މަޖިލީހުގެ ތާރީޚުގައި ފުރަތަމަފަހަރަށް އަޑު އިވުމުން މަޙްރޫމުވެފައި ތިބި މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރަވައިން ކިޔައިދޭން ވަނީ ފަށާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ އެއްބާރުގެ ގޮތުގައި އޮތް މަޖިލީހުގެ ޖަލްސާތައް، އިވުމުން މަޙުރޫމްވެފައިވާ މީހުންނަށް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
މިއަދުން ފެށިގެން ސައިން ލެންގްއޭޖުން މަޖިލީހުގެ ޖަލްސާތައް ގެނެސްދެނީ އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ. މަޖިލީހުގެ ޖަލްސާތައް އޮންނަ ކޮންމެ ދުވަހެއްގައި ފަޒްނީ ޖަލްސާތައް އިޝާރާތުން ގެނެސްދޭނެއެވެ. ފަޒްނީއަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބޭފުޅެކެވެ. އެންމެ ބޮޑަށް އޭނާ ފާހަގަވެގެން ގޮސްފައިވަނީ ކޯވިޑް-19ގެ ތެރޭގައި ކޮންމެ ދުވަހަކު އޭރު ބައްވަމުންދިޔަ ޕްރެސް ކޮންފަރެންސްތައް އިޝާރާތުން ގެނެސްދިން ހިސާބުންނެވެ.
މަޖިލީހުގައި މިއަދު ފެށި މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފަޒުނީ ވިދާޅުވީ، މިމަސައްކަތަކީ އިވުމުން މަހުރޫމް ވެފައިވާ ކުދިންގެ ވަރަށް ބޮޑު އެދުމެއްގެ މަތީން ފެށި މަސައްކަތެއް ކަމަށެވެ. ޖަލްސާ ފެށިއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުރި ނަމަވެސް މަޖިލިސްގެ ފްލޯ ގެންދާ ގޮތުން ގެނެސްދޭން ވަރަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަލަށް މިކުރެވުނު ތަޖުރިބާ އަކީ ވަރަށް ތަފާތު ތަޖުރިބާއެއް. ވަރަށް ހިންތަހަމަ ޖެހިފައ މިހިރީ ކުދިންގެ ރިކުއެސްޓް ފުލްފިލް ކޮށްލަދޭން މިމަސައްކަތުގައި އިންޓަރޕްރިޓް ކުރަން މިފުރުސަތު ލިބުނީމަ." ފަޒުނީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންއޮތް މުހިންމު މަސައްކަތެއް ކުރާ އިދާރާއަކަށްވާއިރު، މަޖިލިސް ތެރޭގައި ދެކެވޭ ވާހަތަކައި ކުރެވޭ މަސައްކަތް މުޖުތަމައުގައި އުޅޭ ކޮންމެ މީހަކަށް އެގުމަކީ މުހިންމު ކަމެއްކަމަށް ފަޒުނީ ވިދާޅުވިއެވެ.
އިވުމުން މަހުރޫމް ވެފައިވާ ކުދިންނަކީވެސް މަޖިލިސްގެ މަސައްކަތް އެގެން ބޭނުންވާ އެކަމުގެ ޝައުގުވެރިކަން ބޮޑު ބައެކެވެ. ޖަލްސާތައް ގެނެސް ދިނުމުގައި ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު ބޭނުންކުރާ ބަސްތަކަކީ އަދި ސައިންތައް ހެދިފައި ނެތް ދާއިރާތަކަށްވުމުން ގޮންޖެހުން އެބަހުއްޓެވެ. ނަމަވެސް މިއީ ފެށުމެއް ކަމަށާއި، ޖަލްސާތައް ގެނެސްދޭނީ، ޑެފް އެސޯސިއޭޝަންގެ މަޝްވަރާގެ މަތީން ކަމަށެވެ.
މަޖިލިސް ޖަލްސާތައް އިޝާރާތުން ގެނެސް ދިނުމުން އެންމެ ބޮޑު ހިތްހަމަޖުމެއް ލިބިފައިވަނީ އިވުމުން މަހުރޫމް ވެފައިވާ މީހުންނަށެވެ. ފަޒުނީ ޖަލްސާ ގެނެސްދޭ ގޮތާއި، ޖަލްސާތައް ހުށަހަޅާދޭ ގޮތާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން އިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ގެނެސްދޭން ނިންމާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން މަޖިލީހުން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިއަމެންޓް ފޯ ޔޫތް" ޕްރޮގްރާމްގައި ބައިވެރިވި އިވުމުން މަހުރޫމް ވެފައިވާ "ނާއިޝް" މަޖިލިސް ރައީސް އަރިހުން އެކަމަށް އެދުމުންނެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެދުވަހު މިކަން ކުރެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ނާއިޝްގެ އެދުނު ގޮތަށް މިއަދުން ފެށިިގެން މަޖިލީހުގެ ޖަލްސާތައް ސައިން ލެންގުއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ ކިޔައިދޭ ގޮތަށް ހަމަޖެހިފައިވާއިރު މިއީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އެކަހެރިކޮށްނުލައި އެއްވެސް ތަފާތެއް ނެތި މައުލޫމާތު ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވިގެން ދިޔަ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މަޖިލީހުގެ އަމާޒަކަށް ވެފައިވަނީ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމެޓީތަކުގައި ކުރެވޭ މަސައްކަތްތައްވެސް އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ގެނެސްދެވޭނެ އިންތިޒާމު ހަމަޖެސުމެވެ.