ޚަބަރު

ރޯދަމަހު މަގުތަކުގެ ޓްރެފިކާއި، އާންމުގެ ސަލާމަތަށް ޚާއްސަ ޕްލޭނެއް


ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް، ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ހަނދު މިރޭ ސާބިތުވެއްޖެނަމަ، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް މާދަމާ ވެގެންދާނެއެވެ.

ރޯދަމަހަކީ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށާއި، މިސްކިތްތަކަށާއި، ފިނި ބުރުޖެހުމަށްވެސް ގިނަ ބަޔަކު ނިކުންނަ މައްސަރެކެވެ. އެެހެންކަމުން މުދާ އުފުލުމުގައާއި، މަގުމަތީގައި ދުއްވާ ވެހިކަލްތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ޚާއްސަ ޕްލޭނެއް ފުލުހުން ވަނީ އެކުލަވާލާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޯމަހަށް ޓްރެފިކްގެ އެންމެ ބޮޑު ތަކްލީފެއް އޮންނާނެ އެއްސަރަހައްދަކީ މާލެ ސަރަހައްދަށްވުމުން، މާލެ ސަރަހައްދުގެ ޓްރެފިކަށް ޚާއްސަ ސަލާމުކަމެއްދީ، ރޯދަމަހަށް ޚާއްސަ އޮޕަރޭޝަނެއް ރާވާފައިވާކަމަށެވެ.

ރަމަޟާން މަހާއި ދިމާކޮށް މިސްކިތްތައް ހުންނަ ސަރަޙައްދުގެ މަގުތައް ބަލަހައްޓައި، ފަސޭހައިން ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ބާރުބޮޑުވާ މިސްކިތްތަކާއި، ވަކިން ޚާއްސަކޮށް ތަރާވީސް ވަގުތުގައި އެންމެ ބާރުބޮޑުވާ މިސްކިތްތައް ހުންނަ ސަރަޙައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި ބާޒާރު މަތީ ސަރަހައްދާއި، ސްކޫލުތަކާއި، ރައްޔިތުން އާންމުކޮށް އެންމެ ގިނައިން ބާޒާރު ކުރަން ނިކުމެ އުޅޭ ސަރަހައްދުތަކަށް ޚާއްސަ އިސްކަމެއް ދީގެން ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން މިހާރުވެސް އެންމެ ބޮޑަށް ޓްރެފިކުގެ ކަންކަން ދިމާވާ ބްރިޖު ސަރަހައްދާއި، ބްރިޖްގެ ލައިޓު ސަރަހައްދުގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ ދުވަހަކުވެސް ފުލުހުންގެ ޚާއްސަ ޓީމަކުން ހަރަކާތްތެރިވާނެކަމަށް ސީޕީ ވިފާޅުވިއެވެ.

ރަމަޟާން މަހުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، ހިންގޭ ކުށްތަކަށް ޚާއްސަ ސަމާލުކަމެއް ދިދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މީހުން ނަމާދަށް މިސްކިތްތަކަށް ދާ ވަގުތަކާއި، ހެނދުނުގެ ވަގުތުތަކާއި، އަދި ދަންވަރުގެ ވަގުތުތަކުގައި ވައްކަން ކުރާ މީހުންނާއި، އެނޫންވެސް ކުށްތަކަށް އަރައިގަންނަ މީހުންނަށް އެފުުސަތު ނުދިނުމުމަށް މުޅި މާލޭގައި ފުލުހުން ހަރަކާތްތެރިވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ އަމާޒަކީ ރަމަޟާން މަހުގައިވެސް އަދި އެނޫން މަސްތަކުގައިވެސް އާންމު ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުންކަމަށާއި، އެމަސައްކަތުގައި ދިވެހި ފުލުހުން ސާބިތުވެ ތިބޭނެކަމަށް ސީޕީ ވިދާޅުވިއެވެ.