ޚަބަރު

ރޯދަހިފުން: ޞިއްޙީ ގޮތުން އެތައް ފައިދާތަކެއް ލިބިގެންދޭ


ރޯދައަކީ އިސްލާމްދީނުގެ ފަސް ތަނބުގެތެރެއިން އެއް ތަނބެވެ. ރޯދަ ހިފުމަކީ އޭގެ ސަބަބުން އެމީހެއްގެ އީމާންކަން ރަނގަޅުވެ ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ.

ރޯދައަށް ހުރުމަކީ އިންސާނާއަށް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އެއްގޮތެވެ. އެހެންކަމުން ރޯދަ އަށް ހުރުމަކީ ސަރޖަރީއަކާ ނުލައި ކުރެވޭ އޮޕަރޭޝަނެކޭ ބުނެވިދާނެ ކިތަންމެ ފުރުޞަތުތަކެއް އެބަހުއްޓެވެ. އިންސާނާ އަށް ލިބިފައިވާ ލޮޑުކަމުގެ އިޙްސާސް ފިލުވައިލުމުގެ އެއް ފަރުވާއަކީ ވެސް ރޯދައަށް ހުރުމޭ ބުނެވިދާނެއެވެ. އަދި ހަމަ އެއާއެކު ގިނަ ވަގުތަށް ދެމިގެންދާ ރޯދައަކީ އިންސާނާގެ ހަށިގަނޑަށް ލުއިކަމެއް ގެނެސް އޭނާގެ ބަރުދަން ލުއިކޮށްދޭ ކަމެއް ކަން ސައިންސްގެ ހޯދުންތަކުން ވަނީ އެނގިފައެވެ.

ރޯދައަށް ހުރުމަކީ އެކަމުގެ ސަބަބުން ރޯދަ ހިފާ މީހަކަށް ޞިއްޙީ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ލިބޭ ކަމެއްކަން ފާހަގަ ކުރެވެއެވެ.

ރޯދަ ހިފުމަކީ ހަށިގަނޑުން ބޭކާރު ވިހަތައް ސާފުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ސިއްހަތަށް ގެއްލުންވާފަދަ ކަންތައްތަކުން ދުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

ރޯދައަށް ހުރުމުން ސިއްހަތައް ގެއްލުންވާ ބައެއް ނޭދެވޭ އާދަތަކާ ދުރުހެލިވޭ

ރޯދައަށް ހުރުމުގެ ސަބަބުން ސިއްހަތައް ގެއްލުންވާ ބައެއް ނޭދެވޭ އާދަތަކާ ދުރުހެލިވުމަށް އެހީތެރިވެދެއެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހަށިގަނޑަށް ގެއްލުންދެނިވި އާދަތައް ހުއްޓާލުމަށް ރޯދަ މަހަކީ ވަރަށް ފަސޭހަ މަހަކަށް ވެގެންދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތަކުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކުން ރޯދަ މަހުގެ ފުރަތަމަ ދުވަހު އެކަމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ފެށިދާނެއެވެ. އެއީ އެފަދަ ކަމެއް ކުރަން ފެށުމަށް ވަރަށް ރަނގަޅު ތާރީޚެކެވެ. ފުރަތަމަ ދުވަހު އެކަން ކާމިޔާބު ނުވެއްޖެނަމަ ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް އެފަދަ ދުވަހެއް ކަމަށް ދެކިގެން، ރޯދަމަހުގެ ތެރޭގައި މަސައްކަތްކޮށްގެން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުރުހެލިވެވިދާނެ އެވެ.

މިކަންތައްތަކާއި ދުރުވުމުގެ އިތުރުން އަޅުގަނޑުމެން އާދައިގެ ގޮތެއްގެ މަތިން ބޭނުންކުރަމުންދާ ސިއްހަތަށް ގެއްލުން ހުރި އެނާޖީ ޑްރިންކްސްތަކާއި ތައްޔާރީ ކާނާތަކާއި ދުރުހެލިވެ، ސިއްހަތަށް ފައިދާ ހުރި މޭވާއާއި ތަރުކާރީ ބޭނުން ކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފަނިތަކާއި ކެއުންތައް ބޭނުންކުރުން އާދައަކަށް ހެދުމަށް ރޯދަ އެހީތެރިވެދެއެވެ.

ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ

ދިފާއީ ނިޒާމަކީ ހަށިގަނޑަށް ރައްކާތެރިކަން ގެނެސްދޭ ސިސްޓަމެވެ. އެއީ އަނިޔާވެރި ބެކްޓީރިއާ އަދި ބަލިތަކުން ހަށިގަނޑު ދިފާއުކޮށްދޭ ސިސްޓަމެވެ. މީގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ ލޭގެ ހުދު ސެލްއެވެ. ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގައި ގިނަ އަދަދަކަށް ހުދު ސެލް އުފައްދައެވެ.

ރޯދަމަހު ރަނގަޅު ޑައިޓެއް ބެހެއްޓިއްޖެނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމް އެތައް ގުނައެއް ވަރުގަދަ ކޮށްދޭނެއެވެ. މިގޮތުން ދުވާލު ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުގައި އުފެދިފައި ހުންނަ ޓޮކްސިންތަކާއި ސަރުބީތައް މަދުކޮށްދެއެވެ. އަދި ރޯދަ ވީއްލުމަށް މޭވާ އަދި ތަރުކާރީ ބޭނުން ކުރާނަމަ އެއިން ލިބިދޭ މައުދަންތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަ ކޮށްދެއެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ސަރުބީތައް ހަކަތައަށް ބަދަލުކޮށް އެ ބޭނުންކުރެއެވެ. މި ސަރުބީތައް މަދުވުމުގެ ސަބަބުން ލޭހޮޅިތައް ބެދުން ކުޑަވެ ބްލަޑް ޕްރެޝަރ ދައްވެއެވެ. އަދި މީގެ އިތުރުން ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުގެ މެޓަބޯލިކް އެކްޓިވިޓީސް އެއް މިނެއްގައި ހިފެހެއްޓި ހަށިގަނޑުގެ ހިނގުން އަވަސްކޮށްދޭ ބައެއް ހޯމޯންތައް ކަމުގައިވާ އެޑްރެނަލިން ފަދަ ހޯމޯންތައް އުފެއްދުން މަދުކޮށް ލޭގެ ޕްރެޝަރުދަށްކޮށްދެއެވެ.

ނުރައްކާތެރި ސަރުބީތައް މަދުކޮށްދޭ

ރޯދައަށް ހުރުމުގެ ސަބަބުން ރޯދައަށް ހުންނަ މީހާއަށް ސިއްހީ އެތަކެއް ފައިދާއެއް ލިބިދެއެވެ. މިގޮތުން ހިތުގެ ބަލި ހުންނަ މީހުންނަށް ރޯދައަކީ ވަރުގަދަ ޝިފާއެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ލޭގައި ހުންނަ ނުރައްކާތެރި ސަރުބީތައް މަދުކޮށްދީ ކޮންޓްރޯލްކުރުމަށް ބޭނުންވާ ބައެއް މާއްދާތަކުގެ މިންވަރު އިތުރުކޮށްދެއެވެ.

ސައިންސްވެރިން ދެކޭގޮތުގައި ރޯދައަށް ހުރުމުން ލިބޭ ފައިދާތައް :

- މެންޓަލީ އިންސާނާއަށް ކުރިއެރުން ލިބި ސިކުނޑީގައިވާ ނުތަނަވަސްކަން ފިލައިގެން ދިއުން
- ހަށިގަނޑުގައިވާ ގުނަވަންތައް ރީޗާރޖްވުން
- ނޭވާލުމުގައި އެއްވެސް ދަތިކަމެއް ނެތި ފަސޭހަވެގެން ދިއުން
- ހަމަށް އޮމާންކަން ލިބިގެންދިއުން
- ގިނަ ވަގުތު ރޯދައަށް ހުރުމުން ލިބިގެންދާ ހަކަތައިގެ މިންވަރު އިތުރުވުން

މީގެ އިތުރުންވެސް ރޯދަ މަހަކީ ރޫހާނީ ގޮތުން ނަފުސުތައް ދިރި، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ ދުވަސްވަރެކެވެ. އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާވެ، ރަނގަޅުކުރުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން ރޯދަ ހިފުމަކީ ދޭދޭ ގުޅުންތައް ރަނގަޅުވެ، އެކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ދިރުން ގެނުވާނެ ކަމެކެވެ.

ކޮންމެ އަކަސް ރޯދަމަހަކީ އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެންގެ ހަށިގަނޑަށް ވެސް ތަބީޢީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކެއިންބުއިމުގައި ޞިއްޙަތަށް ފައިދާހުރި ގޮތްތައް ޚިޔާރުކޮށް، އަޅުގަނޑުމެންނަށް ކެއިންބުއިމުގައި ގެންގުޅެވޭ އުސޫލުތަކުގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ނުކުރާނޭ ގޮތަކަށް ކަންތައްތައް ތަރުތީބުކޮށްލުން ރަނގަޅެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ ރޯދަ މަސް ފުރިހަމަކުރެވޭނީ އޭރުންނެވެ.