މުނިފޫހިފިލުވުން

ވިހައިގެން އެންމެ ބާރަ ދުވަސްވީ ބާރްތީ އެނބުރި މަސައްކަތަށް


ކޮމީޑިއަން އަދި ޝޯ ހޯސްޓު ބާރްތީ ސިންގާއި ފިރިމީހާ ހަރްޝް ލިމްބާޗިއާއަށް މި މަހުގެ ތިން ވަނަ ދުވަހު ވަނީ ކުއްޖަކު ލިބިފައެވެ. މިއާއިއެކު ގިނަ ބަޔަކު ދަނީ އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ވިހެއުމުގެކުރިން މި ދެމީހުން ވަނީ "ހުނަރުބާޒް:ދޭޝް ކީ ޝާން" ކިޔާ ރިއަލިޓީއެއް ހުށަހަޅައިދޭން ފަށާފައެވެ. ބާރްތީ ވިހެއުމަށްފަހުވެސް "ނާގިން" ގެ ތަރި ޝުރުބީ ޗަންދަން އާއިއެކު ހަރްޝް ދިޔައީ މި ޝޯ ހުށަހަޅައިދެމުންނެވެ. އަދި ބާރްތީވެސް މިހާރު ވަނީ އެބުރި ޝޯ ހުށަހަޅައިދޭން ފަށާފާއެވެ. ވިހައިގެން އެންމެ 12 ދުވަސްވީ ބާރްތީ ބުނިގޮތުގައި ދަރިފުޅާއި ދުރަށް އަންނަންޖެހޭތީ ވަރަށް ދެރަވިކަމަށެވެ. ނަމަވެސް މިއީ އޭނާ ކުރާ މަސައްކަތް ކަމަށާއި ޝޯ ފެށީ އޭނާކަމަށް ވުމުން ނިންމަންވެސް ޖެހޭނީ އޭނާ ކަމަށް ބާރްތީ ބުންޏެވެ.

ހަރްޝް އާއި ބާރްތީ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އަދި އެކުއްޖާ އަށް ކިޔާ ނަން ހާމަނުކުރިއަސް ނިކް ނޭމެއްގޮތަށް ކިޔަނީ ގޯލާ ކަމަށް ބާރުތީ ބުންޏެވެ.

މިހާތަނަށް ބާރްތީ ހުށަހަޅައިދިން ޝޯ ތަކުގެ ތެރޭގައި 2014 ވަނަ އަހަރު ދެއްކި "އިންޑިއާސް ގޮޓް ޓެލެންޓު" ސީޒަން 5، 2015 ވަނަ އަހަރު ދެއްކި "ކޮމެޑީ ނައިޓްސް ބަޗާއޯ"، 2016 ވަނަ އަހަރު ދެއްކި "އިންޑިއާސް ގޮޓް ޓެލެންޓް" ސީޒަން 7، 2018 ވަނަ އަހަރު ދެއްކި "އިންޑިއާސް ގޮޓް ޓެލެންޓް" ސީޒަން 8، އަދި ހަމަ އެ އަހަރު ދެއްކި "އިންޑިއާސް ބެސްޓު ޑާންސާ" ، 2019 ވަނަ އަހަރު ދެއްކި "ބާރްތީ ކާ ޝޯ އާނާ ހީ ޕަޅޭގާ" 2020 ވަނަ އަހަރު ދެއްކި "ހަމް ތުމް އޯރް ކަރަންޓީން" ،2021 ވަނަ އަހަރު ދެއްކި "ޑާންސް ދިވާނޭ" ސީޒަން 3 އަދި މިއަހަރު ދައްކަން ފެށި "ހުނަރުބާޒު:ދޭޝް ކީ ޝާން" ހިމެނެއެވެ.