ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބ.އަތޮޅުގެ ފަސްރަށެއް ސާވޭކުރަން ފަށައިފިއެވެ. ސާވޭ ކުރަންފެށީ ކުޑަރިކިލާއި، ކިހާދޫއާއި، ދޮންފަނުގެ އިތުރުން އެންމެ އާބާދީ މަދު ދެރަށްކަމަށްވާ ފުޅަދޫ އާއި ފެހެންދޫގައެވެ. މި ފަސް ރަށުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ފެނަކަ ކޯޕަރޭޝަނާ މިމަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މި ފަސްރަށާއެކު އިތުރު 5 ރަށެއް ހިމެނޭގޮތައް 10 ރަށެއްގައި މިމަސައްކަތް ކުރުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.
މި 10 ރަށުގައި ވެސް މިހާރު ސާވޭގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެކުންފުނިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިނެވެ.
އެކުންފުނިން ބުނީ މި 10 ރަށުގައި ކުރިއަށްދަނީ ޑިޒައިން ކުރުމާއި، އީއައިއޭ ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައްކަމަށެވެ. ސާވޭގެ މަސައްކަތް ކުރިއަށްދާއިރު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު ހޯދާ ރައްޔިތުން ބޭނުންވާ ބަދަލުތައް ހިމަނާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. މިސާވޭގެ މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޮކް އިންނެވެ.
ބ.އަތޮޅުގައިި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ލިބެން އޮތީ ހަމައެކަނި އޭދަފުށްޓާއި ތުޅާދޫގައެވެ. އެހެންނަމަވެސް ދަރަވަންދޫގައި ފެނުގެ ޚިދުމަތް މިހަފްތާތެރޭގައިވަނީ އިފްތިތާޙްކޮށްފައެވެ. އަދި ނަރުދަމާގެ މަސައްކަތް އެރަށުގައި އަންނަނީ ކުރަމުންނެވެ.
ބ.އަތޮޅުގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެތެރެއިން ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާ މިހާރު އޮތީ ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. ހިތާދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑު ބައެއްވަނީ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަގުތަކުގައި ބަހައްޓާ ޖަންގްޝަންތައް ފެއްތުމުގެ މަސައްކަތާއި ނަރުދަމާއަށް ބޭނުންވާ ހޮޅިތައް ގެތަކަށް ވެއްދުމުގެ މަސައްކަތެވެ. ކަމަދޫ އާއި މާޅޮހުގައިވެސް ނަރުދަމާގެ މައިހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ޤާއިމްކުރާ އާރުއޯ އިމާރާތް ވަނީ ނިމުކަމާ ގާތްވެފައެވެ.
ދަރަވަންދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ބ.އަތޮޅުގެ ހިތާދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީންނެވެ. ހިތާދޫގައި މިމަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް ކުންފުނިންނެވެ.
ބ.އަތޮޅުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަލަށް ފަށާ ފަސްރަށުގައި އަމަލީ މަސައްކަތް މިއަހަރު މެދެއްހާ ހިސާބުގައި ފެށޭވަރުވާނެ ކަމަށް އެރަށްތަކުގެ ކައުންސިލްތަކުން މައުލޫމާތުދެއެވެ.
އާބާދީގެ ގޮތުން ކުޑަބޮޑުމިނެއް ބެލުމެއް ނެތި މިފަސް އަހަރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. އެގޮތުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްވެފައި ނެތް ރަށްރަށުގައި މިނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.