މުނިފޫހިފިލުވުން

ވާހަކަ: ހިތި މާޒީ


ދުނިޔެއަކީ ކެހިވެރިތަނެކޭ މީހުން ބުނާތީ އަޑުއަހަމެވެ. އެހެނަސް އެ ހިތި ހަޤީޤަތާއި ކުރިމަތިލާން ޖެހިފައިވީ ކިތައް މީހުނަށް ބާވައޭ ހިތަށް އަރައެވެ. ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައިޖެހި، އޭގެ ޝިކާރައަކަށްވެ ނިމިދިޔައީ ކިތައް މީހުންގެ ދިރިއުޅުންބާއެވެ؟ ހިތާމައިން ފޯވެ ލޭކަރުނަ އޮހޮރޭހާލު ދިރިއުޅުމާއިގެން ކުރިއަށްދާ މީހުންވެސް އަހަރެމެންގެ ތެރޭގައި މަދެއްނޫނެވެ. ދުވާލަކު އެތައް މަރަކުން މަރުވިއަސް، ވޭން އަޅަމުންދާ ހިތުގައި އަތް އެޅުމަށްފަހު ގަދަކަމުން ހިނިތުންވެލަނީ ހާދަހައި ހިތްވަރުގަދަ ބައެކޭ ބައެއް މީހުނަށް ހީވާކަހަލައެވެ. އެހެނަސް، އެ މީހުނަށް އަދު އެ ނޫން ގޮތެއް ނެތީކަން ދަންނަނީ ފަހެ ކާކު ބާއެވެ؟ މިއީ އަމިއްލަ ނަފުސާ އެތައް ހާސްފަހަރަކު އަހަރެންނަށް ކުރެވޭ ސުވާލުތަކެކެވެ. ޖަވާބު ނޭނގުނަސް ވެހެވެ.

ހަމަހިމޭންކަމާއެކު އޮއްސެމުންދިޔަ އިރަށް ނަޒަރު ހުއްޓައިލައިގެން ސިޓިންގްރޫމްއިން ނުކުމެވެން ހުންނަ ކުޑަ ބެލްކަނީގައި އަހަރެން ހުރީމެވެ. ގަދަ އޮރެންޖް ކުލައިން މުޅި އުދަރެސް ފަވައިލައިފައިވީއިރު، އުޑުމަތީގައި ދެފަރާތަށް ދަތުރުކުރަމުންދިޔަ ދޫނިތަކުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. ނަމަވެސް، ޤުދުރަތުގެ އެހިތްގައިމުކަމުން އަހަރެންގެ ހިތަށް ލިބުނު ފިނިކަމެއް ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެ ހިތުގެ ހަމަޖެހުން ގެއްލިފައިވީތާ އެތައް އަހަރެއް ފާއިތުވެ ގޮސްފިއެވެ. އިހުސާސުކުރެވެމުންދިޔަ ހުސްކަން ފުރައިލާނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ހިތްވަރުކުރަން ބޭނުންވިއަސް ބަލިކަށިވަމުން އައި އަހަރެންގެ ހިތަށް ވިސްނައިދޭނެ ގޮތެއް ނޭނގުނެވެ.

ފިކުރުތަކުގެ ކަނޑުގައި ނަފުސު ބެހެމުންދިޔައިރު، ދެލޯ ފުރި ބަންޑުންވަމުން އައިކަންވެސް އަހަރެންނަކަށް އިހުސާސެއް ނުވިއެވެ. އެއްދިމާއަކަށް ދެލޯ އަމާޒުކޮށްލައިގެން އަހަރެންނަށް ހުރެވުނީ ވަގުތު މަޑުޖެހިފައިވާ މީހަކު ފަދައިންނެވެ. ކުއްލިއަކަށް ގޭގެ ބެލް އަޅައިލި އަޑަށް އަހަރެން ސިހުނީ އެހެންވެއެވެ. އަވަސް އަވަހަށް ދެލޮލުން އޮހެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު، ލަސްފިޔަވަޅުތަކެއްގައި އައިސް ދޮރު ކުރިމަތީގައި މަޑުކޮށްލީމެވެ. މިފަދަ ވަގުތެއްގައި ގެއަށް އައީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނަފުސު ހަމައަކަށް އަޅުވައިލުމަށްފަހު ދެޚިޔާލެއްގައި ހުރެ މަޑުމަޑުން އަހަރެން ދޮރުހުޅުވައިލީމެވެ. ނުތަނަވަސް ގޮތަކަށް ގޭގެ ދޮރު ކުރިމަތީގައި ހުއްޓިލައިގެންހުރި ޒުވާނާ އިސްއުފުލައިލައި އަހަންނަށް ބަލައިލީ އެވަގުތުއެވެ. ފެނުނު މަންޒަރުން އަހަރެންގެ ދެފައި ދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ދެލޯބޮޑުވެ ހުއްޓުން އަރައިފައި އެ ޒުވާނާއަށް ބަލަން އަހަންނަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. މިއީ އަހަންނަށް ފެންނަ ހުވަފެނެއް ބާއެވެ؟ ނޫނީ އަހަރެންގެ ދެލޯ އަހަންނަށް ކެހިދެނީހެއްޔެވެ؟ ބަހެއްވެސް ނުބުނެ އަހަރެން ހުންނަން ފެށުމުން އެޒުވާނާ ކަރުކެހިލީ ކަންބޮޑުވެފައި ހުރިފަދައިންނެވެ.

"މަ.. މާޒް.." ދެ ތުންފަތް ތުރުތުރުއަޅައިލުމާއެކު އަހަންނަށް އެ ނަން ކިޔައިލެވުނީ އެތައް ހާސް ޖަޒުބާތަކާއެކުއެވެ. ހިންދިރުވައިލަމުން ލަސްލަހުން މާޒް ބޯޖަހައިލީ އަހަންނަށް އެއީ ކާކުކަން ޔަޤީންކޮށްދޭފަދަ ގޮތަކަށެވެ. އަނގަމަތީގައި އަތްއަޅައިލެވުމާއެކު އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އަހަންނަށް ވީގޮތް ފެނިފައި މާޒް ކުރިއަށް ޖެހިލަމުން އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލީ ނުކެރިފައި ހުރެއެވެ. ކުރިމަތީގައިހުރި އަހަރެންގެ ޒުވާން އެ ދަރިފުޅުގެ ކުޑަކުޑަ ބީހުމުން އަހަރެންގެ މުޅި ނަފުސު ރޫރޫއަޅައިގެން ދިޔައެވެ. ތުރުތުރު އަޅަމުންދިޔަ އަތް ހިއްލައިލަމުން މާޒްގެ މޫނުގައި އަހަރެންނަށް ޖައްސައިލެވުނީ، އެއީ ހަޤީޤަތުގައިވެސް އަހަންނަށް ކުރެވެމުންދިޔަ ހީއެއްނޫންކަން އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވެފައި ވުމުންނެވެ.

"އަހަރެން.. އެތެރަށް ވަނަސް އެންމެ ރަނގަޅުތަ؟" ޖެހިލުންވެފައި ހުރެ މާޒް އަހައިލިއެވެ. ގަދަކަމުން އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވާހާލު ސިޓިންގްރޫމްގައި ހުރި ސޯފާއާ ދިމާއަށް އަހަރެން އިޝާރާތް ކޮށްލީމެވެ. މާޒް އެތެރަށް ވަނުމުން ދޮރު ލައްޕައިލުމަށްފަހު ކުދި ފިޔަވަޅުތަކެއްގައި އައިސް ސޯފާގެ އެއް އަރިމަތީގައި އަހަރެން އިނށީނީމެވެ. އަހަރެންނާ ޖެހިގެން ހުސްޖާގަކޮޅެއް ދޫކޮށްލުމަށްފަހު މާޒް ވެސް އިނށީދެ ހަމަޖެހިލިއެވެ.

"ކި.. ކިހިނެއް.. މި.. ގެ.." ސުވާލު ފުރިހަމަކުރުން އަހަންނަށްވީ ދަތިކަމަކަށެވެ. އުއްމީދުވެސް ނުކުރާފަދަ ހާލަތަކާ ދިރިއުޅުން ކުރިމަތިކުރުވުމުން ނަފުސަށް ލިބިފައިވި ސިހުން އަދިވެސް ނުފިލައެވެ. "ތީ.. ތީ އަހަރެންގެ މަންމަތަ؟" މާޒްގެ އެ ސުވާލާއެކު އަހަންނަށް މޫނު އަނެއްފަރާތަށް އަނބުރައިލެވުނެވެ. އެ ސުވާލުގެ ޖަވާބު ދޭން ބޭނުންވިއަސް އަހަރެންގެ ދުލުގައި ތަޅެއްލެވިފައިވީ ފަދައެވެ. "ނުބުންޏަސް.. ތީ އަހަރެންގެ މަންމަކަން އެނގޭ.. މަންމަގެ ހުރިހައި ސުވާލެއްގެ ޖަވާބުވެސް ދޭނަން.. އެކަމަކު.. މި ވަގުތު އަހަރެން މިތަނަށް އައިސް މިހުރީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު މަންމަގެ ފަރާތުން ބޭނުންވާތީ.." މާޒްގެ ވާހަކަތަކުން އަހަރެންގެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ހިންދިރުވައިލަމުން އަހަރެން ބޯޖަހައިލީ މާޒްގެ ސުވާލު މާކުރިންވެސް އެނގޭ މީހަކު ފަދައިންނެވެ. "ކީއްވެ... ކުޑައިރު އަހަރެން ދޫކޮށްލާފަ.. މަންމަ ދިޔައީ؟" އެތައް ޝަކުވާއެއް މާޒްގެ އަޑުގައިވިއެވެ. އިވުނު ބަސްތަކާއެކު އަހަންނަށް ދެލޯމަރައި ފިއްތައިލެވުނެވެ. "އާދޭސްކުރަން... އަހަރެން މި ސުވާލުގެ ޖަވާބު ބޭނުން.." އިރުކޮޅެއް ފާއިތުވެ ދިޔައިރުވެސް އަހަރެން ވާހަކަނުދެއްކުމުން މާޒް ބުނެލިއެވެ. މެރިފައިވި އަހަރެންގެ އެސްފިޔަތައް ފޫއަޅުވައިލަމުން ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތީ އަހަރެންގެ އެއްވެސް ހުއްދައެއް ނެތިއެވެ.

ދަރިފުޅުގެ އެ ސުވާލަށް ޖަވާބު ދިނުމަކީ އަހަންނަށް ކިތަންމެ ދަތިކަމަކަށްވިއަސް، މިއަދު އެ ހަޤީޤަތް ފައުޅުކުރުމަށް ހިތް އެދި ގޮވަމުންދިޔައީ ކެތްނުވާ ވަރަށެވެ. އެ ދަރިފުޅު އަހަރެންގެ ކުރިމައްޗަށް އަދު ގެނެސްދިނީ ތަޤުދީރެވެ. ވީއިރު ތަޤުދީރުގެ ނިޔާއަށް ފުރަގަސްދޭނެހައި ހިތްވަރެއް އަހަރެންގެ ނެތެވެ. މަޑުމަޑުން މާޒީގެ އެ ހިތްދަތި ހަނދާންތައް އަހަރެންގެ ކުރިމަތީގައި ނިއުޅެން ފެށިއެވެ. ރޯލު ލަސްކުރެވިފައިވި ފިލްމެއްގެ މަންޒަރު ފަދައިން އެއިން ކޮންމެ ހާދިސާއެއް އަހަރެންގެ ސިކުނޑީގައި ތިލަވެގަތެވެ. ދަރިފުޅުގެ ކުރިމަތީގައި އަހަރެންގެ ޙަޔާތުގެ އެ ހިތްދަތި ފަލްސަފާ ހުޅުވައިލީ ޖެހިލުންވެފައި އިނދެއެވެ.

އެއީ މީގެ ތޭވީސް އަހަރު ކުރިއެވެ. ޒިވަންއާ އަހަރެން ކައިވެނިކުރީ ނުހަނު ލޯބިންނެވެ. އެކީގައި އުމުރު ހޭދަކޮށްލުމަށް އެތައް އަހުދަކާއި ވަޢުދެއް ވަމުންނެވެ. ޒިވަން އަކީ މާލޭގެ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންކުއްޖާއެވެ. އޭނާގެ އާއިލާ އާއި އަޅައިބަލާއިރު އަހަރެންނަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އެހެންކަމުން އަހަރެމެންގެ ކައިވެނި ކުރެވުނީ ޒިވަންގެ އާއިލާގެ ނުޤަބޫލުގައެވެ. ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން އެގެއަށް ބަދަލުކުރަން ޖެހުނީ، އާއިލާގައި އަހަރެންނަށް އަޅައިލާނެ އެކަކުވެސް ނެތުމުންނެވެ. ކުޑައިރު އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. އާއިލާގައި އަހަންނަށް އަޅައިލާން ހުރި ހަމައެކަނި މީހަކީ މަންމަ އެވެ. ނަމަވެސް ކައިވެންޏަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މަންމަގެ ކުއްލި ވަކިވުން އަހަރެންނަށް ބަރުދާސްތުކުރަން ދަތި ހިތާމައަކަށްވިއެވެ. އެކަނި ދިރިއުޅެވެން ނެތުމުން ވަގުތީގޮތުން އަހަންނަށް ޖެހުނީ މަންމަ ފަރާތު ބޮޑުދައިތަ ގާތަށް ބަދަލުވާށެވެ. އެހެނަސް އަހަރެން އެގޭގައި ހުރުމަކީ ބޮޑުދައިތަ އެހައި ރުހޭ ކަމަކަށް ނުވިއެވެ. ޒިވަންގެ އާއިލާ ނުރުހުނަސް އަހަރެންނަށް އެގެއަށް ބަދަލުވާން ޖެހުނީ އެހެންވެއެވެ. ލޯބިވާ ފިރިމީހާ ގާތުގައި ހުރިހައި ހިނދަކު އެހެން މީހުންގެ ނުރުހުމަށް ކެތްކުރެވޭނެކަމަށް އަހަރެން ހީކުރީމެވެ.

ކައިވެންޏަށްފަހު ކަންތައް ވާންފެށީ އަހަރެން ކުޑަކޮށްވެސް އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. މައިދައިތަގެ ދުލުން ބޭރުވާ ވިހަގަދަ ބަސްތަކަށް ކެތްކުރުން އަހަރެން ހީކުރިހައި ފަސޭހަ ކަމަކަށް ނުވިއެވެ. ކޮންމެ ދުވަހަކު އެއާއިލާ މީހުންގެ ފުށުން އިވެމުންދިޔަ ނުރުހުމުގެ ބަސްތަކުން އަހަރެންގެ ހިތް ދިޔައީ ޒަޚަމްވެ ކުދިކުދި ވަމުންނެވެ. ނަމަވެސް، ޒިވަންގެ ކުރިމަތީގައި އަހަރެން އެކަން ނުދައްކައިވޭތޯ މަސައްކަތްކުރީމެވެ. ލޯބިވާ ފިރިމީހާގެ އާއިލާއަށް ނިސްބަތްކޮށް ބަދުބަހެއް ނުވަތަ ޝަކުވާއެއްކުރަން ބޭނުންނުވުމުންނެވެ. ކޮންމެވެސް ދުވަހަކުން އެމީހުން އަހަރެން ބަލައިގަންނާނެކަމަށް އުއްމީދުކުރެވޭލެއް ބޮޑުކަމުންނެވެ. މައިދައިތަ އެދުނުހައި ކަމެއް ކޮށްދީގެން ނަމަވެސް އެހިތް ރުއްސޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުންފަދަ ކަމަކަށެވެ. ކައިވެންޏަށް ތިންއަހަރު ވެގެންދިޔައިރު އެގޭތެރޭގައި އަހަރެން އުޅެން ޖެހުނީ އެމީހުންގެ ނޯކަރެއް ފަދައިންނެވެ. މަޑުމަޑުން އެމީހުން ލަމުންގެންދިޔަ ވިހައިގެ އަސަރު އަހަރެންގެ ކައިވެންޏަށް ކުރަންފެށީ އަލަތު ދަރިފުޅަށް އަހަރެން ބަލިވެ އިންދައެވެ. ޒިވަންގެ ބޮލަށް އެމީހުން ވައްދަމުންދިޔަ ވަސްވާސްތަކުން އެހިތް އަހަންނާމެދު ކިލަނބުވެގެން އައީ އެކަމަށް ކުޑަކޮށްވެސް އަހަރެން ތައްޔާރުނުވެ ހުއްޓައެވެ. މަދުމަދުން ނަމަވެސް އެ ދުލުން އަހަންނާމެދު ހިތްހަމަނުޖެހުމުގެ ބަސްތައް ބޭރުވާން ފެށިއެވެ. ބަނޑުގައިވި އަހަރެމެންގެ ލޯބީގެ ނިޝާނާއެކު އަހަރެން ކުރަމުންދިޔަ ހިތާމަ ޒިވަންއަށް ނުފެންނަފަދައެވެ. އެއްއިރަކު ލޯބިން ޙިމާޔަތްދީ ރައްކައުތެރި ކޮށްދިން އަތުގެ އަނިޔާވެރި ހަމަލާތައް އަހަންނަށް އަމާޒުވާންފެށީ އަހަރެންގެ ބޮލުގައި އެޅުވި ނުބައި އިލްޒާމާއެކުއެވެ. ފިރިމީހާއަށް ސިއްރުން އަހަރެން އެހެން ފިރިހެނުންނާ ގުޅުން ބާއްވާކަމަށް ބުނަމުންނެވެ. ދެކޮޅުހެދިއެއްކަމަކު އަހަރެންގެ ނިކަމެތި އާހުގެ އަޑުއަހާނެ މީހަކު ނެތެވެ.

ގަނޑުވަރެއްފަދަ އެގެ އަހަރެންނަށް ހުރަގެއަކަށް ބަދަލުވީ ހުއްޓުމެއްނެތި ލިބެމުންދިޔަ ކެތްކުރުންދަތި އަނިޔާތަކުގެ ސަބަބުންނެވެ. އެގޭގައި ނޯކަރެއްގެ ގޮތުގައި އުޅުނު ހައްވަދައިތަ ނޫނީ އަހަންނަށް ރަޙުމުކުރާނެ އެކަކުވެސް ނެތެވެ. ކެތްތެރިވުމަށް އަހަންނަށް ލިބުނު ހިތްވަރެއްކަމުގައި ހައްވަދައިތަގެ އޯގާތެރި ބަސްތައް ވިއެވެ. ދެލޮލުން ކަރުނަ ނުހިކޭހާލު ދިރިއުޅުމުގެ މައިދާނުގައި އަހަރެން ކެތްތެރިކަމާއެކު ހިތްވަރުކުރަމުންދިޔައީ، ބަނޑުގައިވި އަހަރެންގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. އެގެއިން ނުކުމެގެންގޮސް އަހަރެން ވަންނާނެ އިތުރު އެއްވެސްތަނެއް ނެތުމުންނެވެ. އެ ދަރިފުޅަށް އުޖާލާ މުސްތަޤުބަލެއް ހޯދައިނުދެވިދާނެތީ އަހަރެން ޖެހިލުންވެ ބިރުގަތީއެވެ. އެހެނަސް... އާހް.. އަހަންނަށް ނޭނގުނުކަމީ އެ ނުލަފާ ޝައިތާނުންގެ ދެލޯ އެކުޑަކުޑަ ފުރާނައަށް އަމާޒުވެފައިވީކަމެވެ. ބަނޑުގައިވި އަހަރެންގެ ތުއްތު ދަރިފުޅަށްޓަކައި އެމީހުން ދަހިވެތިވެފައި ވީކަމެވެ.

ދުނިޔެއަށް އެތުއްތު ފުރާނަ ލީ ފުރަތަމަ ނޭވާއާއެކު އަހަރެންގެ ޙަޔާތަށް ބިންދައިލި ރާޅުގައި ބެހިގެންދިޔައީ މާ ދުރަށެވެ. ސަލާމަތަށް އެދި އާދޭސްކުރަމުންދިޔައިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެއްވެސް މީހަކު ނުވިއެވެ. ޒިވަން އާއި އޭނާގެ އާއިލާގެ އެންމެފަހުގެ ހަމަލާ އަހަންނަށް އަމާޒުކޮށްލީ އެމީހުންގެ ހިތުގައި އަހަރެންނަށްޓަކައި ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވިއަސް ނެތްކަން ސާބިތުކޮށްދެމުންނެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ދަރިފުޅާއެކު ގެއަށް އައި ފުރަތަމަ ދުވަހު ޒިވަން އަހަރެން ވަރިކޮށްލައިފިއެވެ. އޭނާގެ އާއިލާ ރުހޭފަދަ އަންހެންކުއްޖަކާ ކައިވެނިކުރަން ނިންމި ވާހަކަ ބުނަމުންނެވެ. ގިސްލައި ރޮމުން އަހަންނަށް އެހެން ނުހެދުމަށްއެދި އާދޭސްކުރީމެވެ. ނަމަވެސް އެހަރު ހިތަށް އަހަރެންގެ ކަރުނުންކުރި އަސަރެއް ނެތެވެ. މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނުފަދަ އިޙުސާސެއް އަހަންނަށް ކުރެވުނެވެ. ހިތާމައިންގޮސް ހަލާކުވަމުން ދިޔައިރު އެ ތުއްތު ފުރާނައާއިގެން ދިރިއުޅުމާއި އެކަނި ކުރިމަތިލާނެ ގޮތެއް ނޭނގި އަހަރެން ބަލިކަށިވާގޮތްވިއެވެ. އެހެނަސް، އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅަށްޓަކައި ކޮންމެހެންވެސް ހިތްވަރުކުރަން ޖެހޭނެކަން އަމިއްލަ ނަފުސަށް ވިސްނައިދިނީމެވެ.

މަޑު ނޫކުލައިގެ ރަޖާކޮޅު މާޒްގެ ތުއްތު ހަށިގަނޑުގައި އޮޅައިލުމަށްފަހު އަހަރެންގެ ފޮށި ދަމަމުން އެގެއިން ނުކުންނަން ހިނގައިގަތީމެވެ. އެވަގުތު ފަހަތުން މައިދައިގެ ޒީލަގަދަ އަޑުއިވިފައި އަހަރެން ސިހޭގޮތްވިއެވެ. މައިދައިތަ ގާތުގައި އެއާއިލާގެ އެހެން މެމްބަރުންގެ އިތުރުން ޒިވަންވެސް ހުއްޓިލައިގެން ހުރީ މަލާމާތުގެ ހިނިތުންވުމަކާއެކުއެވެ. އަހަންނާ ދިމާއަށް ކަޅިއަޅައިލަމުން މައިދަތަ އައިސް ގަދަކަމުން ކަހަލަގޮތަކަށް އަހަރެންގެ އަތުތެރޭގައިއޮތް މާޒް އަތުލިއެވެ. އަދި އެދަރިފުޅަކީ އެއާއިލާއަށް ނިސްބަތްވާ ކުއްޖެއްކަމާއި އަހަރެންފަދަ ނިކަމެއްޗެއްގެ އަތަށް މާޒް ދޫކޮށްނުލެވޭނެކަމުގައި ބުނެލިއެވެ. އިވުނު ވާހަކަތަކާއެކު އަހަރެންގެ ބޮލަށް އެނބުރުން އަރައިގެންދިޔައެވެ. މައިދައިގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއް އަހަރެންގެ ކަންފަތާ ހަމައަށް އައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ނޫނެކޭބުނެ އަހަންނަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ކިރުތުނބުންވެސް ނުވީލޭ އަހަރެންގެ އެ ތުއްތު ދަރުފުޅާ އަހަރެން ވަކިކޮށްލަން ނިންމިއިރު އެމީހުންގެ މޭގައި ހިތެއްވެސް ނެތީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މަންމަގެ ލޯތްބާއި އޯގާތެރިކަމަށްއެދި އެ ދަރިފުޅު ރޯނެވަރު އެމީހުނަށް ނޭނގެނީހެއްޔެވެ؟ އެވެސް މައެކެވެ. އަމިއްލަ ހަށިގަނޑުގެ އެއްބައި ގޮތުގައިއޮވެ ބޮޑުވި ދަރިފުޅާ ވަކިން މައަކަތް ކެތްނުވާނެކަން ނުވިސްނެނީ ހެއްޔެވެ؟ އެ ތުއްތު ފުރާނަ މަންމައަށް އެދޭނެވަރު އިޙުސާސުނުވަނީ ހެއްޔެވެ؟ އަހަރެންގެ މޭގެ އެތިކޮޅާއި، މި ދެލޮލުގެ ފިނިކަމާނުލާ އަހަރެން ކެތްކުރާނީ ކިހިނަކުންހެއްޔެވެ؟ ރޮއެގަންނަމުން މައިދައިތަގެ އަތުން މާޒް އަތުލުމަށް އަހަރެންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އަހަރެންގެ އަތުގައިހިފައި ލުއްކެއް ޖެހުމަށްފަހު ފަހަތަށް އަހަރެން ކޮށްޕައިލަމުން މައިދައި ހިނގައިގަތީ އެތެރަށް ވަންނާށެވެ. ގިސްލެވޭވަރުން އަހަރެންގެ އަޑު ބޭރުނުވިއަސް އެހާލުންވެސް އަހަރެންގެ ދަރިފުޅު އަނބުރައި ދިނުމަށްއެދި އާދޭސްކުރަމުން ދިޔައީމެވެ. ދުވެފައިގޮސް މައިދަތިގެ ފައިބުޑަށް ވެއްޓިގަންނަމުން އެދެފައިގައި ހިފައި އަހަންނަށް އެހެން ނުހެދުމަށް އެދެމުންދިޔައީމެވެ. ނަމަވެސް މައިދައިތަގެ އެންމެ އިޝާރާތަކާއެކު ޒިވަން އައިސް އަހަރެންގެ އަތުގައި ހިފައި ދަމައިކޫއްތައިފައި ގޭގެ ދޮރާދިމާއަށް އަހަރެން ގެންދަން ފެށިއެވެ. ނޫނެކޭ ކިޔައި ކަރުބުޑުން އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.

"ޒި..ވަން.. އާދޭސް.. ކުރަން.. އަހަންނަށް.. ތިހެން ނުހަދާ... އަހަރެންގެ.. ދަރިފުޅާ އަހަރެން.. ވަކިނުކުރޭ... އެ ތުއްތު ފުރާނަ.. އަހަންނަށް އެދޭނޭ ޒިވަން... އަހަރެންގެ.. މުޅި ދުނިޔޭގަވެސް.. އެ ދަރިފުޅު ނޫން.. މީހަކު ނެތް... ޒިވަންގެ ޙަޔާތާ ވަރަށް ދުރަށް އަހަރެން ގޮސްދާނަމޭ... ދުވަހަކު އަހަރެންގެ ހިޔަނިވެސް ނޭޅޭހައި ދުރަށް... ހެޔޮނުވާނެ... އާދޭސްކުރަން... އަހަރެންގެ މާޒް... އަހަންނަށް ދީ... އެދަރިފުޅާ ނުލާ އަހަންނަކަށް ކެތެއްނުވާނެ... އަދި އެދަރިފުޅަށް.. އަހަރެން ހިތް ފުރެންދެން ބަލައިވެސް ނުލެވޭ... އަހަރެންގެ މިދުނިޔޭގަ ހުރިހައިވެސް މީހަކީ އެ ދަރިފުޅޭ ޒިވަން... އާދޭސްކުރަން... އަހަންނާ އެ ފުރާނަ ވަކިނުކުރޭ.. އެދަރިފުޅާނުލާ އަހަންނަކަށް ކެތެއްނުވާނެ... ހެޔޮނުވާނެ... އަހަރެންގެ ދަރިފުޅު... އަހަންނަށް ދީ..." ޒިވަންގެ އަތުގައިހިފައި އަހަރެން އާދޭސްކޮށްކޮށް އޮއްވައި ދަގަނޑު ގޭޓު ހުޅުވައިލުމަށްފަހު މަގުމައްޗަށް އަހަރެން ހޫރައިލިއެވެ. އޮއްތަނުން ތެދުވާނެ ހިތްވަރެއް ނެތުމުން މަގުމަތީގައި ކޭތިފައި އައިސް ގޭޓުގައި ބޯޖައްސައިލަމުން ދަގަނޑު ތޭރިތަކުގެ ތެރެއިން އެތެރަށް އަހަރެން ނަޒަރު ހުއްޓައިލީމެވެ. އަދި ހިތްވަރުކޮށްފައި އަތްއުފުލައިލައި ގޭޓުގައި އަހަރެން ތަޅަންފެށީމެވެ. ރޮވިފައިވީލެއް ބޮޑުކަމުން އަޑުބޭރުނުވިއެއްކަމަކު އިޝާރާތުންވިއަސް އަހަރެން އެދެމުންދިޔައީ އަހަރެންގެ ދަރިފުޅު އަހަންނަށް ދިނުމަށެވެ. އޭރު އެ ތުއްތު ފުރާނަ އަހަންނަށް އެދި ކެނޑިނޭޅި ރޮމުންދިޔަ އަޑު އިވެމުންދިޔައެވެ. ހިތަށް އިހުސާސުކުރެވުނު ތޫނު ތަދާއެކު ހިތްފަޅައިގެންގޮސް ލޭކަރުނަ އޮހެންފެށީ އެ ތުއްތު ރުއިމުގެ އަޑުންނެވެ. ދެލޯކުރިމައްޗަށް އަނދިރިވެ އަހަރެންގެ ހަށިގަނޑުން ޚަބަރު ހުސްވީ ނުވެސްދެނަ ހުއްޓައެވެ.

އެ ހާލުގައި މަގުމަތީގައި އަހަރެން އޮއްވައި އަހަންނަށް އެހީވި ފަރާތަކީ ރާހިލްއެވެ. ދާނެ ތަނެއްނެތި އެކަނިވެރިކަން ހަތަރެސްފަރާތުން ވަށައިލި ހިނދު، އަހަރެންގެ އަތުގަހިފި މީހަކީ އެއީއެވެ. ދިރިއުޅޭނެ ތަނެއް ދައްކައިދީ އަހަރެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދިނެވެ. އެމީހުނާ ކުރިމަތިލައި ދަރިފުޅަށްޓަކައި ހަނގުރާމަކުރުމަށް ހިތްވަރުދިނެވެ. ކޯޓަށް މައްސަލަ ހުށައަޅައި ދަރިފުޅު އަނބުރައި ހޯދަން އަހަރެން މަސައްކަތްކުރީމެވެ. ކުޑަ ހިނދުކޮޅަކަށް އަހަންނަށް ކާމިޔާބުވި ކަމުގައި ހީކުރެވުނީ އަހަންނާ އެއްކޮޅަށް މައްސަލަ ނިމިގެން ދިއުމުންނެވެ. އެހެނަސް، އަހަރެންގެ ޙިމާޔަތުގެ ދަށަށް ދަރިފުޅު އެނބުރި އައިސް އެކުގައި ހޭދަކޮށްލުމަށް ލިބުނީ ތިންއަހަރާއި ބައެވެ. ޒިވަންއާއި އޭނާގެ އާއިލާ ހުރީ އަހަންނަށް ދޫދޭގޮތަކަށް ނޫނެވެ. އެމީހުން އަލުން އެމައްސަލަ ކޯޓަށް ހުށައަޅައި ދަރިފުޅު އަނބުރައި އަތުލުމަށް މަސައްކަތްކުރިއެވެ. ހިތްވަރުކުރީމެވެ. އެމީހުނާ ދެކޮޅަށް ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް... އާހް... ފައިސާގެ ކުރިމަތީގައި ޢަދުލު އިންސާފަކީ އޮންނަ އެއްޗެއް ނޫންކަން އަހަންނަށް އޭރު ނުވިސްނުނީއެވެ. ފައިސާގެ އެހީގައި ދެވަނަ ފަހަރަށް އަހަރެންގެ އަތުން އަހަރެންގެ ދަރިފުޅު އެމީހުން ފޭރިގަތީއެވެ. ޒަޚަމްތަކުން ފުރިފައިވި އަހަރެންގެ ހިތް ފިސްފިސް ކޮށްލައިފައެވެ. ނުވެސް ދެނަހުއްޓައެވެ. މާޒް ގޮވައިގެން އަހަރެން ސްކޫލް އިން ނުކުތް ވަގުތު އެމީހުން ދޮރުމަތީގައި މަޑުކޮށްލައިގެން ތިބީ އަހަރެންގެ އިންތިޒާރުގައި ކަހަލައެވެ. ހިންދިރުވައިލަމުން މާޒްގެ ކުޑަކުޑަ އަތަށް އަހަންނަށް ބާރުކޮށްލެވުނީ ވާން މިއުޅެނީ ކިހިނެއްކަން އެނގުމުން ބިރުގަތްވަރުންނެވެ. އެފަދަ ގޮތަކަށް އެންމެންގަނޑުތެރޭގައި އަހަންނާ އެމީހުން ދިމާކޮށްލައިފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.

ނުލަފާ ހިނިތުންވުމަކާއެކު ޒިވަންގެ މަންމަ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި އަހަރެންގެ ކޮނޑުގައި ހިފައި ފަހަތަށް ކޮށްޕައިލަމުން، މާޒްގެ ދަބަސް އަހަރެން ހިފަހައްޓައިގެންހުރި އަތުގައި ހިފައި ފަހަތަށް އަނބުރައިލިއެވެ. ވީތަދުން އަހަންނަށް ރޮއެގަނެވުނެވެ. މަންޒަރުބަލަން ތަންތަންކޮޅުގައި ހުއްޓިތިބި މީހުން އަހަންނަށް އެހީވާން މަސައްކަތްކުރިއެވެ. އެވަގުތު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޒިވަން އަހަރެންގެ އަތުތެރެއިން މާޒްގެ އަތްތިލަ ގަދަކަމުން މިނިވަންކޮށްލިއެވެ. އެއާއެކު ގަދައަޑުން އަހަރެންގެ ލޯބިވާ އެ ތުއްތު ދަރިފުޅު ރޮއެގަތެވެ. އަހަރެންގެ ހެދުމުގައި މާޒް ބާރަށް ހިފަހައްޓައިގެން ހުރެ ނުދާން ރޮއެ ގަދަދައްކަމުން ދަނިކޮށް ޒިވަން މާޒް އުރައިލަމުން ދުރަށް ހިނގައިގަތެވެ. މަންމާއޭ ކިޔައި އެ ތުއްތު އަޑުން ރޮމުންދިޔައިރުވެސް އެމީހުނަށް އެޅަހިތަށް ކުރަމުންދިޔަ އަސަރު ނުފެންނަފަދައެވެ. މަންމައަށް އެދި އެކުޑަ ފުރާނަ ތެޅެމުންދިޔަ ހާލު އެއިން އެކަކަށްވެސް އިހުސާސެއްނުވިއެވެ. ޒިވަންގެ މަންމަގެ އަތްދަށުން ގަދަކަމުން ވީއްލިގަންނަމުން އަހަރެން ޒިވަންގެ ފަހަތުން ދުއްވައިގަތީމެވެ.

ދެއަތް ދިއްކޮށް އަހަންނާ އަހަރެންގެ ދަރިފުޅާ ވަކިނުކުރުމަށްއެދި ސަލާންޖަހަމުން ރޮއެ އާދޭސްކުރަމުން ދިޔައީމެވެ. އެހެނަސް، އެމީހުންގެ ކަންފަތަށް އެއިން އެއްވެސް އަޑެއް ނީވޭ ފަދައެވެ. ދުރުގައި ޕާރކް ކޮށްފައިއޮތް ކާރަށް އަރައި ދުއްވައިލިއިރު، އަހަރެންގެ ކަރުނަތަކުން އެއިން މީހެއްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރާކަން ގައިމެވެ. ދުވެދުވެ ވަރުބަލިވުމުން ހުއްޓުމަށްފަހު އެހުރި ތަނުގައި އަހަރެންނަށް އިނށީދެލެވުނީ ގިސްލެވިފައިވާ ހާލުއެވެ. ދަރިފުޅަށް އެދި އޭރުވެސް އަހަރެންގެ ދެއަތްވަނީ ކުރިއަށް ދަމައިލެވިފައެވެ. ތުރުތުރުއަޅަމުންދިޔަ ދެއަތަށް އަހަރެންގެ ނަޒަރު ހުއްޓުމާއެކު ދަރިފުޅުގެ ނަން ދުލުން ބޭރުވީ ބޭއިޚުތިޔާރުގައެވެ. އެއާއެކު އަހަރެންގެ ރުއިން އިހުނަށްވުރެ ބާރުވެލިއެވެ.

އެ ހާދިސާގެ ފަހުން ހަފުތާއެއް ފާއިތުވެދިޔައިރުވެސް މާޒްއާ ބައްދަލުކޮށްލެވޭތޯ އަހަރެން ހިތްވަރުކުރަމުން ދިޔައީމެވެ. އެހެނަސް، އެންމެފަހުން އަހަރެންމީ އަހަރެންގެ ދަރިފުޅަށްހުރި ނުރައްކަލެއް ކަމުގައިބުނެ އެދަރިފުޅު ފެންނަ ހިސާބަށް އައުންވެސް އަހަންނަށް މަނާ ކުރީއެވެ. އަހަރެންގެ ދެލޮލުގެ ކޮޔަށް އަހަރެން އަނިޔާވެރިވާނެ ހެއްޔެވެ؟ ނުވަމަސްވަންދެން މި ހަށިގަނޑުގެ ތެރޭގައި ގެންގުޅެ އެތައް ވޭނަކާއި ކެކުޅުމަކާއެކު ދުނިޔެއަށް އުފަންކުރި އަހަރެންގެ މޭގެ އެތިކޮޅަށް ގެއްލުމެއް ދޭނެ ހެއްޔެވެ؟ އަހަރެންގެ ވާހަކަތައް އަޑުއަހާނެ އެކަކުވެސްނުވިއެވެ. މާޒް އަނބުރައި ހޯދުމަށް ކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. ދިރިއުޅުންމަތިން ފޫހިވެ ދުނިޔޭގައި ހުރުމުގެ ބޭނުމެއްނެތްކަމުގައި އިހުސާސުކުރެވުނީ އެހިސާބުންނެވެ. ދަރިފުޅާމެދު ވިސްނައި މިދެލޮލާ ނިދި ވަކިވެ ދިޔައީ ކިތައްރޭކަން ދަންނާނެ މީހަކު ނެތެވެ. އަހަންނާ ނުލައި އަހަރެންގެ ދަރިފުޅު އުޅޭނެ ހާލު ވިސްނޭކޮންމެ ފަހަރަކު އެތައް މަރަކުން އަހަރެން މަރުވަމުންދިޔަ ކަހަލައެވެ. ބަނޑުހައިވެގެން ދަރިފުޅު އުޅޭނޭ ހީވެ މި އަރުތެރެއިން ކާއެތިކޮޅެއް ދިރުންވީ ދަތިކަމަކަށެވެ. ހިތްދަތިކަން ކޮންމެ ރެއަކު އަހަރެން ފަހައި ދުވަމުންއައީ ބިރުވެރި ހުވަފެންތަކުގެ ސިފައިގައެވެ. ސިހިފައި ފުންމައިގެން ތެދުވެ އަޑުން އަޑުނަގައި ރޮއެގަތީ ކިތައްރޭކަން ބުނެދޭންވެސް އަހަންނަކަށް ނޭނގެއެވެ. ކެތްނުވެ ދުރުދުރުންވިއަސް ދަރިފުޅުގެ ސޫރަ ދެކިލުމަށް އެދި ދެވެނީ ފަހުންވާނެ ގޮތަކާމެދު ވިސްނުމެއްނެތިއެވެ. ކިރިޔާވެސް ދަރިފުޅާމެދު އެއްޗެއް އޮޅުންފިލުވެނީ ހައްވަދައިތަގެ އެހީގައެވެ. އެވަރުން ހިތްނުފުރުނަސް ޝުކުރުކުރާން އަހަރެން ދަސްކުރީމެވެ. ދަރިފުޅާނުލައި މިޙަޔާތް ފަޅުވެފައިވި މިންވަރު ދެނެވޮޑިގެންވަނީ އަހަރެން ހެއްދެވި ފަރާތެވެ. ހިތާމަތަކުން އަރައިނުގަނެވުނަސް ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އަހަންނަށް ދަސްކޮށްދިނީ އަހަރެންގެ މިހާރުގެ ފިރިމީހާ، ރާހިލްއެވެ. އެއޯގާތެރިކަމުން އަހަރެންގެ ހިތް ފަތަޙަކުރިއެވެ. އައު ޙަޔާތެއް ފެށިއަސް، އަދި އެކައިވެންޏަށް ދަރިއަކު ލިބުނަސް ދުވަހަކުވެސް މާޒްގެ ހަނދާންތައް އަހަރެންގެ ހިތުން ފިލައިގެނެއްނުދެއެވެ.

މާޒީގެ ހިތި ވާހަކަތައް ނިމުނުއިރު ގިސްލެވޭވަރުން އަހަރެންގެ އަޑު ކިރިޔާ ބޭރުވަނީއެވެ. އޭރު އަހަރެންގެ އަތުގައި ހިފަހައްޓައިލައިގެން އިސްޖެހިފައިއިން މާޒްވެސް ގިސްލައި ރޮމުންދިޔައެވެ. އެއަތުގައިހިފައި އަހަންނަށް ބާރުކޮށްލެވުނީ އިތުރަށް ކެތްނުވުމުންނެވެ. މާޒްގެ ހަށިގަނޑުގައި ދެއަތް ވަށައިލުމާއެކު އަހަންނަށް ބާރަށް ރޮއެގަނެވުނެވެ. އަދި ތަކުރާރުކޮށް މާޒްގެ ކިބައިން މަޢާފަށް އެދެވެން ފެށުނެވެ. އަހަރެންގެ މޭގައި މޫނު ޖައްސައިލައިގެން އިނދެ މާޒް ދެފަރާތަށް ބޯހޫރަމުންދިޔައީ ވެދިޔަ ކަންތަކުގައި އަހަރެންގެ އެއްވެސް ކުށެއްނެތްކަމުގައި ބުނަމުންނެވެ.

އިރުކޮޅަކު އެހެން ތިބުމަށްފަހު މަޑުމަޑުން އަހަންނާ ދުރުވެލަމުން މާޒް ފުންނޭވާއެއް ދޫކޮށްލިއެވެ. "ބޮޑުވެގެން އައި އިރު އަބަދުވެސް ހިތަށް އަރާ އަހަރެންގެ މަންމަ ކޮބައިބާއޭ... ބައްޕަ ގާތު އެހިޔަސް އެސުވާލުކުރުން މަނާ ކުރަނީ މަންމައަކީ މަކަރުވެރި އަނިޔާވެރިއެއްކަމުގައި ބުނަމުން... އެހެނަސް.. އަބަދުވެސް މަންމައާ ބައްދަލުކޮށްލުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި އޮވޭ.. މަންމަގެ ހަޤީޤަތް އަހަންނަށް ކޮންމެވެސް ވަރަކަށް ހައްވަދައިތަ އޮޅުންފިލުވައިދިން... މަންމަ އުޅޭ ތަނަކާއި ހުންނަގޮތްވެސް ބުނެދިނީ ހައްވަދައިތަ... މަންމާ... މިއަދު އަހަރެން މީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިހުރި ޒުވާނެއް... އަހަރެންގެ މައްޗަށް ނުފޫޒުފޯރުވުމުގެ ބާރެއް އެއިން އެކަކަށްވެސް ލިބިގެންނުވޭ... ހުރިހައި ކަމެއް އެނގުމަށްފަހު އެމީހުނާ އެއްފުރާޅެއްގެ ދަށުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން... އަހަރެން އެގެއިން ނުކުމެގެން މިއައީ އެމީހުނަށް ވަރަށް ސާފުކޮށް އެކަން އަންގައިދީފަ... މަންމައާމެދު އެމީހުން ކަންތައްކުރި އިހާނެތިގޮތަށް އަހަންނަށް އިންސާފު ހޯދައި ނުދެވިދާނެ... އެކަމަކު... އަހަރެންގެ ޙަޔާތުގެ ބާކީ ދުވަސްތައް ވޭތިކޮށްލަން އެދެނީ މަންމައާއެކު.. ތިދެއަތުގެ ތެރޭގަ... ތި އުނގުގެ ޙިމާޔަތުގަ... ބުނެބަލަ... އަހަންނަށް އެ ފުރުސަތު ދޭނަންތަ؟" އަހަރެންގެ ކުރިމަތީގައި ކޮޅުކަކޫ މައްޗަށް އިނށީދެލަމުން އަހަރެންގެ ދެއަތުގައި ހިފައި ބާރުކޮށްލުމަށްފަހު މާޒް ބުނެލިއެވެ. ކަރުނުން ދެލޯ ފުރިފައިވިއަސް މާޒްގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ހިތަށްލިބުނު ބަޔާންކުރަން ދަތި އުފަލުގައި އަހަންނަށްވެސް ކަރުނައިގެ ތެރެއިން ހިނިތުންވެވުނެވެ. އޭރު އެމަންޒަރުބަލަން ރާހިލްގެ އިތުރުން އަހަރެމެންގެ ދަރިފުޅު ނާޔާ ވެސް ތަންކޮޅެއް ދުރުގައި ހިނިއައިސްފައި ތިއްބެވެ. އެމީހުންގެ މޫނުމަތިން ފައުޅުވަމުންދިޔަ އަސަރުތަކުން އަހަންނާ މާޒް އާއި ދެމެދުގައި ދެކެވުނު ހުރިހައި ވާހަކައެއް އަޑުއިވުނުކަން ހާމަކޮށްދެއެވެ.

ތުރުތުރުއަޅަމުންދިޔަ ދެއަތް އުފުލައިލަމުން މާޒްގެ މޫނުގައި އަހަރެން ޖައްސައިލީމެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އެނިތުގައި ބޮސްދެމުން އަހަރެންގެ ލޯބިވާ އަލަތު ދަރިފުޅުގެ ގައިގައި އެތައް ޒަމާނަކަށްފަހު ބައްދައިލީމެވެ. ހިތަށް ކުރުވި ފޮނި އިހުސާސުގައި އުފަލުންގޮސް އަހަރެންގެ ހިތް ނަށައިގަތެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ މީހުން ބުނަނީ މިހެންވެކަން ޔަޤީނެވެ. އެތައް ދުވަހެއް ވަންދެން އަރުގައި ލައިފައިވި މާޒީގެ ހިތިކަން މަޑުމަޑުން ފިލައިދިޔަ ކަހަލައެވެ. ހިތުގައި ރޯފާރު ފަދައިންވި ޒަޚަމްތަކަށް ޝިފާއެއް ލިބުނުފަދައެވެ. މާޒްގެ ބުރަކަށީގައި ފިރުމައިލަމުން އެދަރިފުޅަށް އަހަރެންގެ ޙަޔާތަށް މަރުޙަބާ ކީމެވެ. "ހިތި މާޒީ"ގެ ހިތިކަން ފަހަތަށް ދޫކޮށްލުމަށްފަހު އައު ހިތްވަރަކާއި ވަރުގަދަ ޢަޒުމަކާއެކު ކުރިމަގާއި ކުރިމަތިލުމަށް ނިންމަމުންނެވެ. ދުވަހަކުވެސް ދެން މިދެއަތުގެ ތެރެއިން އެދަރިފުޅު ގެއްލިގެންދިޔަ ނުދޭނެކަމަށް އަމިއްލަ ނަފުސަށް ވަޢުދު ވަމުންނެވެ. އެތައް ދުވަހެއްގެ ދުޢާތައް އިޖާބަކޮށްދެއްވި މާތް ﷲ އަށް ޙަމްދުކޮށް ޝުކުރުކުރަމުންނެވެ. އުފައުވެރި ފާގަތި ޙަޔާތަކަށް އެދި ދުޢާކުރާ ހާލުއެވެ.
- ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ނައުފާ އަހްމަދު ޝާކިރު، ދަނބުރުއްދޮށުގެ / ދ. ކުޑަހުވަދޫ. ވާހަކަ ހުށައަޅަދިނީ އައިމިނަތު ޝަފްގާ /ށ. މިލަންދޫއެވެ.
ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 16 ރަމަޟާން 1443 އެވެ.