ޚަބަރު

ވައިބަ ގްރޫޕަކަށް ފޮނުވި މެސެޖަކާއި ގުޅިގެން ޤާޟީ ނައީމްގެ މައްސަލަ ބަލަނީ


ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ތަހުގީގް ކުރަން ފަށައިފިއެވެ.

ޖޭއެސްސީން ތަހުގީގު ކުރަމުންދަނީ ޤާޟީ ނައީމް ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުންކޮށްފައިވާތީ އެމައްސަލައެވެ.

އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަރީގެ އިސްވެރިން ހިމެނޭ ވައިބާ ގްރޫޕަށް ޤާޟީ ނައީމް ފޮނުވި މެސެޖަކީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ޚަބަރެއް ވައިބާ ގްރޫޕްގައި އެހެން ފަނޑިޔާރަކު ހިއްސާ ކުރުމުން ފަނޑިޔާރުންނަށް ފްލެޓް ހަމަޖެއްސުމާއި ގުޅޭގޮތުން ކުރެއްވި މެސެޖެކެވެ. މިމެސެޖުގައި ނައީމް ވަނީ ފްލެޓް ލިބުމުގެ މައްސަލަ ހައްލު ކުރުމުގައި ހަރުކަށި މަސައްކަތްތަކެއް ޖުޑީޝަރީ ތެރެއިން ކުރަންޖެހޭފަދަ އިބާރާތަކުން ލިޔުއްވާފައެވެ.

މިމައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގެ ގޮތުގައެވެ. މިމައްސަލަ ތަހުޤީޤު ކުރުމަށްޓަކައި މިހާރު ވަީ ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައެވެ. ޤާޟީ ނައީމަކީ މީގެ ކުރިންވެސް ޖޭއެސްސީން ފިޔަވަޅު އަޅާފައިވާ ޤާޞީއެކެެ.

ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަގޮތަކަށް ސޯޝަލް މީޑިއާތަކުގައި ލިޔުއްވާ މައްސަލަތަކުގައި މީގެ ކުރިންވެސް ބައެއް ފަނޑިޔާރުންނާއިމެދު ޖޭއެސްސީން ވަނީ ފިޔަވަޅު އަޅާފައެވެ.