީޑިއޯއަކީ މާކުރިން ޕްލޭންކޮށް ޕްރެކްޓިސްކޮށްފައިވާ ވީޑިއޯތަކެއް ނޫންކަމަށެވެ. އެގޮތުން ޑިއުޓީ ނިންމާފައި ހުސްކޮށް ލިބޭ ވަގުތުތަކުގައި އެންމެންވެގެން ފޫހިފިލުވުމަށްޓަކައި އެކަން ކުރަނީ ކަމުގައި ބައްޝާރު ފާހަގަކުރިއެވެ.
މި ގްރޫޕުން ކުޅެފައިވާ ކޮންމެ ވީޑިއޯއެއްގައިވެސް އެކި ދުވަސްވަރު މަޝްހޫރުވެފައިވާ ލަވަތައް ބޭނުންކޮށްފައިވެއެވެ. އެގޮތުން ލަވައެއް ފައިނަލް ކުރުމުގައި ބަލަނީ ކުރިން މީހުންނަށް ކަމުގޮސް ހުރި، އެހެންނަމަވެސް މިހާރު އެހާ އަޑުނާހާ ލަވަތައް ކަމުގައި ބައްޝާރު ފާހަގަކުރިއެވެ. އަދި ލަވަ ހޯދުމުގައި އެއީ ގިނަ މީހުންނަށް އެނގޭ ލަވަތަކެއް ކަމުގައި ބަލާފަ ފައިނަލް ކުރާ ކަމަށްވެސް އޭނާ ބުނިއެވެ. ބައްޝާރު ބުނީ މިއިން ކޮންމެ ވީޑިއޯއެއް ކުޅުމުގައި އެންމެ ގިނަވެގެންވެސް އެއް ގަޑިއިރުވެސް ނުވާނެ ކަމުގައެވެ.
"ޓޮއިލެޓް ބޯއީސް"އިން ނެރޭ ކޮންމެ ވީޑިއޯއެއްގެވެސް ބެލުންތެރިން އެންމެ ފާހަގަކުރާ އެއްކަމަކީ ވީޑިއޯތަކުގެ ސިނެމެޓޯގްރަފީއެވެ. އޮރިޖިނަލް ލަވަޔާއި އެއްގޮތަށް ޝޮޓްތައް ހަދައި މީހުންގެ ހިތްތައް ވަނީ އަތުލާފައެވެ. އަދި ކޮމެންޓްތަކުގައި މިގްރޫޕްގެ ސިނެމެޓޯގްރާފަރު ދައްކާލަން މީހުން އަންނަނީ ބުނަމުންނެވެ. މިކަމާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން މިގްރޫޕުން ބުނީ އަދި އެއީ ސިއްރެއްކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބެލުންތެރިންނަށް ގްރޫޕްގެ ސިނެމެޓޯގްރާފަރު ދައްކާލާނެ ކަމުގައި ގްރޫޕުން ބުންޏެވެ.
"ބެލުންތެރިންނަށް ބުނެލަން އޮތީ ކުރިއަށް އޮތް ތަނުގަ ރޭވިފަ އަދި އޮތީއޭ ހަމަ މިއަށްވުރެ ސަޅި ޓިކްޓޮކްތައް ގެނެސްދިނުމަށް. އަދި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން ހުރިހާ ފޭނުންނަށް އަޅުގަނޑުމެނަށް ތި ދޭ ތަރުހީބަށް. މިހާތަނަށް ކުޅެފަ ހުރި ވީޑިއޯތަކަށްވެސް ވަރަށް ހަމަ ޕޮޒިޓިވް ކޮމެންޓްތައް ހުރީ ލިބިފަ" ގްރޫޕްގެ ފަރާތުން ވާހަކަ ދައްކަމުން ބައްޝާރު ބުންޏެވެ.
މި ގްރޫޕްގެ "ވައްކާ ވައްކާ" އަދި "ލައިސްލާ ބޮނީތާ" މިލަވަތަކަށް ކުޅެފައިވާ ވީޑިއޯތަކަކީ ބެލުންތެރިންގެ މެދުގައި އެންމެ މަޝްހޫރުވި އަދި އެންމެ ގިނަ ލައިކްސް ލިބިފައިވާ ވީޑިއޯތަކެވެ. އަދި "ބާޒީގަރް" އާއި "ސެންނޮރީތާ"ގެ އިތުރުން "ނީންދް ޗުރާޔާ މޭރޭ" ފަދަ ލަވަތަކަށް ކުޅެފައިވާ ވީޑިއޯ ތަކަށްވެސް ގިނަ އަދަދެއްގެ ލައިކްސް އާއި ބެލުންތެރިންގެ ތަރުހީބު ލިބިފައިވެއެވެ.
ރާއްޖޭގެ ޓިކްޓޮކް ޕްލެޓްފޯމްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވި މިގްރޫޕަކީ ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބައެކެވެ. މީހުން ހެއްވާލުމުގައި އެއްވަނަ ބައެކެވެ. ގިނަ ބައެއްގެ ތައުރީފް ލިބިގެންވާ ބައެކެވެ. އެގޮތުން ކޮންމެ ބަޔަކުވެސް އެންމެ ހިތަށް އަރާ އެއް ސުވާލަކީ ދެން މިގްރޫޕުން ނެރޭނީ ކޮން ލަވައަކަށް ކުޅެފައިވާ ވީޑިއޯއެއް ބާވައެވެ؟