ޚަބަރު

ޝިފާޢު: މަންމަގެ އެދުން ފުރިހަމަކުރުމަށްފަހު، ދާއިރާގެ ޚާދިމަކަށް!


ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުގައި ކުރެވޭ އެންމެބޮޑު އިދާރާއެވެ. މަޖިލީހުގެ މަސައްކަތަކީ ރައްޔިތުންނާ ގުޅުންބޮޑު ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑެތި މަސައްކަތް ކުރެވޭ އިދާރާވެސް މެއެވެ. މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ސީދާ ވޯޓުން، ރައްޔިތުންގެ ފުރިހަމަ ތާޢީދާއިއެކު، ދާއިރާއާއި އެދާއިރާއެއްގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އިންތިޚާބު ކުރެވޭ ބައެކެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ސިޔާސީ ގޮތުން މީގެކުރިން ނުފެންނަ، މުޅިން އާމޫނުތަކެއް ވަނީ ތަޢާރަފް ވެގެން ގޮސްފައެވެ. މިފުރުސަތު އެމެމްބަރުންނަށް ލިބިގެން ގޮސްފައިވަނީ އެދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ މެމްބަރުކަމުގެ މަޤާމު މިހާރު ފުރުއްވާ މުހައްމަދު ޝިފާޢުއަކީވެސް ކުރިން ސިޔާސީ މަސައްކަތަށް ނިކުންނެވުމުގެ ޝައުގުވެރިކަން ހުރި ބޭފުޅެއް ނޫނެވެ.

ޝިފާއުގެ ތަޢުލީމީ ހަޔާތް

ޝިފާޢުގެ ތައުލީމީ ޙަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ އުފަންރަށް ހއ.އިހަވަންދޫ މަދަރުސާގައެވެ. ޝިފާއު ތައުލީމް ހާސިލް ކުރަމުންދިޔައިރު އިހަވަންދޫ މަދަރުސާއަކީ ވަރަށް އާދައިގެ އަތޮޅުތެރޭގެ އާދައިގެ މަދަރުސާއެކެވެ. ޒަމާނީ މާގިނަ ވަސީލަތްތަކެއް ނެތެވެ. އޭރު ފޮތްބައިވެސް ގަންނަން ޖެހޭތީ ހިނގާ ޚަރަދު ބޮޑުވުމުން، ޝިފާއު ފޮތްތައް ހޯދާފައިވަނީ ގްރޭޑްތައް ނިމޭ ދަރިވަރުންގެ އަތުން ބައު ފޮތްބައި ހޯދައިގެންނެވެ.

ތައުލީމީ ޙަޔާތުގައި ޝިފާޢުއަކީ ކިޔެވުމަށް މާބޮޑު ޝައުގުވެރިކަމެއް ނުދީ އިތުރު ހަރަކާތްތަކަށް ޝައުގުވެރިކަން އޮތް ދަރިވަރަކަށް ނީމަވެސް ސްކޫލު ނިންމިއިރު ނަތީޖާއިން އެކަމެއް ނުފެނެއެވެ. އިހަވަންދޫ ސްކޫލުގެ ހަޔާތުގައި ފުރަތަމަ އޯލެވެލް ހެދި ބެޗުގައި ހިމެނޭ ޝިފާއުއަކީ އެސްކޫލުގެ އެންމެ ފަހަގަކޮށްލެވޭ އެއްދަރިވަރެވެ.

"ސްކޫލު ދައުރުގައި އަޅުގަނޑަކީ ވަރަށް ލާނެއް މީހެއް. އޭރު ސްކޫލުގައި ހިނގާކޮންމެ ކަމެއްގައިވެސް އަޅުގަނޑު ހުންނާނެ ބައިވެރިވެފައި. ނަމަވެސް އަބަދުވެސް އުޅޭނީ ލީޑަރޝިޕް ރަނގަޅުކޮށް. އެކީގަ އުޅޭ ކުދިން ގޯސްކަމެއް ކުރިޔަސް އެކުދިން ސަލާމަތްވާނެ ގޮތެއް ބަލަން. ގޯސްކަމެއް ކުރާކަށް ހިތްވަރެއް ނުދެން. އަޅުގަނޑު ހަދާންވޭ ކުރީގައި ސްކޫލުގައި ނުހުންނާނެ ކަރަންޓެއް. އަޅުގަނޑުމެން ބޭނުންވީމަ، ޖަނަރޭޓަރު ޖައްސާލާފަ، ނިންމާލާފާ ޖަނަރޭޓަރު ނިއްވާލާފަ ދަނީ." ޝިފާއު ވިދާޅުވިއެވެ.

ސްކޫލު ދައުގައި ޝިފާއު އެންމެބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާއަކީ ވާހަކަ ދެއްކުމުގެ ދާއިރާއެވެ. އިސްކޮޅުން ކުރުވުމުން ގޮޑީމައްޗަށް އަރައިގެން ޕޯޑިޔަމްގައި އެތައް ފަހަރަކު ވާހަކަ ދައްކަފައިވެއެވެ. އޭނާ އެންމެ އުފާވީ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި އިހަވަންދޫ ސްކޫލަށް ބައިވެރިވާން ލިބުނު ފުރުސަތުގައި ބައިވެރިވެ އޭނާއަށް ރަނގަޅު ކާމިޔާބެއް ނުލިބުނަސް ސްކޫލަށް ރަނގަޅު ކާމިޔާބީއެއް ލިބުމުންނެވެ.

"އިތުރު ހަރަކާތްތަކުގައި ބައިވެރިވަން. ވާހަކަ ދެއްކުމަކީ އެންމެ ބޮޑު ޝައުގު އޮތް ކަންތައް. ޕޯޑިޔަމްތަކުގައި ވާހަކަ ދައްކަން ޝައުގުވެރިވޭ. ނަމަވެސް އިސްކޮޅުން ކުރުވީމަ ގިނަ ފަހަރަށް ވާހަކަ ދެއްކުމުގައި ހުރި ހުރަސްތަކެއް. ނަމަވެސް ވާހަކަ ދެއްކުމުގެ މުބާރާތުން ހުންނާނެ ރަނގަޅު ކާމިޔާބީ ހޯދާފަ. ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައިވެސް ހުންނާނެ ވާހަކަ ދައްކާފަ." ޝިފާއު ވިދާޅުވިއެވެ.

ކިޔެވީ ޓީޗިން، ކުރިއަށް ދެވެނީ އެހެން ދާއިރާއަކުން

އިހަވަންދޫ ސްކޫލުން ގްރޭޑް 10 ނިންމުމަށްފަހު ޝިފާއު ވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ވަޒީފާ އަދާކޮށްފައެވެ. ކުޑަ ދުވަސްކޮޅަކު ވަޒީފާގައި އުޅުމަށްފަހު އޭލެވެލް ކިޔެވުމަށް ވަޒީފާއިން ވަކިވިއެވެ. އޭލެވެލް ނިންމުމަށްފަހު ޕެރަޑައިސްގައިވެސް ޝީފާއު ވަނީ ވަޒީފާ އަދާކޮށްފައެވެ. މާލޭގައި ކިޔަވަމުން ދިޔަ އިރުވެސް މައިބަފައިންގެ އެންމެ ބޮޑު އެދުމަކަށްވީ ޝިފާއު ޓީޗިން ކިޔަވައިގެން ރަށަށް ބަދަލުވުމެވެ.

މަންމަމެންގެ އެދުމަށް ޝިފާއު ޓީޗިންގައި ބައިވެރިވެ، ޓީޗިން ފުރިހަމަކޮށް، އިހަވަންދޫ ސްކޫލުގެ އެންމެ ފުރަތަމަ ޓީޗިން ހެދި 6 މީހުންގެ ތެެރޭގައި ވިއެވެ. ރަށުން ޓީޗިންހެދި 6 މީހުން އެކީ ރަށަށް ޚިދުމަތްކުރުމަކީވެސް ޝިފާއުއަށް ލިބުނު ބޮޑު އުފަލަކަށެވެ. މަންމަމެންގެ އެދުމަށް ނަމަވެސް ޓިޗިން ހެދުމަކީ މިއަދު އާދެވިފައިވާ ހިސާބަށް އާދެވުމަށް ލިބުނު އެންމެ ރަނގަޅު ތަރުބިއްޔަތުކަމަށް ޝިފާއު ދެކެއެވެ.

"ޓީޗިން ކޯސްތައް ހުޅުވާލާއިރަށް މަންމަ ގުޅާފަ އަހާނެ، ދަރިފުޅާ ކޮބައި ކުރިމަތިލައިފިންހޭ. އަޅުގަނޑުގެ އެހާބޮޑު ޝައުގެއްނެތް. ކޮންމެ ފަހަރަކު އެހެން އަހާފަ ކިޔާތީ މަންމަމެން ކިޔާވަރުން އެޕްލައި ކުރީ. ހަދާންވަނީ 2005ވަނަ އަހަރު ޑިޕްލޮމާ އޮފް ޓިޗިން ސެކްންޑްރީ އެކައުންޓިން އަޅުގަނޑު ހެދީ. އެހެން ނަމަވެސް އެކަން ކުރީކީ ކުރާހިތަކުންވެސް ނޫން. އެކަމަކު މަންމެން ރަށުގައި ގެންގުޅެން ބޭނުންވާތީ އަޅުގަނޑު ލައްވައި ޓީޗިން ހެއްދުވީ." ޝިފާއު ވިދާޅުވިއެެވެ.

ސިޔާސީ ދާއިރާއަށް ނިކުމެވުނު ގޮތް

ޓީޗިންގެ ހަޔާތަށްފަހު ޝިފާއުވަނީ އިންޑިއާގައި މަތީ ތައުލީމު ހާސިލް ކޮށްފައެވެ. ރާއްޖެއަށް އެބުރި އައުމަށްފަހު ޕްރައިވެޓް ސެކްޓާގައި ޚިދުމަތް ކުރަމުން ޝިފާއުވަނީ ދާއިރާގެ މީހުންނާއެކު ސިޔާސީ އިސްލާޙީ މަސައްކަތުގައި ބައިވެރިވާން ފަށާފައެވެ. މިމަސައްކަތަކީ އޭރު އޮތް ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ކުރެވުނު މަސައްކަތާއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތެކެވެ. މިމަސައްކަތުގައި ޝިފާއުވަނީ އެމްޑީޕީގެ މުޒާހަރާތަކާއި އެއްވުންތަކާއި، ބައްދަލު ވުންތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވެފައެވެ.

އޭރުގެ މަސައްކަތުގައި ހަރަކާތްތެރިވި ގޮތާއި، ކުރެވުނު މަސައްކަތުން ޝިފާއުގެ ދާއިރާގެ ރައްޔިތުން ވަނީ އޭނާ 19ވަނަ މަޖިލީހަށް ނިކުތުމަށް ދައުވަތު އަރުވާފައެވެ. ނަމަވެސް ސިޔާސީ ގޮތުން އެހާ ކުރިއަށްދިއުމުގެ ވިސްނުން އޭރު ނެތުމުން ޝިފާއު ވިސްނާލަން ޖެހުނެވެ. މިކަމާއި ފުންކޮށް ވިސްނުމަށްފަހު އުފަން ރަށާއި، ދާއިރާގެ އެތައް ރައްޔިތުންގެ އެދުމުގެ މަތީން މަޖިލީހަށް ނިކުންނަން ނިންމާފައެވެ.

"އޭރުގެ މަސައްކަތް ފެނިފަ ރަށުގެ ވަރަށް ގިނަ ބޭފުޅުން އެދުނު އަޅުގަނޑު ކައިރީގައި އޭރުގެ އޮތް ހާލަތުގައި އިހަވަންދޫ ދާއިރާއަށް ނިކުމެދޭން. ދެންހަމަ ނިކުންނަން ވިސްނީމަ ނުނިކުތުމުގެ ފިކުރާއިއެކު ދަމުން ދަމުން ގޮސް، އެންމެ ފަހުން ރަށުގެ އެމްޑީޕީ ބައެއް އިސްމީހުން ބުނެއްޖެ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ނުނިކުމެއްޖިއްޔާ ރަށަށް ނާރުވާނަމޭވެސް." ޝިފާއު ވިދާޅުވިއެވެ.

ޝިފާއުގެ ސިޔާސީ މަސައްކަތުގެ އެންމެބޮޑު ކާމިޔާބީކަމުގައި އޭނާ ދެކެނީ ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި، ހެޔޮއެދޭ ރައްޓިހިންނެވެ. ސިޔާސީ ކަންކަމުގައި ކިތަންމެ ބިޒީ ވިޔަސް ރައްޓިހިންނަށް ވަގުތު ދިނުމަކީ އޭނާ ކޮންމެހެންވެސް ހުސްކުރާ ވަގުތެކެވެ. ޝިފާއު ދެކޭ ގޮތުގައި މަޖިލީހުގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި ސިޔާސީ ބަހުސްތަކަކީ "ޒާތީ އަސްލެއްނޫނެވެ. އެއީ ސިޔަސީ އަސްލެކެވެ".