ޚަބަރު

ތަރައްޤީގެ އެންމެ ބޮޑު ޙިއްސާއެއް އައްޑޫ ސިޓީއަށް


މުޅިރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގައި، ތަރައްޤީގެ އެންމެގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އެއް ސިޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީއެވެ. ރާއްޖެ ތަރައްޤީކުރެވޭނީ އައްޑޫ ސިޓީ ތަރައްޤީ ކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީއަކީ 34،000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮތް ސީޓީއެކެވެ. އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެތައްކަމެެއް މީގެކުރިން ފުރިހަމަނުވެ އޮތް އައްޑޫ ސިޓީއަށް މިސަރުކާރުގެ ތަރައްޤީގެ ނުފޫޒު ވަރަށްބޮޑެވެ. ސަރުކާރުގެ ފާއިތުވި 3 އަހަރު މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރި ހޭދައިގެ ބޮޑު ޙިއްސާއެއް އޮތީ އައްޑޫ ސިޓީގައެވެ. އެގޮތުން 1.1 ބިލިއަން ރުފިޔާ އައްޑޫގެ ތަރައްޤީއަށް ވަނީ ހޭދަކޮށްފައެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ހިނގަމުންނެވެ. ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ނިމި މިހާރު ވަނީ ކައުންސިލާ ޙަވާލުކޮށްފައެވެ. އައްޑޫ ސިޓީގައި މިހާތަނަށް ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން 32 މަޝްރޫޢެއް ވަނީ ނިމިފައެވެ. މިހާރުވެސް 28 މަޝްރޫޢުގެ ކުރިއަށްދާއިރު، ކޮންޓްރެކްޓް ކޮށްފައިވާ 9 މަޝްރޫޢަކީ، އެވޯޑްކޮށްފައިވާ 9 މަޝްރޫޢެއްގެ އިތުރުން ޓެޑަރކޮށްފައިވާ 11 މަޝްރޫޢެއް ހިމެނެއެވެ.

އައްޑޫ ސިޓީގައި ނިމިފައިވާ މުހިންމު މަޝްރޫޢުތަކަށް ބަލާއިރު، މީދޫ މަގު ހެދުމުގެ މަސައްކަތާއި، ބަދަރު ތަރައްޤީ ކުރުމާއި ފޭދޫ ނަރުދަމާގެ ނިޒާމާއި ފެން ހިންދާ ނިޒާމު ޤާއިމް ކުރުމާއި، މަރަދޫ ފޭދޫ ބަނަދަރުގެ މަޝްރޫއާއި ނަރުދަމާގެ ނިޒާމާއި މަރަދޫ ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމާއި ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން އައްޑޫ ސިޓީގެ އިޖުމާއީ އަދި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ ބައެއް މަސައްކަތްތަވެސް ވަނީ ނިމިފައެވެ.

އައްޑޫ ސިޓީގައި މިހާރުވެސް ހިނގަމުންދާ މުހިންމު ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، އައްޑޫ ސިޓީގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، ޓޫރިޒަމް ޒޯން ޤާއިމް ކުރުމާއި، ސްޓޭޑިޔަމް ތަރައްޤީ ކުރުމާއި، ގޭދޮށު މަސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތާއި، މަސްމާރުކޭރުކޭޓް އިމާރާތް ކުރުމާއި، މިސްކިތް އިމާރާތް ކުރުމާއި، ކަސްޓަމްސްގެ ސައުތް ރީޖަނަލް ހެޑް އޮފީސް އިމާރާތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ކުނި މެނޭޖްކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޭނުންވާ ވޭސްޓު ޓު އެނަރޖީ ޕްލާންޓް ރާއްޖެ ގެނެސް އިންސްޓަލޭޝަން މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ރޯދައިގެކުރިން އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ތަރައްޤީގައި ކުޑަ މަޑުޖެހުމެއްވެސް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ދެކުނުގެ ރައްޔިތުންނަށް މުހިންމު ތަނަކަށްވާއިރު، އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެއަރޕޯޓްގެ ދޫގަސް ހުރި ޢިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެތަނުގައި 100 އެނދުގެ ހޮޓަލެއް ހެދުމަށް ގަން އެއަރޕޯޓް ކުންފުންޏަށް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އައްޑޫ ބިންހިއްކުމަށް އޮތް ތިމާވެށީގެ މައްސަލައަށް ހައްލުގެނެސް މަސައްކަތް ފެށުމުގެ އެންމެފަހުގެ މަރުހަލާގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމާއިން 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގައި ހިމެނޭ މަޝްރޫއެކެވެ.

މިއާއެކު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލުހޯދުމަށް ފެނަކައިން ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. މިކުރެވޭ މަސައްކަތުން ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓަށް 47 މެގަވޯޓް އިތުރުކޮށް ކެޕޭސިޓީ އިތުރުކުރެވޭނެއެވެ.

އައްޑޫ ސިޓީގައި ތަރައްޤީގެ އެތައް މަޝްރޫޢެއް ކުރިއަށްދާއިރު، މިއީ މިހާތަނަށް ސަރުކާރަކުން އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާ ގިނަ އަދަދެއްގެ މަޝްރޫޢުތައް އެއްފަހަރާ ހިންގާ ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މިއީ ފައިސާގެ ގޮތުން ބެލި ކަމުގައިވީނަމަވެސް އެންމެ ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކޮށްގެން އައްޑޫ ސިޓީގައި މަޝްރޫޢުތައް ހިންގޭ ދުވަސްވަރުކަންވެސް އައްޑޫ ސިޓީގެ ރައްޔިތުން ގަބޫލު ކުރެއެވެ.